ads
ވީޑިއޯ ރިޕޯޓް-
ދިވެއްސަކަށް ކާފެރެކޭ ގޮވިދާނެތަ؟
މީގެ 13 އަހަރު ކުރިއަށް ޖެހިލާއިރު، 2 އޮކްޓޫބަރު 2008 ވަނަ އަހަރު ގެ ހުކުރު ވިލޭރޭއަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މުހިންމު ނިންމުމެއް ނިންމި ރެއެކެވެ.

އެއީ ދިވެއްސަކާއި ދިމާލަށް އޭނާއަކީ ސުންނީ މުސްލިމެއް ނޫންކަން ސާބިތު ކޮށްދިނުމަށް ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ނިޔާ އެ ކޯޓުން ކަނޑައެޅި ދުވަހެވެ.

އަދާލަތު ޕާޓީގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ކިނބިގަސްދޮށުގޭ މައުމޫން އަބްދުލް ގައްޔޫމަކީ ސުންނީ މުސްލިމެއް ނޫންކަމަށް ކަނަޑައެޅޭ މިންވަރަށް އަދާލަތު ޕާޓީއަށް ކާފީ ހެކި ދެއްކިފައިނުވާކަމަށެވެ.

އަދާލަތު ޕާޓީން އޭރު އެ މައްސަލަ ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫންކަމަށް ބުނެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުން ހުއްޓުވުމަށެވެ.

އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެ ރޭ ނެރުއްވި ނިޔާގައި ވިދާޅުވީ، "ރައީސް މައުމޫނަކީ އެއްވެސް އިރެއްގައި އިސްލާމް ދީން ދޫކޮށްލާފައިވާ މީހެއްކަން އެނގެން ނެތް ކަމަށާއި އަދި މައުމޫންގެ މައްޗަށް އެފަދަ އެއްވެސް މައްސަލައެއް ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓަކަށް އެއްވެސް އިރެއްގައި ހުށަހެޅިފައި ނުވާތީ އާއި އެއްވެސް ކޯޓަކުން އެފަދަ ހުކުމެއް ކޮށްފައިނުވާކަމަށެވެ. 

އަދި އާއި ޖިނާއީ ކޯޓުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް އިން ވެސް އެކަމަށް ލިޔުން ދީފައިވާތީ، މައުމޫނަކީ ސުންނީ މުސްލިމެއް ނޫން ކަމުގެ ކާފީ ހެކި އެއްވެސް ޝައްކެއް ނެތް މިންވަރަށް އަދާލަތު ޕާޓީއަށް ދެއްކިފައިނުވާތީ، ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މައުމޫންގެ ނަން އިލެކްޝަންސް ކޮމިޝަންސް އިން ބަލައިގަތް ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް،" ކަނޑައަޅައި މައްސަލަ ނިންމެވީ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ބަލާލަމާތޯއެވެ؟ އެ އަސާސީގެ ނުވަ ވަނަ މާއްދާގައި ދިވެހި ރައްޔިތަކީ ކޮބައިކަން ސާފުކޮށްދީފައިވެއެވެ.

އޭގައި ބުނެފައިވަނީ، އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ދިވެހި ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކީ ދިވެހި ރައްޔިތެއްކަމަށެވެ. އަދި ދިވެހިރާއްޖެއަށް އުފަން ކޮންމެ ދަރިއަކާ، ގާނޫނުގައިވާގޮތުގެ މަތިން ދިވެހި ރައްޔިތަކަށްވާ ކޮންމެ ބިދޭސީއަކުވެސް ދިވެއްސަކަށް ވާނެކަމަށް ބުނެފައިވެއެވެ. މިހެން ބުނެފައި އޮތް ނަމަވެސް މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަމަށް ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ ރ ގައި ބުނެފައިވެއެވެ.  

މީގެ 13 އަހަރުކުރިން، 2008 ވަނަ އަހަރުގެ އޮގަސްޓު 8 ވަނަ ދުވަހު ރައީސް މައުމޫނު އާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ހިސާބުން މިހާތަނަށް އެއްވެސް ދިވެއްސެއްގެ އަތުން އޭނާއަކީ މުސްލިމަކަށް ނުވާތީ ދިވެހި ރައްޔިތުކަން އަތުލާފައެއް ނުވެއެވެ. މާނައަކީ ކޮންމެ ދިވެއްސަކީ މުސްލިމެކެވެ. ގާނޫނު އަސާސީ ބުނަނީ މިގޮތަށެވެ. ދައުލަތުން އާ ގާނޫނު އަސާސީއާއެކު ކަނޑައެޅީ އެ ގޮތަށެވެ.  

ދެން ދިވެއްސަކު ސުންނީ މުސްލިމެއް ނޫންކަން ސާބިތުކޮށް ދިނުމަށް އޭނާ އަކީ އެއްވެސް އިރެއްގައި އިސްލާމް ދީން ދޫކޮށްލާފައިވާ މީހެއްކަން ސާފުކޮށް އެނގެން ޖެހެއެވެ. އަދި އެކަން ކޯޓަކުން ސާބިތުވާން ޖެހެއެވެ.

މިހެންކަމުން ގާނޫނު އަސާސީގެ ރޫހަކީ ކޮންމެ ދިވެއްސަކީ މުއްސިލިމެއްކަމެވެ. ރާއްޖޭގައި އައިޑީކާޑު އޮތް އެއްވެސް ދިވެއްސަކާ ދިމާލަށް އޭނާއަކީ މުސްލިމެއް ނޫންކަމަށް ބުނުން އަދި އޭނާ ކާފަރު ކުރުމާއި މުރުތައްދުވުމުގެ ޓެގު އެޅުވުމަށް ދިވެހި ގާނޫނު އަސާސީ ތަނެއް ނުދެއެވެ.

ދިވެއްސަކާ ދިމާލަށް އެއީ މުސްލިމެއް ނޫންކަމަށް ބުނަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ ގާނޫނު އަސާސީގައި ދިވެހިރައްޔިތެއްގެ ސިފަތައް ކަނޑައަޅާ 9 ވަނަ މާއްދާއަށް ބަދަލުތަކެއް ގެންނާށެވެ! އެހެންނޫނީ ދިވެއްސަކަށް "ކާފަރެކޭ" ގޮވޭނެ ކަމަކަށް ނުބެލެވެއެވެ. 

58%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް