މާސެލޯ އިންސްޓާގުރާމް ކުރި ފޮޓޯތަކުން ރާއްޖޭ ގެ މަސްހޫރު ރިސޯޓް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ އެކި ރީތި މަންޒަރުތައް ދުނިޔެއަށް ދައްކާލާފައިވެއެވެ. އެގޮތުން ބައިސްކަލް ދުއްވާ މަންޒަރާއި އެރިސޯޓުގެ ރީތި ބީޗުގެ މަންޒަރުތަކުގެ އިތުރުން ޖެޓްސްކީގެ މަންޒަތައްވެސް އޭނާ އިންސްޓާގްރާމް ކޮށްފައި ހުރި ފޮޓޯތަކުން ފެނިގެން ދެއެެވެ.
މާސެލޯ އާއި އެކު އޭނާ ގެ އަންހެނުން ކްލެރީސް އަލްވޭސްގެ އިތުރުން އޭނާގެ ދެ ދަރިން އެންޒޯ އާއި ލިއާމްވެސް ދަނީ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ދިވެހި ރާއްޖެ އައުމުގެ ކުރިން އެމީހުން ވަނީ ދުބާއީ ގައިވެސް ޗުއްޓީ ހޭދަކޮށްފައިއެވެ. މާސެލޯ ވަނީ ދުބާއީގެ ފޮޓޯވެސް އިންސްޓާގްރާމް ކޮށްފައިއެވެ.
މާސެލޯ ވެގެން ގޮސްފައިވަނީ ފަހުގެ ތާރީހުގައި ފެނިގެންގޮސްފައިވާ އެންމެ ކާމިޔާބު ސައިޑްބެކްގެ ގޮތުގައިއެވެެ. އޭނާ ވަނީ މިހާތަނަށް ރެއާލް މެޑްރިޑް އަށް ފަސް ފަހަރު ލީގު ނެގުމުގައި އެހީތެރިވެދީ ހަތަރުފަހަރު ޗެމްޕިއަންސް ލީގް ނެގުމުގައި އެހީ ވެދީފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ބްރެޒިލް އަށް ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު ރޯލެއް ކުޅެފައިއެވެ. 33 އަހަރުގެ މާސެލޯ އަށް ބްރެޒިލް ޓީމުން ޖާގަ ލިބުން ވަނީ އުނދަގޫވެފައެވެ.