އިންޓަނެޓުގެ އަގުތައް ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވައުދެކެވެ. އެގޮތުން އެންމެ ފުރަތަމަ ޖޭޕީގެ ސްލޮޓެއްގައި އެ މިނިސްޓްރީއަށް 2018 ވަނަ އަހަރު އައްޔަންކުރެއްވީ މަލީހުއެވެ. ނަމަވެސް މަލީހު އެ މަގާމުން ވަކިކޮށް، ޓެކްނޮލިޖީ މިނިސްޓްރީ އުވާލިއެވެ. އެއަށްފަހު އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލައި އެ މިނިސްޓްރީއަށް އެމްޑީޕީގެ އައިޝަތު ޝައުނާ މި މަހުގެ ފަސް ވަނަ ދުވަހު އައްޔަންކުރެއްވިއެވެ.
ސީއެންއެމް ގެ "އިތުރުކާފު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމުން އޭގެ ވަރަށް ބޮޑެތި ވާހަކަތަކެއް ދޭހަވާ ކަަމަށާއި، ސަރުކާރުން ޓެކްނޮލޮޖީ މިނިސްޓްރީގެ ނަމުގައި ވަކި މިނިސްޓްރީއެއް އެކުލަވާލީ ދާއިރާ ކުރިއެރުވުމަށްޓަކައި ނޫން ކަމަށެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އެކުލަވާލީ ކޯލިޝަންގެ ބައިވެރިއަކަށް އިތުރު މިނިސްޓްރީއެއް އުފަންކުރަންޖެހިގެން ކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި ރައީސް ސޯލިހު ވެވަޑާއިގެންނެވި އިންޓަނެޓުގެ އަގުހެޔޮކުރުމުގެ ވައުދު ފުއްދުމަށް އެކުލަވާލި މިނިސްޓްރީއެއް ނޫން ކަމަށެވެ.
އިންޓަނެޓު އަގުހެޔޮކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށް ރައީސް އޮފީހަށް ހުށަހެޅި ކަމަށާއި ނަމަވެސް އަގުތައް ހެޔޮ ނުކުރީ ސަރުކާރުން ކަމަށް މަލީހު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނުކުރާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްއާރުއެމް އާ، ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިގެންނެވެ. އެގޮތުން އެ ޕާޓީތަކަށް މިނިސްޓްރީތަކުން ޖާގަ ދޭންޖެހުނެވެ.
ސަރުކާރުގެ ކެބިނެޓުގައި އެމްޑީޕީ ނޫން ޕާޓީތަކުގެ މިނިސްޓަރުން ތިބުމުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް އުނދަގޫވާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވި ޒަހާ ވަހީދުގެ އިތުރުން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޕްރެޝަ ބޮޑުވެގެންނެ އެވެ.