ads
ވާހަކަ؛ ޓިކާނާ
ވާހަކަ: ޓިކާނާ
އެއީ ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރީ ހުދު ކުލައިގެ ބޮޑު ހެދުމެކެވެ. ފެންނަ ފެނުމަށް އެއީ ކައިވެނީގެ ވަލީމާއަކަށް ފަރުމާކޮށްފައިވާ އެ ޒާތުގެ ހެދުމެކެވެ. އެ އަންހެން ކުއްޖާ ދެ އަތުގެ ތެރެއަށް ބޮނޑިކޮށްލެވިފައިވަނީ ހެދުމުގެ ފަސްބައިން ބަޔެކެވެ. ހަނީފަށް ފެންނަމުން ދިޔައީ ފާލަމުގައި ކޭތެމުން ދިޔަ ދިގު ހެދުމުގެ ފަސްބައިން ބަޔެކެވެ. މިނިވަން ކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑުގެ މެދުވަނީ އެތެރެވަކިވާ ޒާތުގެ ހުދުފޮތިން ޖަރީކުރެވިފައެވެ.
Advertisement
ފަސްވަނަ ބައި)

އެއީ ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރީ ހުދު ކުލައިގެ ބޮޑު ހެދުމެކެވެ. ފެންނަ ފެނުމަށް އެއީ ކައިވެނީގެ ވަލީމާއަކަށް ފަރުމާކޮށްފައިވާ އެ ޒާތުގެ ހެދުމެކެވެ. އެ އަންހެން ކުއްޖާ ދެ އަތުގެ ތެރެއަށް ބޮނޑިކޮށްލެވިފައިވަނީ ހެދުމުގެ ފަސްބައިން ބަޔެކެވެ. ހަނީފަށް ފެންނަމުން ދިޔައީ ފާލަމުގައި ކޭތެމުން ދިޔަ ދިގު ހެދުމުގެ ފަސްބައިން ބަޔެކެވެ. މިނިވަން ކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑުގެ މެދުވަނީ އެތެރެވަކިވާ ޒާތުގެ ހުދުފޮތިން ޖަރީކުރެވިފައެވެ.

ހަނީފަށް އޭނާގެ ތިރީ ތުންފަތުގައި މަތީ ދަތްޕިލަ ޖައްސައިލެވުނެވެ. ފުން ނަޒަރަކުން އެ އަންހެން ކުއްޖާއަށް ބަލައިލެވުނެވެ. މަޑުމަޑުން ދެ ލޯ އުނގުޅައިލެވުނެވެ. އޭނާގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އެއީ ކާކު ހެއްޔެވެ؟ މި ދަންވަރު އެ ދަނީ ކޮންތާކަށް ހެއްޔެވެ؟ ކައިވެނީގެ ހެދުމުގައި އެ ހުރީ ކީއްވެ ހެއްޔެވެ؟ އެކަނިމާ އެކަނި ފާލަމަށް އެރީ ކީއް ކުރަން ހެއްޔެވެ؟

ހަނީފަށް ތެދުވެ ވުނެވެ. ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ބޭނުންވަނީއެވެ. އޭނާއަށް ޔަގީންވަމުން ދިޔައީ މުސީބާތުގެ ތުންފަތްމަތީވާ މީހަކަށް އެހީވުމުން އެކަމުގެ ދަރުމަ ލިބޭނެ ކަމެވެ. އެއީ އޭނާގެ ވިސްނުމެވެ. އޭނާ ޤަބޫލުކުރާ ގޮތެވެ.
ހަނީފަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނެވެ. ނަމަވެސް އިތުރު ފިޔަވަޅެއް ނާޅަނީސް ފަހަތު ފަޔަށް ބަރުވި ކަހަލައެވެ. އޭނާގެ ހިތަށް ފުންމައިލި ސުވާލުތަކެއްގެ ސަބަބުންނެވެ.

"ސާރާ ތަ؟ އެއީ ސާރާއަށް ރީތިވި ކަހަލަ ހެދުމެއް. ސާރާ މި ރަށަށް؟ މި ތަނަށް؟ ކީއްކުރަން؟،" ހަނީފަށް މަޑުމަޑުން ކިޔައިލެވެނެވެ. "އޭނާއަށް އާދެވިދާނެބާ؟ އަހަންނަށް މި ފެންނަނީ ބިލާހެއްތަ؟ ނޫނީ..."

ހަނީފު ކަޅި ޖަހައި ނުލައި ބަލަމުން ދިޔައީ ފާލަންމަތިން ހިނގަމުން ދިޔަ އަންހެން ކުއްޖާއާ ދިމާއަށެވެ. އޭރު އެ ކުއްޖާ ހުރީ ފާލަމުގެ މެދުގައެވެ. ހުދު ހެދުމުގައި ހުރުމުގެ ސަބަބުން ހޮޅިބުރި ނިވިފައި ދިއްލޭ ކޮންމެ ވަގުތަކު ހެދުމަށް އަލި އެޅުމުން ފެންނަނީ ރީތި މަންޒަރެކެވެ.

ހަނީފު އަމިއްލަ ޝަހާދަތް އިނގިލީގައި ދަތްއެޅިއެވެ. އޭނާ ބޭނުންވީ ޔަގީންކުރާށެވެ. ކަށަވަރު ކުރާށެވެ. އޭނާގެ ލޮލަށް ފެންނަނީ ހަގީގީ މަންޒަރެއް ތޯ ކަށަވަރު ކުރާށެވެ. ހަނީފު ދެ ފަހަރަކު ކަޅި ޖަހައިލިއެވެ. އަނެއްކާ ވެސް ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. އޭނާގެ ހިތުގައި ނެގީ އެހެން ރާޅެކެވެ.
"ދާންވީބާ؟ އަހަންނާ ކޮން ބެހޭ ކަމެއް؟،" ފުން ވިސްނުމެއްގައި ހުރެ ހަނީފު ބުނެލިއެވެ. "ބީރައްޓެހި ރަށެއްގައި ހުރެ...؟"

ހަނީފުގެ ފިޔަވަޅުތައް އަވަސްވިއެވެ. އޭނާގެ ހިތުގެ ސުވާލުތަކަށް ޖަވާބެއް ނުލިބި އުޅެނިކޮށް ސިކުނޑިން ގޮތް ނިންމީއެވެ. އޭރު އެ އަންހެން ކުއްޖާ ހުރީ ފާލަމުގެ ކޮޅުގައެވެ. ހަނީފު އަވަސް ހިނގުމުގައި ގޮސް ފާލަމަށް އެރިއެވެ. އަންހެން ކުއްޖާ ފަސްއެނބުރި ބަލައިލިއެވެ. އޭނާއަށް ސިހުން ލިބުނެވެ. ފާލަމުގެ މެދުގައި ހުރި ހަނީފު ފެނުމުންނެވެ. އެ އަންހެން ކުއްޖާ މޫދާ ވީކޮޅަށް އެނބުރިލިއެވެ. އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. ހަނީފުގެ ފަޔަށް ބާރުލައިފައި ދުއްވާގަތެވެ.

އަވަސް ހަރަކާތްތަކާ އެކު އަންހެން ކުއްޖާ މޫދަށް ފުންމައިލިއެވެ. ހަނީފަށް ފެނުނީ ފާލަމާ ދިމާއަށް ބުރައިގެން އެރި ލޮނުގަނޑެވެ. އޭރު ހަނީފަށް ފާލަމުގެ ކޮޅަށް ދެވުނީއެވެ. ރާޅުތަކުގެ ތެރޭގައި އެ އަންހެން ކުއްޖާ ގެނބެމުންދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ބަލާކަށް ނުހުރެ ހަނީފު މޫދަށް ފުންމައިލިއެވެ. ގެނބެމުން ދިޔަ އެ އަންހެން ކުއްޖާގެ އަތުގައި ހިފިއެވެ.

އޮއިވަރުގެ ބާނިތަކުގެ ތެރޭގައި، ކަނު އަނދިރީގައި ފަތަމުން އެ އަންހެން ކުއްޖާ ސަލާމަތްކުރުމަށް ހަނީފު ކަށިން ހިތްވަރުލައި މަސައްކަތްކުރަމުން ދިޔައެވެ. ބައެއް ފަހަރު އޭނާއަށް ވެސް ލޮނުބޮވެމުން ދިޔައެވެ. އެ އަންހެން ކުއްޖާ ހަނީފުގެ އަތު ތެރެއިން ވީއްލުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

"ކީއްވެގެންތަ ތިއުޅެނީ؟ އަމިއްލައަށް މަރުވާން ވެގެންތަ ތިއުޅެނީ؟ ބަލަ އެއީ ފާފައެކޭ؟ އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނޭ،" އެއް އަތުން އެ އަންހެން ކުއްޖާ ހިއްލައިގެން، އަނެއް އަތުން ކުރިއަށް ޖަހަމުން ދިޔައެވެ. "ފުރާނަ ދުއްވާލުމަކީ ހައްލެއް ނޫން. އެއީ ކުރެވޭ މޮޔަކަމެއް."

"ދޫކުރޭ! ދޫކުރޭ! ދޫކުރާށޭ!" އެ އަންހެން ކުއްޖާ ވެސް ލޮނުގަނޑުން ބޯ ހިއްލޭ ކޮންމެ ފަހަރަކު ބާރުބާރަށް ހަޅޭއްލަވަމުން ދިޔައެވެ.
އޭނާގެ މުޅި މޫނުގައިވަނީ އިސްތަށިގަނޑު ތަތްވެފައެވެ. އެ އަންހެން ކުއްޖާގެ ހެދުން ފޯވުމުން ހަނީފަށް އިތުރަށް ހިތްވަރު ކުރާން ޖެހުނެވެ. ދެމީހުން ވެސް ނޭވާލުމަށް އަނގަ ހުޅުވައިލެވޭ ކޮންމެ ފަހަރަކު ލޮނުގަނޑު އަނގަތެރެއަށް ވަދެއެވެ. ލޮނުބޮވެއެވެ. އެހެންވެ ކޮށިއަރަމުން ދިޔައެވެ. އެގޮތުގައި ވިއްސަކަށް މިނެޓު ހޭދަވިއެވެ.

"ކޮންމެފަދަ މުސީބަތެއް ކުރިމަތި ވިޔަސް އަމިއްލައަށް ފުރާނަ ދުއްވާލުމަކީ ގޯހެއް،" ހަނީފު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އަހަންނަށް މި މަންޒަރު ނުފެނުނު ނަމަ މި ވާހަކަ އޮންނަނީ ނޫސްތަކުގަ. އޭރުން ދުނިޔެ މަތީގައި ވެސް ފަޟީހަތްވަނީ ތިމާ. އެ ވަގުތު ތިމާ އޮންނާނީ މީހުންގެ ވާހަކަތަކަށް ޖަވާބުދާރީ ނުވެވޭ ހާލަތުގަ. ފަލަ ސުރުޚީތަކުން ޖާގަ ހޯދާނީ ތިމާގެ މާޒީ. ތިމާ އުޅުނު ގޮތް. ދެކެވިފައި ހުރި ވާހަކަތައް. ހިނގި ހާދިސާތައް. ކުރެވުނު ކަންކަން. ތިމާގެ މާޒީ އޮންނާނީ ވިޔަފާރީގެ ސިއްކައަކަށް ވެފަ. މި އެ ޒަމާން. ތިމާއަށް ބުނެވޭނެ ވާހަކައެއް އެ ވަގުތު ނޯންނާނެ."

ހަނީފު ވިސްނައިދެވޭތޯ ބެލީ އެ އަންހެން ކުއްޖާއަށެވެ. އެ ދެމީހުން ތިބީ ފާލަން މަތީގައެވެ. ދެމީހުން ވެސް މާނޭވާ ލަމުން ދިޔައެވެ. ދެމީހުން ވެސް ތިބީ އުއްޑުންނެވެ. އަންހެން ކުއްޖާގެ ހެދުމުގެ ފަސްބައި ފާލަމުން ބޭރަށް އެލެން އޮތެވެ.

"އަހަރެން މި ވާހަކަ މިދެއްކީ ކުރެވުނު ތަޖުރިބާގެ އަލީގަ. ދިރިއުޅުމުގައި ދިމާވާ ކަންކަމުން މާޔޫސްވާންވެ ގޮތް ހުސްވަން ވެއްޖެ ނަމަ އެންމެ ފުރަތަމަ އަމިއްލަ ފުރާނަ ދުއްވާލަން ޖެހޭ އެކަކީ އަހަރެން. އެކަމަކު އަހަރެން ބޮލަށް އެކަހަލަ ވިސްނުމެއް ނާދޭ." ހަނީފު ތެދުވެ ފާލުގައި އަތްވިއްދައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަންނަކީ މިދިޔަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މަރުވި ސާރާ އިންނަން އުޅުނު ހަނީފު. އާން. ނޫސްތަކުގެ ސުރުޚީތަކުގައި އެވަނީ އަހަރުމެންގެ ވާހަކަ، ސާރާގެ ލޯބިވެރިޔާގެ ވާހަކަ. އެއީ އަހަރެން."

އެ އަންހެން ކުއްޖާ ބަލައިލީ ހަނީފުގެ މޫނަށެވެ. ފުން ނަޒަރަކުންނެވެ. އެ ބަލައިލުމުން އެތައް ވާހަކައެއް ކިޔައިދެމުން ދިޔަ ކަހަލައެވެ. އޭނާގެ ހިތުގައި ހަނީފަށް ޓަކައި ޚާއްޞަ މަގާމެއް ދެވެމުން ދިޔަ ކަހަލައެވެ.

"އަހަންނަކަށް ނޭނގޭ ތިޔައީ ކޮން ނަމެއް ކިޔާ ކުއްޖެއް ކަމެއް ވެސް. އަހަންނަކަށް ނޭނގޭ ދިމާވެގެން ތި އުޅެނީ ކިހާ ވަރެއްގެ މުސީބާތެއް ކަމެއްކަމެއް ވެސް،" ހަނީފު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން ސުވާލެއް ނުކުރާނަން އެކަމަކާ. ނަން ބުނެލައިފި ނަމަ ވަރަށް ރަނގަޅު."

ތަނަށް ވެރިވެގެން ދިޔައީ ހިމޭން ކަމެވެ. ދޭތެރެ ދޭތެރެއިން ފާލަމުގެ ތަނބުތަކުގައި ރުޅިވެރިކަމާއެކު ރާޅުތައް ހަމަލާދޭ އަޑު ނޫން އަޑެއް ނީވެއެވެ.
"އޯކޭ. އެކަން ވެސް މަޖުބޫރެއް ނޫން." ހަނީފު ހިންދިރުވައިލިއެވެ. ލުއި ހިނިތުންވުމަކާއެކުގައެވެ.
"ރިޔާ.. ރިޔާޝާ." ކުރަކި ވެފައިވާ އަޑަކުން ރިޔާޝާއަށް އޭނާއަށް ނަން ބުނެވީ ގަދަކަމުންނެވެ.


(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް