ads
މާލެ ކާފިއު
18 ދުވަހުގެ ކާފިއު، ފޫނެތް ފަޔަށް ފެން ފުރުނީތަ!
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުން އަދިވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކޮށް ބަލި ކޮންޓޯލްކުރުމަށް މި މަހުގެ ހަ ވަނަ ދުވަހު ހާއްސަ ފިޔަވަޅުތަކެއް އެޅި އެވެ. އޭރު ވެސް ފިޔަވަޅުތައް ވަރުގަދަކޮށްގެން ބަލި ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް އެކަމުން މާބޮޑު އެދެވޭ ނަތީޖާއެއް ނުކުންނަތަނެއް ނުފެނެއެވެ.
Advertisement

ސަރުކާރުން އެންމެ ފުރަތަމަ މި މަހުގެ ހަ ވަނަ ދުވަހު މާލެ ސަރައްދުގައި ކާފިއު އިއުލާނުކުރީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް ދަށަށް ދާތަން ނުފެނުމުން ކާފިއުގެ ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އަށް އިތުރު ކުރިއެވެ.

ނިސްބަތުން ޕޮޒިޓިވާ މީހުން ގިނަ: ލިސްޓުގެ 14 ވަނައިގައި!

އަދިވެސް ހަމަ ކޮވިޑުގެ ކޭސްތައް ދަށަށްދާތަނެއް ނުފެނެއެވެ. ކޭސްތައް ކޮންމެ ދުވަހަކުވެސް އުޅެނީ 1000 އިން މަތީގައެވެ. މި މަހުގެ މިހާ ހިސާބަށް އައި އިރު ކޮވިޑު ޖެހިގެން 60 އަށް ވުރެ ގިނަ މީހުން މަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމަކެވެ. އެކްޓިވް ކޭސްތައްވެސް އުޅެނީ 23،000 އިން މަތީގައެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިވަގުތު ރާއްޖެ އޮތީ މުޅި ދުނިޔެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވާ ގައުމުތަކުގެ ލިސްޓުގެ 14 ވަނައިގައެވެ. މިހާރު މީހުން ޕޮޒިޓިވްވަމުންދާ ރޭޓަށް ބަލައިފިނަމަ ނިސްބަތުން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވުން ގާތެވެ. 

ރާއްޖޭގެ ކޯވިޑް-19 ހާލަތުގެ ކޮންޓްރޯލު އަތުން ދޫވެ ކޮންޓްރޯލުން ނެއްޓިފައިވާކަމަށް އަދިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ސިއްހީ ދާއިރާ ވަރުބަލިވެފައި!

ކޮވިޑުގެ ބަލިމީހުން ބައިތިއްބާ ހުޅުމާލޭ ފަސިލިޓީގައިވެސް ބަލިމީހުންގެ އަދަދަށް ބަލާއިރު އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަކަށް ފަރުވާ ނުދެވިގެން އުޅެނިކޮށް އަނެއް ދެމީހުން ޕޮޒިޓިވްވެގެން ގެނެސް ފަސިލިޓީއަށް ވައްދަނީއެވެ. ސިއްހީ މާހިރުން ވިދާޅުވަމުން އަންނަނީ ވަރުބަލިވެއްޖެ ކަމަށެވެ. 

އެޗްއޯސީން މިދިޔަ އާދިއްތަ ދުވަހު ވެސް ބުނީ ބަލި މީހުންނަށް ފަރުވާދިނުމަށް އެކަށީގެންވާ ހިއުމަން ރިސޯސް ނެތް ކަމަށެވެ. ނަމަވެސް ޑޮކްޓަރުންނާ ނަރުހުންނަކީ ރާއްޖޭގައި ނެތްވަރަކުން އިތުރުކުރެވޭނެ ބައެއް ނޫނެވެ. ރާއްޖޭގައި އެވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވިއެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ހައްލުކޮށް، ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ހެލްތް މިނިސްޓްރީންވެސް ވަނީ ވޮލިންޓިއަކޮށް ކޮވިޑް ފަސިލިޓީތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައެވެ. އަދި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންވެސް އަންނަނީ ފަސިލިޓީތަކުގައި ބަލި މީހުންގެ ކައިރީ ހަރަކާތްތެރިވަމުންނެވެ. 

ސަރުކާރު އޮފިސްތައް ބަންދުވީ ނަމެއްގައި!

މި މަހުގެ ހަ ވަަނަ ދުވަހު އިއުލާނު ކުރި ކާފިއު އާއެކު ސަރުކާރުގެ އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދޭން ސަރުކާރުން ނިންމި އެވެ. ނަމަވެސް އެ ނިންމުމުގެ ނަތީޖާއެއް ނުފެނުނު ކަހަަލަ އެވެ. ބައެއް އޮފިސްތަކުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވި އިރު އެ އޮފިސްތަކުގެ މުވައްޒަފުން ޕޮޒިޓިވް ވި އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ޕޮޒިޓިވްވުމަށް މަގު ފަހިވި އެވެ. ނަމަވެސް އެވަރުން ވެސް އެ އޮފީސްތައް ބަންދުކުރާކަން އެ ތަނުގެ ވެރިން ބޭނުމެއްނުވި އެވެ. ގޭގައި ކުރެވޭ މަސައްކަތް ކުރުމަށް ވެސް އޮފީހަށް ނެރެން ބާރު އަޅާ އޮފީހަށް ނެރެގެން މަސައްކަތް ކުރުވި އެވެ. މިކަންކަން މިނިސްޓަރުންނަށް ވަރަށް ސާފުކޮށް އެނގިފައިވާކަމަށް ވެ އެވެ. ނަމަވެސް އެ މިނިސްޓަރުންނަކަށް ވެސް އެއީ ބޮޑުކަމަކަންނުވި އެވެ.

ކާފިއު ހިންގައިގެން ލިބުނު ނަތީޖާއަކީ ކޮބާ؟

ކައުންސިލް އިންތިހާބަށް ދިޔައިރު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އާންމުގޮތެއްގައި ހުރީ ވަރަށް ބޮޑުތަނުން ދަށްކުރެވިފަ އެވެ. ނަމަވެސް ކައުންސިލް އިންތިހާބަށް ފަހު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ތިން ވަނަ ރާޅެއް ބިންދައިލައި އެ ރާޅުން ސަލާމަތްވުމަށް އެޅި ފިޔަވަޅުތަކުން ލިބުނީ އުއްމީދު ކުރިވަރުގެ ނަތީޖާއެއްތޯ މިއީ ކުރެވޭ ބޮޑު ސުވާލެކެވެ.

ކޮވިޑާގުޅިގެން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް ވެސް އަޅާނީ އެ ފިޔަވަޅުން ލިބޭނެ ނަތީޖާއަކާ މެދު ވިސްނާ ހިސާބެއް ޖަހާފަ ކަމަށް ބެލެވެ އެވެ. ނަމަވެސް މިމަހުގެ ހަ ވަނަ ދުވަހު  އެޅި ފިޔަވަޅުތަކުން ލިބުނީ ކޮން ފައިދާއެއްތޯ އާއި އެ ފައިދާ ލިބުނުތޯ މިއީ ސާފުނުވާ ކަންކަމެވެ. ޔަގީނުން ވެސް ތަފާސް ހިސާބުން ދައްކާގޮތުގައި ޕޮޒިޓިވްވާ މީހުންގެ އަދަދެއް މަދެއްނުވި އެވެ. އަދި މަރުވި މީހުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. އެހެންކަމުން ފެންނަށް ހުރި ތަފާސްހިސާބަށް ބަލާއިރު މި މަހު ހަ ވަނަ ދުވަހު ހިންގި ކާފިއުގެ ސަބަބުން ލިބުނު ފައިދާއެއް ފެންނަށް އެބަ އޮތްތޯ އެވެ. 

ފަހަރުގައި އެ ފިޔަވަޅު ނޭޅި ނަމަ މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މައްޗަށް ޖެހިގެން ހިނގައިދާނެ އެވެ. ކާފިއުގެ ނަތީޖާއަކީ މިދިޔަ 18 ދުވަހު ފެނުނު  އަދަދުތައް އެ އަށްވުރެ މައްޗަށްދިޔަ ނުދިއުންކަމަށް ވެދާނެ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ ކާފިއު ހިންގައިގެން އެ އޮތީ ނަތީޖާއެއް ފެނިފަ އެވެ. ނަމަވެސް ކާފިއުއެއް އެވަރަށް ހިންގަންވާނީ ހުރިހާ ނަޒަރަކުން ބަލައި ސިއްހީ ތަޖުރިބާކާރުންގެ ލަފައާއެކު އެ އަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. 

މިދިޔަ 18 ދުވަހުގެ ކާފިއު ހިންގައިގެން މާލީ ގޮތުން ލިބުނު ގެއްލުމަކީ ވެސް ގައުމަށް ލިބުނު ބޮޑު ގެއްލުމެކެވެ. އެހެންކަމުން ބަލި މީހުންގެ އަދަދު މަދުކުރަން އަޅާ ފިޔަވަޅުތައް ވާން ޖެހޭނީ ހުރިހާ ދިމާލަކަށް ބަލައިގެން އެކަމުން ނުކުންނާނެ ނުވަތަ ނެރެވިދާނެ ނަތީޖާއަކަށް ވިސްނައިގެން އަޅާ ފިޔަވަޅަކަށް ނޫނީ ވެގެން ނުވާނެ އެވެ. އެހެން ނޫން ނަމަ އެޅޭ ހުރިހާ ފިޔަވަޅެއް ވެގެންދާނީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް