ads
ކައްވަޅުގެ ކަސްތަޅު 6
އެޕިސޯޑް 06
Advertisement

ހިމޭން ކަމާއެކު ދުލުން ބޭރުވި ޖުމުލަ، ގަބޫލު ކުރުމަށް، ސިކުނޑިއަށް މަޖުބޫރުކުރާން އޭނާއަށް ކުރެވޭނެ އެއް ކަމެއްވެސް ނެތެވެ. 

އަސްނާ ނިންމީ އެއީ ފޯނުގެ މައްސަލައަކުން ނުވަތަ ބޭނުންކުރާ އެޕްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. މެސެޖުތަކަށް އެކި ގޮތްގޮތުން ކަންކަން ދިމާވުމާއި އިހްތިޔާރެއް ނެތި އިރުއިރުކޮޅުން އޮފްލައިން ވުމަކީ ބައެއް އެޕްތަކުގައި އާންމު ކަމެވެ. އަދި އަސްނާގެ ފޯނަކީ މާ މޮޅު ފޯނަކަށް ނުވާތީ އެފަދަ ކަމެއް ދިމާވެދާނެކަމަށް ގަބޫލުކުރުން އޭނާއަށް އުނދަގުލެއް ނުވި އެވެ. 

ބޮލާއިއެކު އޮޅާލާފައި އޮތް ރަޖާ މުޅިގައިގައި ވަށައިލި އެވެ. ފޯނު ނިއްވާލުމަށްފަހު ދެ ލޯ މަރައި ޝަހާދަތް ކިޔަން ފެށި އެވެ. އަރާމެއް ނެތް ނިންޖެއްގެ ތެރޭގައި ފީނަން ފެށުނު އިރެއްވެސް އޭނާއަށް ނޭގުނެވެ. 

ނޮވެމްބަރު މަހުގެ ފުރަތަމަ ބުރާސްފަތި ދުވަހެވެ.

ދިރުމެއް ނެތް ހިތް ތަކަށް ބުރަކަން ގެނެސްދެމުން މުޅިން އައު ދުވަހަކަށް އިރު އަރައިފި އެވެ. އައު އުންމީދުތަކާއި އިއްޔެއަށް ވުރެން މޮޅު ހިޔާލްތަކާއި އުފެއްދުންތެރި ވިސްނުންތަކާއެކު ބައެއް ސިކުނޑިތައް ތާޒާ ވެއްޖެ އެވެ. 

އަރާމު ނިދީގެ ތަންމަތިތަކުން ތެދުވެގެން ސިކުނޑީގެ ނުތަނަވަސްކަމަށް ތަސައްލީއެއް ހޯދުމަށް ބައެއް ނަފުސުތަށް އެމީހުންގެ ގަބޫލުކުރުންތަކުގެ މަތީގައި ދުވަސް އާރާސްތުކުރުމަށް ނިޔަތް ގަނެފި އެވެ. 

މިއަދުވެސް އަސްނާ ހޭލީ އޭނާ އާންމުކޮށް ތެދުވާ ވަގުތަށް، ސޯނާ ގަޑީގެ ގަދަ އަޑާއެކު އެވެ. 

ބަރު އެސްފިޔަތައް ދުރުކޮށްލާފައި ފާރުގައި އިން ގަޑިއަށް ބަލައިލި އެވެ. ހެނދުނު ހަގަޑި ތިރީސް ވީ އެވެ. ބަރުވެފައިވާ ބޮލާއެކު ތެދުވެއްޖެ އެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން ޔުނިފޯމްލައި ތައްޔާރުވެއްޖެ އެވެ. ފްރިޖް ހުޅުވައިލީ ޕާން ފޮއްޗެއް ނަގާށެވެ. ޓޯސްޓުކޮށްލައިގެން އޭގައި ބަޓަރު ހާކަމުން ދިޔައިރު އަވަށްޓެރި ކޮންމެވެސް ގެއަކުން ރޭޑިއޯ ހުޅުވާފައި ވާތީ ހެނދުގެ ހަބަރުގެ އަޑު އިވެ އެވެ. 

އެފަދަ ކަންކަމަށް ސަމާލުކަން ހުއްޓާލުމަށް އަސްނާގެ ޝައުގުވެރިކަމެއް ނެތެވެ.

އަތް ދޮވެގެން ފެންފޮދެއް ބޮއެގެން އޭނާ އެ ނިކުތީ ބަސް އަތުޖެހޭތޯ އެވެ. 

އުޑުމަތި ބަލައިލުމަށް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ވަށައިގެންވާ ކާއިނާތުގެ ކުލަތަކާއި، ދިރުން ލިބިގެންވީ އެއްވެސް އެއްޗަކާއިމެދު އަސްނާގެ ފިކުރެއް ނެތެވެ. 

އުޑުމަތީގައި ކަޅު ވިލާތަކުން ބަނަކޮށްލާފައި ވެއެވެ.

ކުރީ ދުވަހާއި މިއަދުގެ މޫސުމުގައި ތަފާތެއް ނެތްކަންވެސް އޭނާއަށް ފާހަގަ ނުކުރެވުނެވެ. 

މިއަދުވެސް ބަލަމުން އެދަނީ އޭނާގެ ބޫޓަށެވެ. ފިޔަވަޅުތަކުގައި ވަނީ މަޑުމައިތިރިކަމެވެ. 

ގުދުރަތުގެ ތަސްވީރުގައި ކުލައެއް ނެތްކަން އަސްނާ ނުދެނަހުއްޓެވެ. 

އެއީ ނިމުމެއް ނެތް، ބަނަ މަންޒަރެއްކަން އޭނާއަށް ބުނެދޭނެ އެކުވެރިޔަކުވެސް ނެތެވެ.

އެއްކަމެއްވެސް ތަފާތެއް ނޫނެވެ. ކިޔުގައި ހުރެގެން ބަހަށް އަރައިފި އެވެ.

މިހައި ތަނަށް މިއަދަކީވެސް މުޅިން އައު ދުވަހެކެވެ. ހިތްހަމަޖެހުމެއްގެ ލިސާނެއްވެސް ނެތެވެ.

ބަހުގައި ކިތަންމެ ކުދިން ގިނަޔަސް، އެއިން ކުއްޖެއްގެ މޫނު އަސްނާއަށް ފާހަގަކުރެވޭނީ އިސްއުފުލާ ބަލައިލާނަމަ އެވެ. 

މަގުތައް ހުރަސްކޮށް ސްކޫލަށް އާދެވުނަސް އަސްނާއަކަށް ނޭގެ އެވެ. ބަސް ހުއްޓުމުން މީހުން ފައިބާން ފެށީމައި އޭނާވެސް ފައިބަނީ އެވެ. 

ގަޑި ޖެހިއްޖެކަން އަންގައި ދިނުމަށް 'ރަނގަބީލު'ޖެހުމުގެ ކުރިން ކްލާސް ތެރެއަށް އަސްނާގެ ފައި އަޅައިފި އެވެ. 

އެތެރެއަށް ވަދެއްޖެ އެވެ. 

ތަފާތެއް ނެތެވެ. 

އޭނާ ހާޒިރު ވީތީ، އެކަން ފާހަގަކުރި ހަމައެކަކުވެސް އެ ކުލާހުގައި ނެތެވެ.

އަސްނާގެ ޖާގަ އާއި ދިމާއާށް މިސްރާބު ޖެހި އެވެ.                                     ކްލާހުގެ ވާތްފަޅީގެ ދެވަނަ ބަރިއަށެވެ. 

ކުޑަދޮރާއި އެންމެ ގާތަށް ހުންނަ ޑެސްކުގައި ދަބަސް ބާއްވާފައި ގޮނޑީގައި އިށީންދެއްޖެ އެވެ. 

އެކަމަކު އެހެން ދުވަސް ދުވަހާއި މިއަދު ތަފާތެވެ. 

އަސްނާ އައުމުގެ ކުރިން އައިމާ އެ އިނީ އޭނާގެ އިންތިޒާރުގައި އެވެ. 

"މޯނިންގ" ދެ ބުމަ އެއް ފަހަރާ މައްޗަށް ހިއްލާލާފައި އައިމާ ބުނެލި އެވެ.  

"ރޭގައި ވަރަށް ދަން ވަންދެން ގްރޫޕުގައި މަޑުކުރިން ދޯ.. އަސްނާގެ އެ ހިތްވަރަށް އަހަރެން ފަހުރުވެރިވަން.." 

އެއް އަރިޔަކުން އަސްނާގެ ކޮނޑުގައި ބައްދާލާފައި އައިމާ ބުނެލީ  ފަހުރުވެރި ރާގެއްގައި އެވެ.

ހިމޭން ކަމާއެކު ބޮލުގެ އިޝާރާތުން އަސްނާ ބުނެލީ، އެކުވެރިޔާގެ ތައުރީފު ބަލައިގަތް ކަމެވެ.

"ހޫމް... އެކަނިވެރިކަން ފިލުވާލަން ރަގަޅުކަމެއް.." ފަނޑު ހިނިތުންވުމަކާއެކު، އައިމާގެ ރައްޓެހިންގެ ވާހަކަތަކާއި ގޭމްގެ ފޯރިއަށް ނިސްބަތްކޮށް އަސްނާ ބުނެލި އެވެ. 

"އަސްލުތަ؟" އަސްނާގެ ވިސްނުން ގަބޫލު ނުކުރެވިފައި އައިމާ ބުންޏެވެ. 

''އަސްނާ އަކީ މި ކުލާހުގެ އެންމެ ވިސްނުން ތޫނު އެންމެ ލޯބި ކުއްޖާއޭ އަހަރެން ބުނިން ދޯ!" 

އަސްނާއަށްޓަކައި އައިމާ ނިންމި ނިންމުން ކާމިޔާބު ކަމުގެ އިހްސާސުން އޭނާގެ މޫނަށް ދިރުން ލިބުނުކަން އަސްނާވެސް ގަބޫލުކުރި އެވެ. 

ހިތުގައި އޮތް އެއްޗެއް ހާމަކުރާން ބޭނުންވި ސަބަބަކީވެސް އެކުވެރިޔާގެ ދިރުން ލިބިގެންވީ މިޒާޖެވެ.

"އެކަމަކު... އަދިވެސް އަހަރެން މި ވިސްނަނީ، ކަޝިޝްގެ މެސެޖްތައް ހުދާއި ކަޅުގެ ކުދިކުދި ބޮކިތަކެއް އަރާފައި ރޫރޫއަޅާފައި ކުއްލިޔަކަށް ފޮހެވެން ފެށީ ކީއްވެ ބާއޭ؟" ޖެހިލުން ވުމާއެކު ލަސްލަހުން އަސްނާ ބުނެލި އެވެ. 

އެ ސުވާލާއި އެ ހިޔާލު އޭނާގެ ބޮލުގެ ނާށިގަނޑު ތެރޭގައި ނުބޭއްވުނީ އެވެ.

"ހައހް..؟" 

ދެ ބުމާ ދޭތެރެއަށް ރޫ އަރުވާލާފައި އަނގަޔަށް ވައްތަރެއް ޖައްސާލާފައި އައިމާ ބުނެލި އެވެ. 

"އައިމާއަށް ކަޝިޝް އިނގޭނުން..!" އައިމާއަށް އެނގޭނެކަން ޔަގީން ކޮށްފައި އަސްނާ ބުނެލި އެވެ.

އެއްޗެއް ނުބުނެ ހައިރާން ވެފައި އައިމާ ބަލަހައްޓައިގެން އިނީ އަސްނާގެ މޫނަށެވެ.

"ކަޝިޝް ދޯ ބުނީ.. މެންދަމުގެ ވަގުތުގައި އެމީހެއްގެ ފޯނުން އެމީހަކަށް  މެސެޖްކުރާނެ ވާހަކަ.. ވަރަށް ބިރުދައްކާނެ ކަމަށާއި، އެމީހެއްގެ ކުރިމައްޗާއި ފަހަތުގައިވެސް ހުންނާނެ ކަމަށާއި، އެމީހެއްގެ ފޯނު ބާއްވާނީ އޭނާގެ ކޮންޓްރޯލްގައި ކަމަށް! އަދިވެސް ބުންޏެއް ނުން... ދެ ނަމާދު ދޭތެރެ އާއި މެންދަމުގެ އަނދިރި ކަމުގައި ފާހާނާ އާއި ބޭރުގައި އުޅޭ އިންސާނުން ބަލާ، ހޯދާނެ ކަމަށް.." ކަޝިޝްގެ ވާހަކަ ތަކުގެ ހުލާސާއެއް ދޭން އަސްނާ ތައްޔާރުވެގެން ހުރިކަން ޔަގީނެވެ. އައިމާގެ ހަރަކާތެއް ނެތެވެ. ދެ ބުމަ ދޭތެރެއަށް އެއްކޮށްފައިވާ ރޫތައް އިތުރު ވެއްޖެ އެވެ.

ކަޝިޝް ދޯ ބުނީ، އިންސާނުން ނިކަމެތިވެ، ބަލިކަށިވާ ވަގުތުތަށް ބަލާފައި، ޓާގެޓް ކުރާ މީހުން ފިއްކަނޑުވާލާނެ ވާހަކަ! އެކަމަކު ފަހުން، ކަޝިޝްގެ ހުރިހައި މެސެޖެއް ސުވާލު މާކުތަކަށް ބަދަލުވެ އެކި ކޮޅުކޮޅަށް އެ ނިޝާންތައް އެނބުރެން ފެށިއެއްނުން..؟؟؟ ދޮގެއްތަ މި ބުނީ؟" އަސްނާ ބުނަން އުޅޭ އެއްޗެއް އައިމާއަކަށް ނޭގުނެވެ. ބޮޑު ހާދިސާއެއް އައިމާއަށް ތަފުސީލުކޮށްދީފި އެވެ. 

އެކަމަކު ހަގީގަތެއް އެބައޮތް ހެއްޔެވެ؟

ދެ ކަމެއް އައިމާއަށް ފާހަގަ ކުރެވުނެވެ. 

ފުރަތަމަ ކަމަކީ، ދިގު ޕެރެގްރާފުން އަސްނާ ވާހަކަ ދެއްކުމަކީ އާންމު ކަމެއް ނޫނެވެ. ދެވަނަ ކަމަކީ އަސްނާ ވާހަކަ ދައްކަމުން ދިޔައިރު، މޫނުން ފެންނަމުން ދިޔަ ނުތަނަވަސްކަމާއި ސީރިއަށްކަމެވެ. 

މިހައިތަނަށް ދުވަހަކުވެސް އަސްނާ ދޮގެއް ހަދާފައެއް ނެތެވެ. ހަގީގަތާއި ހިލާފު ވާހަކައެއްވެސް ދައްކާފައި ނެތެވެ. 

މިއަދު އަސްނާ އެ ދައްކަނީ ކޮން ކަޝިޝްއެއްގެ ވާހަކައެއް ހެއްޔެވެ؟

އައިމާގެ ހަރަކާތެއް ނެތެވެ.

ސުވާލު މާކުން އޭނާގެ ނިއްކުރި އާއި ސިކުނޑި ފުރިފައިވާ ކަން ކަށަވަރެވެ.

"ވެއިޓް..! ކަޝިޝް އަކީ ކާކު؟" ކުއްލިޔަކަށް އައިމާ ސުވާލު ކުރި އެވެ.

އަސްނާގެ ބޮލަށް ގަނޑުވެފައި ހުރި ފެން ބާލިދީއެއް އޮއްސާލި ފަދަ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް