
ޝައިމްގެ މަންމަ މުނީރާ އާސިފް ވަނީ ވަރަށް އަސަރާއެކު ޝައިމްއަށް ވަމުންދިޔަގޮތް، އައިޖީއެމްއެޗަށް ޒިޔާރަތް ކުރި ސީއެންއެމުގެ ނޫސްވެރިން ހިއްސާ ކޮށްފައެވެ. އެގޮތުން ޝައިމް އެއްމެ ފުރަތަމަ ހީކަރުވާފައި ހުން އަންފެށި ކަމަށް އޭނާ ބުންޏެވެ. ދެން ގޭގައި ދެވެން ހުރި ފަރުވާއެއް އޭނާ ދިން ކަމަށާއި ބޭރަށް ހިންގަން ފެށުމުން އޯ.އާރް.އެސް ވެސް ދިން ކަމަށް ޝައިމްގެ މަންމަ ބުންޏެ އެވެ.
ޝައިމްގެ މަންމަ ބުނިގޮތުގައި ކުއްލިއަކަށް ޝައިމްގެ ހާލު ގޯސްވާކަން އެނގުނީ ޝައިމް އިއްޔެ ކުޑަކަމުދިޔަ އިރު ކުޑަކަމުދާ ތަކެއްޗާއެކު ވަރަށް ގިނައިން ލޭ އަންނަން ފެށުމުންނެވެ. މިހާރުވެސް ކުޑަކަމުދާ އިރު ލޭ އަންނަ ކަމަށް ޝައިމް މަންމަ ބުންޏެވެ. މިކަމާ ގުޅިގެން ޝައިމްގެ ގަޔަށް ބައިވަރު ލޭ (އޭ ޕޮސިޓިވް) އަޅަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށް މަންމަ ބުންޏެވެ. ޝައިމްގެ ގަޔަށް މިހާތަނަށް އެއް ޕޮއިންޓް ލޭ އަޅާފައި ވެއެވެ.
ޝައިމް އިއްޔެ މެންދުރު 12 ޖަހާކަންހާއިރު އުކުޅަސް މަރުކަޒުގައި އޮއްވާ ވަރަށް ބޮޑަށް ލޭގެ ޕްރެޝަރު ދަށަށް ދިއުމާ ގުޅިގެން އާއިލާއިން ޝައިމް މާލެ ގެނައުމަށް ހުއްދަޔަށް އެދުނެވެ. އެކަމަކު ހުއްދަ ލިބެން ވަރަށް ގިނައިރު ނެގި ކަމަށް ޝައިމްގެ މަންމަ ބުންޏެވެ.
ޝައިމް އައިޖީއެމް އެޗް ގައި ފޮޓޯ ސީއެންއެމް
ޝައިމް މާލެއަށް އިތުރު ފަރުވާއަށް ގެނައުމަށް އާސަންދަ ގައި އެދުމުން ވެސް އާސަންދައިގެ ހިދުމަތް ނުލިބުނު ކަމަށާއި އުކުޅަހު ސިއްހީމަރުކަޒުން އާސަންދައަށް ގުޅައިގެން މަސައްކަތްކޮށް، ވެސް އާސަންދަ ލިބޭ ގޮތް ނުވިކަމަށް މުނީރާ ބުންޏެވެ.
މުނީރާ ބުނީ އަމިއްލަ ހަރަދުގައި މާލެ އަންނަން ނިންމީ ސިއްހީ މަރުކަޒުން އާސަންދަ ހަމަނުޖެހުނު ކަމަށް ބުނުމުން އުމުރުން އެންމެ 13 އަހަރުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކަ ށެވެ. އެހެން ގޮތެއް ނެތުމުން ޝައިމް ގޮވައިގެން އަމިއްލަ ހަރަދުގައި ލޯންޗެއް ކުއްޔަށް ހިފައިގެން މާލެ އައީ ކަމަށް އޭނާ ބުންޏެވެ.
އާސަންދަގެ އެހީނުލިބުނު ކަމަށް އާއިލާއިން ބުނާ ވަހަކައަށް ރައްދު ދެއްވާ އއ.އުކުޅަހު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ ޝައިމްގެ ލިވާ ޕްރޯފައިލް އެއް ހެދުމަށް ޝައިމްގެ ބްލަޑް ސާމްޕަލް އެއަތޮޅު ރަސްދޫއަށް ޕްރައިވެޓްް ހަޔާ އެއްގައި އެމަޖެންސީ ކޮށް ފޮނުވި ކަމަށާއި އޭގެ ނަތީޖާއާ ގުޅިގެން އެނަތީޖާ އައިޖީއެމްއެޗަށް ރިފަރަލްއަކަށް ފޮނުވި ކަމަށްށެވެ.
"އެކަމާއި ގުޅިގެން އައިޖީއެމްއެޗް އިން އެވަގުތު ވިދާޅުވެފައިވަނީ ޝައިމް މާލެ ގެންނަހާ ސީރިޔަސް ނޫންކަމަށް. އެހެންކަމުން އާސަންދާގެ ހިދުމަތަށް އެދުމަށް ޕްރޮސެސް އިންނަ ގޮތުން އުކުޅަހު ހޮސްޕިޓަލުން އާސަންދައަށް ނޭދެވޭނެ،" މެނޭޖަރު އަބްދުﷲ ވިދާޅުވި އެވެ.
ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި އެހާ ބޮޑުވަރު މިބަލީގައި ޝައިމްއަށް ވެފައި ވުމުން ބަލިން ރަނގަޅު ވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި ޝައިމްގެ ލޭގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާ ކަމަށް ޝައިމްގެ މަންމަ ބުނެއެވެ.
ނަސީބު ރަނގަޅުކަމުން ޝައިމް ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހެދި ޓެސްޓުތަކުން ދެއްކީ ކޮވިޑަށް 19 އަށް ނެގެޓިވް ކަމަށެވެ.
ޝައިމް މަންމަ މިހާރު ބޭނުންވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެވެ. ކުއްލިއަކަށް މިފަދަގޮތަކަށް ދިމާވީމައެވެ.
ރަށުން އައި ގޮތަށް އަދިވެސް ޝައިމުގެ އާއިލާ ތިބީ އައިޖީއެމްއެޗް ގައެވެ. ކުޑަކުދިންގެ ވޯޑުގައެވެ. ރަށުން ގެނައި ތަކެތި ވެސް ހަމައެތާނގައެވެ. ޑޮކްޓަރަކާ ދިމާ ނުވާތީ ޝައިމްއަށް ދިމާވެގެން އުޅޭ ސީދާ މައްސަލަ އެނގޭ ވަރެއް ނުވިއެވެ. އެހެންނަމަވެސް ހުންތިރި ނުވާކަން އެނގެއެވެ.
ޝައިމްގެ އާއިލާގެ ތަކެތި އައިޖީއެމްއެޗްގައި ފޮޓޯ:ސީއެންއެމް
ކުއްލިގޮތަކަށް ކުރިމަތިވި މިހާދިސާއާ ގުޅިގެން ކުޑަކުޑަ ޝައިމް އާއި އޭނާގެ އާއިލާ ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އުއްމީދު ކުރަނީ ބަލިން ރަނގަޅު ވުމެވެ. އަހަރެމެން ހެޔޮ ދުއާކުރަމެވެ. މާތްﷲ ޝައިމްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.
އެހީތެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް:
ޝައިމްގެ މަންމައަށް ގުޅޭނެ ނަމްބަރަކީ 7477838 އެވެ.
ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަމްބަރު: 7721484093001
ނޯޓް:
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.