ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން، އިތުރު ބަހުސެއް ބޭނުމެއް ނޫން: އިދިކޮޅު
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރަކީ އަބަދުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި، އެއީ އިތުރު ބަހުސަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ

އިދިކޮޅު ކޯލިޝަންގެ ލީޑަރަކީ ރައީސް ޔަމީންކަމަށް އެ ކޯލިޝަނުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ބުނެފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ޖަލަށް ލުމުގެ ސަބަބުން އެކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

"އިދިކޮޅު ލީޑަރާއި މެދު ބަހުސަކަށް" މި ނަމުގައި ރާއްޖޭގެ ނިއުސް ޗެނަލަކުން ގެނެސްދީފައިވާ ރިޕޯޓަކާ ގުޅިގެން އެކަން ހަރުކަށި އިބާރަތުން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ބަޔާނެއް ނެރިފައެވެ.  

އެ ބަޔާނުގައި ބުނެފައިވަނީ "އިދިކޮޅު ލީޑަރާއި މެދު ބޮޑު ބަހުސަކަށް؟" މި މައުލޫގައި އެ ޗެނަލުން ގެނެސްދީފައިވާ ރިޕޯޓުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕް ބަދުނާމުކޮށް އެ ބޭފުޅުންނާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ލީޑަރަކީ ޕީޕީއެމް ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެކަމަކީ އިތުރު ބަހުސަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އެއާއެކު އެރިޕޯޓުގައި އިދިކޮޅު ލީޑަޝިޕްގެ ތެރޭގައި ބައިބައިވުން އޮތް ކަމާއި، އިދިކޮޅު ލީޑަރުގެ މަގާމުގެ ވާދަވެރިކަން އޮތް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ އެ ކޯލިޝަންގެ ލީޑަޝިޕް ބައިބައި ކުރުމަށް ދުރާއި ގާތުން ކުރަމުން ގެންދާ މަސައްކަތްތަކެއްގެ ތެރެއިން ބަޔަކު އުފަންކުރުވާފައިވާ ހަގީގަތާއި ހިލާފު ހިޔާލީ ވާހަކަތަކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕާއި ކައުންސިލާއި ހުރިހާ ގުނަވަނަކުންވެސް، އަދި ދިވެހި ރައްޔިތުންވެސް އިދިކޮޅު ލީޑަރާއި މެދު ސުވާލު އުފައްދާފައި ނުވާއިރު އެފަދަ ގޮތަށް ނޫސްތަކުގައި ހެޑްލައިން ހަދާ ޓީވީ ޕްރޮގްރާމްތަކުން ރިޕޯޓް ހަދަމުން ގެންދަނީ އިދިކޮޅު ކޯލިޝަނާއި ކޯލިޝަންގެ ލީޑަޝިޕާއި މެދު ދިވެހި ރައްޔިތުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފައްދައި، ކޯލިޝަންގެ ލީޑަޝިޕާއި ކޯލިޝަން ބައިބައި ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.

އެހެންނަމަވެސް އެ ކޯލިޝަންގެ ލީޑަޝިޕާއި އިދިކޮޅު ކޯލިޝަންގެ އެއްވެސް މެންބަރަކު އޮތީ ކޯލިޝަން ބައިބައި ކޮށްލުމުގެ ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށާއި، ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން މިނިވަންކޮށް ދިވެހިރާއްޖޭގެ ވަލީއުލްއަމްރުގެ މަގާމަށް އަނބުރާ ގެނައުން ކަމަށްވެސް ބަޔާނުގައި އިތުރަށް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް