ޖާނުން ފިދާވުުމުގެ ހަަމަލާ ރާއްޖެއަށް އަންނަން ފަށާފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ވިދާޅުވެ، ކުއްލިއަކަށް ވަރަށް ގިނަ ބަޔަކު ހިފާ ހައްޔަރުކޮށްގެން ގައުމަށް ދިމާވާން އުޅޭ އެކަމުން އަރައިގަންނަން ޖެހޭކަމަށް "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައިވާ ދަނޑިވަޅެއްގައި މުންދު ސީއެންްއެމްގެ "ތަފްސީލް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ނަޝީދަކީ އެއްވެސް އަސާސެއް އޮވެގެން ވާހަކަދައްކަވާ ބޭފުޅެއް ނޫންކަމަށެވެ.
އަދި ނަޝީދު ދައްކަވާ ވާހަކައެއް އަބަދުވެސް ދައްކަވާނީ ކޮންމެވެސް ނިޔަތެއްގައިކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، ހުޅަގުގައި ހުންނަވައިގެން ރާއްޖޭގެ ތަސައްވަރު ކިލަބުވާފަދަ ގޮތަކަށް ވާހަކަދެއްކެވުމުން ގެއްލުން ވާނީ ރައީޝް ނަޝީދަށް ނޫންކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ.
އަދި އެވާހަކަތަކުގެ ސަބަބުން ރައީސް ނަޝީދަކީ ފުދޭ ބޭފުޅެއްކަމަށާއި، އެބޭފުޅުންނަށް ކޮންމެ ތަނެއްގައިވެސް އުޅުއްވޭނެކަމަށް މުންދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ވަނީ ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެގެން ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކަމަށް މުންދު ވިދާޅުވިއެެވެ.
މުންދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކު ރާއްޖޭގެ އަގުވެއްޓޭގޮތަށް ވާހަކަ ދައްކައިގެންނުވާނެ ކަަމަށެވެ. ވިދާޅުވާ އެއްޗެއް ވިދާޅުވާންޖެހޭނީ ކޮންމެވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ކަމަށާއި، އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭކަމަށް ވާނަމަ، އޮންނަ އުސޫލުތަކުގެ ތެރެއިން މައްސަލަ ހުށަހަޅަން ޖެހޭނެކަމަށެވެ.
އޯޕަން ފޯރަމެއްގައި އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް އެފަދަ ބޮޑެތި ވާހަކަތައް ދެއްކުމުން، ނަތީޖާއަކަށް ވަނީ އޭގެފަހަތުން ބަޔަކު ގާނޫނާއި ހިލާފަށް ކަންތައްތަކެއް ކުރެއްވުން ކަަމަށް މުންދު ވިދާޅުވިއެވެ.