އެލަން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ކުރިއަށް ގެންދާ "ސްޓާލިން" ޕްރޮޖެކްޓަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ސްޓާލިންކުގެ އިންޓަނެޓު ސާވިސް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރުވެސް ލިބެއެވެ. ރާއްޖެއަށް ސްޓާލިންކު އިންޓަނެޓު ލިބޭނީ 2022 ވަނަ އަހަރުއެވެ.
މިނިސްޓަރު ޝައުނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޕޭސްއެކްސް ގެ ހައި ސްޕީޑް އިންޓަނެޓު ސާވިސް، ސްޓާލިންކު ރާއްޖެ ސަރަހައްދަށް ލިބެން ފެށުމުން އެ ސާވިސް ބުލޮކް ކުރުމުގެ ވިސްނުން ރާއްޖޭގެ ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ރާއްޖޭގައި މިހާރު ލިބޭ ދިރާގު އަދި އުރީދޫގެ އިންޓަނެޓަށް ވުރެ ސްޓާލިންކު އިންޓަނެޓުގެ އަގުތައް ބޮޑުވާނެ އެވެ. ސްޓާލިންކު އިންޓަނެޓަށް މަހަކު 99 ޑޮލަރު ދައްކަން ޖެހޭނެއެވެ. ނަމަވެސް ސްޓާލިންކުގެ އިންޓަނެޓު ސްޕީޑު 20އެމްބީޕީއެސް އަށް ވުރެ ދަށް ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އިންޓަނެޓުގެ އެންމެ ދަށް ސްޕީޑުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވަނީ 2އެމްބީޕީއެސް އެވެ. އަދި އިންޓަނެޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް 30 އިންސައްތައާއި ހަމަޔަށް ގޭބިސީތަކުގެ ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގުވެސް ވަނީ ދަށްކޮށްފައެވެ.