ކަނޑިތީމުން ކޯސް ހެދި ކުއްޖެއްގެ ބެލެނިވެރިއެއް ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި، 2019 އަހަރުން ފެށިގެން ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ރަށުން ސިއައިޓީއެމްގެ ކޯސްހެދި ގިނަ ފަރާތްތަކަށް ސެޓްފިކެޓް ލިބިފައެއް ނުވެއެވެ. މިދިޔަ އަހަރުވެސް 70 އަށްވުރެ ގިނަ ކުދިން ކޯސްހެދި އިރު އޭގެ ތެރެއިން އެއްވެސް ކުއްޖަކަށް އަދި ސެޓްފިކެޓު ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
ކަނޑިތީމުން ސީއައިޓީއެމްގެ ކޯސްތަކާ ހަވާލުވެ ހުންނެވި ފަރާތް ކަމުގައިވާ އަހުމަދު މުޖުތަބާ ސީއެންއެމް އަށް ވިދާޅުވީ އެ ކަމާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށާއި، ސެޓްފިކެޓްތައް ލިބޭނެ ދުވަހެއް އަންގާފައި ނުވާ ކަމަށެވެ. މިކަމާ ބެހޭގޮތުން ސީއައިޓީއެމްގެ ޗެއާމަންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ސީއައިޓީއެމް އިން ކުޑަކުދިންގެ ކޯސްތަކާއި ސީ3 އަދި ސީ4 ކޯސްތަކެއް ކުރިއަށްގެންދިޔަ އިރު ބައެއް ފަރާތްތަކުގެ އަތުން މަހެއްގެ މައްޗަށް 1000 ރުފިޔާ އަދި ބައެއް ފަރާތްތަކުގެ އަތުން އެޔަށްވުރެ ގިނައިން ކޯސް ފީ ނަގާފައި ހުރިކަމަށް އެމީހާ ބުންޏެވެ. ބައެއް ބެޗްތަކުގެ ކުދިންނަށް ސެޓްފިކެޓު ދީފައިވީ ނަމަވެސް ސީއައިޓީއެމް އިން ދަނީ ސެޓްފިކެޓް ނުދީ ތަކުރާރުކޮށް ކޯސްތައް ހިންގަމުން ކަމަށް އޭނާ ބުންޏެވެ.
އެކަމާ ބެހޭގޮތުން އެ ރަށުން ސީއައިޓީއެމް އާ ހަވާލުވެ ހުންނެވި ފަރާތުންވެސް އެއްވެސް ބަހެއް ބުނެފައި ނުވާ ކަމަށާއި، އެޑްމިންގައި ތިބި ފަރާތްތައްވެސް ބަދަލުވެފައި ވާތީ މައުލޫމާތު ސާފު ނުވާކަމަށް އޭނާ ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑިތީމުން ސީއައިޓީއެމް އާ ހަވާލުވެގެން ހުރި ފަރާތަށާއި އެޑްމިން ކުދިންނަށް ސީއައިޓީއެމް އިން މުސާރަވެސް ދީފައެއް ނުވެއެވެ.
އެމީހާ ކިޔައިދިން ގޮތުގައި ސެޓްފިކެޓުތައް ލަސްވާ ސަބަބުވެސް ސީއައިޓީއެމް އިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލަ ކޯޓާ ހިސާބަށް ގެންދަން މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ސެޓްފިކެޓުތަށް ލިބޭނެކަށް އެފަރާތުން ބުނި ނަމަވެސް 2019 ވަނަ އަހަރު ކޯސް ހެދި ގިނަ ފަރާތްތަކަށްވެސް އަދިވެސް ސެޓްފިކެޓު ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
ކަނޑިތީމު ނޫނަސް އެ އަތޮޅުގެ އެހެން ރަށްތަކުންވެސް ސީއައިޓީއެމްގެ ކޯސްތައް ހެދި 100 އަށްވުރެ ގިނަ ކުދިންނަށް ސެޓްފިކެޓް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.