މަލީހު މިފަދަ މޭރުމަކުން ޓްވީޓުކުރެއްވީ ސަރުކާރުން އިންޓަނެޓުގެ އަގުތަކަށް ގެންނަ ބަދަލުތައް މިއަދު އިއުލާނުކުރާނެކަން ހާމަކޮށްފައިވި، ނަމަވެސް އިންޓަނެޓަށް ގެންނަ ހެޔޮ ބަދަލުތައް މިއަދު އިއުލާން ނުކުރަން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މަލީހު ވިދާޅުވީ ސަރުކާރުން ހެޔޮކުރަން ބުނި އިންޓަނެޓުގެ އަގު އަދިވެސް އިއުލާން ނުކުރެވުނު ކަމަށާއި މިނިސްޓަރު ޝައުނާއަށް ވެސް މިހާރު ދިމާވަމުން އެދަނީ އޭގެ ކުރީގައި މަލީހަށް ދިމާވި ހާލަތު ކަމަށެވެ. އެއީ ހުރިހާ ކަމެއް ނިމުމުންވެސް ފައިނަލް ޑިސިޝަން ނަގަންޖެހޭ ފަރަތުން އެ ޑިސިޝަން ނަގަން ނުކެރުން ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރުވެސް އިންޓަނެޓުގެ އަގަށް ބަދަލުގެންނާނެކަމަށް ބުނެ ސަރުކާރުން ގިނަ ތާރީހުތަކެއް އިއުލާނުކުރި ނަމަވެސް އަގުތަކަށް ބަދަލު އައިސްފައެއް ނުވެއެވެ. މަލީހް މިނިސްޓަރުކަމުގައި ހުންނެވިއިރު އިންޓަނެޓު އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ރައީސް އޮފީހަށް ފޮނުވިން ކަމަށާއި، ނަމަވެސް އެކަން ނުކުރީ ސަރުކާރުން ކަމަށް މަލީހު ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މަލީހު މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށް އެންވާރަމަންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލައި އައިމިނަތު ޝައުނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނުކުރާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.