މާމިގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެރަށު ލޯންޗެއްގެ ފަޅުވެރިއަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިހާތަނަށް އެރަށުން 470 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު ކޮންމެ ދުވަހަކު ވެސް އިތުރު ބަޔަކު އަންނަނީ ޕޮޒިޓިވްވަމުންނެވެ.
މޮނިޓަރިންގައިވާ އެހެން ރަށްތަކެކޭ އެއްފަދައިން މާމިގިލީގައި ވެސް ވަނީ ކާފިއު އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެރަށުގެ މިސްކިތްތައް ބަންދުކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުތުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ފިހާރަތަކުން ހަމައެކަނި ޑެލިވެރީގެ ހިދުމަތް ދޭން އަންގައި، ކެފޭ ރެސްޓޯރެންޓުތަކާއި ކުޅިވަރު ކުޅޭ މައިޒާންތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ރަށުގެ ކޮވިޑް ހާލަތާ ގުޅިގެން އެރަށު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރިއެވެ. ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ގޮވާލާ މާމިގިލީގެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ. މާމިގިލީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހައި ރިސްކު މީހުން ހާލު ބޮޑުވުމުން ވެސް ދައްކަން ދާނެ ހޮސްޕިޓަލެއް އެރަށުގައި ނެތުމެވެ. ބޭނުންވާ ފަރުވާ، ސިއްހީ މަރުކަޒުން ލިބެން ނެތުމެވެ.
މާމިގިލީގެ ހާލަތާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މާމިގިލި ކައުންސިލްގެ ރައީސް އިމާދު ފާރޫގް ވިދާޅުވީ އެރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ނެތުމުގެ ދަތިކަން ކަމަށެވެ. މުޅި އަތޮޅުގެ އާބާދީގެ ގޮތުން އެންމެ ބޮޑު ރަށުގައި އެއާޕޯޓެއް އޮތްއިރު، ހޮސްޕިޓަލެއް ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި މިވަގުތު ހުރި މަދު ވަސީލަތްތަކާއި މަދު ސިއްހީ ހިދުމަތްތެރިންނާއެކު ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަކަން އިމާދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ހިދުމަތް ދޭން ތިބި މީހުން ކުރިއަށް ވުރެ މަދުވެ، ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އިމާދު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މާމިގިލީގައި މިވަގުތު ވެސް ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ 237 މީހުން އެބަތިއްބެވެ. 2،400 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓު ކުރެވުނު އިރު، 85 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.