ސްވިޓްޒަލަންޑާ އިޓަލީ ކުޅުނު މެޗުން އިޓަލީ މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. އިޓަލީވަނީ ފުރަތަމަ މެޗުގައި ތުރުކީ އަތުންވެސް ހަމަ އެ ނަތީޖާއިން މޮޅުވެފައެވެ. އެއާއި އެކު އިޓަލީ ދެވަނަ ބުރު ކަށަވަރުކުރީ ހަ ޕޮއިންޓާ އެކުއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އިޓަލީއަށް ދެވަނަ ބުރުގެ ފުރުސަތެއް ނުގެއްލޭނެއެވެ. އިޓަލީ ދެން މި ބުރުގައި ބާކީ ކުޅެން އޮތީ ވޭލްސް މެޗެވެ.
ރޯމުގައި ކުޅުނު މެޗުގައި އިޓަލީއަށް ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މެނުއަލް ލޮކަޓެއްލީއެވެ. ފަހު ލަނޑު ޖެހީ ޗީރޯ އިމޯބިލޭއެވެ. މިހާތަނަށް ޔޫރޯގައި ދެ މެޗު ކުޅެފައިވާއިރު، އިޓަލީ ކޮޅަށް އަދި ގޯލެއް ނުވަދެއެވެ. ޔޫރޯގެ ކުރިން ކުޅުނު މެޗުތަކާ އެކު އެންމެ ފަހު ދިހަ މެޗުން އިޓަލީ ކޮޅަށް އަދި އެއްމެ ލަނޑެއްވެސް ނުވަދެއެވެ.