ads
ތިނަދޫ މީހަކާއެކު އެރަށަށް ގޮސްއުޅޭ ގެސްޓެއް ފޮޓޯ ވ ތިނަދޫ ކައުންސިލް
އެންމެ 60 މީހުންނާއެކު ރަށެއް "އުދުހެނީ"
އެންމެ ފަސްދޮޅަސް މީހުން އުޅޭ ރަށެއް ރާޖޭގައި އެބަ އޮތޭ ބުނެފިއްޔާ ގަބޫލު ކުރާނަން ހެއްޔެވެ. އެމީހުން އުޅެނީ ކިހިނެއްހެއްޔެވެ. ހިދުމަތްތައް ހޯދަނީ ކިހިނެއް ހެއްޔެވެ؟
Advertisement

މީގެ ފަނަރަ އަހަރު ކުރިން އެރަށު މީހުން ތައުލީމު ހޯދުމަށްޓަކައި މާލެއަށް ބަދަލުވާންފެށިއެވެ. އެބަދަލުވުން ނިމިގެން ދިޔައީ އެރަށު ސްކޫލުގެ ކިޔަވާ ކުދިންގެ އަދަދު އެންމެ ކުއްޖަކަށްވެ، ސްކޫލު ބަންދުކުރުމާ ހަމައިންނެވެ. ސްކޫލު ބަންދުކުރީ ސްކޫލުގައި ކިޔަވަން އެންމެ ދަރިވަރަކަށް ވުމުންނެވެ.

"މަދުވަމުން މަދުވަމުންގޮސް އެންމެ ދަރިވަރަކަށްވީ. ދެން އެދަރިވަރަށްވެސް މަޖުބޫރުވީ ރަށުން ދާން. އެހެންވެ އެދަރިވަރުގެ ބެލެނިވެރިން ވެސް ބަދަލުވީ. އެހިސާބުން ސްކޫލު ބަންދުކުރީ . އެއީ މީގެ 15 އަހަރު ކުރި" ވ. ތިނަދޫ ސްކޫލު މީގެ 15 އަހަރު ކުރިން ބަންދު ކުރަން ޖެހުނުގޮތް އެރަށު ކައުންސިލް ރައީސް ޝިފާގު ހުސައިން ސީއެމްއެން އަށް ވިދާޅުވި އެވެ.

އާބާދީއާއި އާބާދީ އައްޑަނަ

ވ. ތިނަދޫ އަކީ ބިން ބޮޑު ރަށެކެވެ. ރީތި ދޮންވެލި ތުނޑިއާއި، ދިވެހި ކާނާ ހައްދާ ދަނޑުތަކާއި ދިވެހި ސަގާފަތް ހިފެހެއްޓުމަށް މަސައްކަތް ކުރާ ބައެކެވެ. ޓޫރިޒަމް ދާއިރާއިން ބޮޑު ނަފާއެއް ނަގާ ކުޑަ އާބާދީއެކެވެ. އަޅެ ތަސައްވަރު ކޮށްލައްވާށެވެ. އެރަށުގައި އުޅެނީ އެންމެ 60 މީހުންނޭ  ބުނެފިއްޔާ ގަބޫލު ކުރާނަންހެއްޔެވެ؟ ގަބޫލު ނުކުރެވުނަސް އެއީ މިހާރު އެރަށުގައި ވަޒަންވެރިވެ އުޅޭ އެރަށު މީހުންގެ އަދަދެވެ. ޖުމްލަ އާބާދީ އަކީ 268 ނަމަވެސް ރަށުގައިތިބި 60 މީހުން ފިޔަވައި އެންމެންހެން އުޅެނީ މާލޭގައެވެ.

މިނަތީޖާ ނުކުތުމަށް ސަބަބުތަކެއް މެދުވެރިވިއެވެ. ރައީސް މައުމޫނެވެ. ރައީސް މައުމޫނުގެ ދައުރުގައި ހިންގެވި އާބާދީ މަދުކުރުމުގެ ޕްރޮގްރާމެވެ. އެކަމަށްޓަކައި އެރަށު މީހުން އޭރު މަސައްކަތް ކުރުމުގެ ސަބަބުން ވަރަށް ފަހުރުވެރި އައްޑަނައެއް އެރަށަށް ވަނީ ލިބިފައެވެ. އެކަމަށްޓަކައި އެރަށު މީހުން އޭރުވެސް ފަހުރުވެރި ވިއެވެ. މިހާރުވެސް ފަހުރުވެރި ނުވާންވީ ސަބަބެއް ނެތެވެ. ރަށުގެ ހާލަތު މިއަދު ބަދަލުވެފައިވާ ގޮތުން ރަނގަޅު ނަފާއެއް މިއަދު ލިބެމުން އަންނަނީ އެކަމުގެ ސަބަބުންނޭ ބުނެވިދާނެއެވެ.

your imageއާބާދީ މަދުކުރުމުގެ އައްޑަނަ: މިއައްޑަނަ އެރަށަށް ލިބިފައިވަނީ 2006 ގައި

ތައުލީމް      

ތައުލީމު ދިނުމަށް ސްކޫލެއް އެރަށުގައި ގާއިމް ކޮށްފައި ވެއެވެ. ނަމަވެސް އެސްކޫލުގައި ކިޔަވައިދެމުން ނުދާތާ މިހާރު 15 އަހަރު ވަނީވެފައެވެ. ތައުލީމު ހޯދުމަށް އެރަށު މީހުން ބަދަލު ވީ މާލެއަށެވެ. ސްކޫލުގައި އޭރު ތިބި ހުރިހާ ކުދިންނެވެ. އެހެން ވުމުގެ ސަބަބުން ސަރުކާރަށް މަޖުބޫރުވީ ސްކޫލު ބަންދު ކުރާށެވެ.

އެހެންނަމަވެސް މިހާރު ސަރުކާރުން އަންނަނީ އެރަށުގައި ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކުރަމުންނެވެ. ސެޓެލައިޓް ސްކޫލް ޕްރޮޖެކްޓް ގެނަމުގައި އެރަށުގައި އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރުވަމުން އަންނަކަމަށް ޝިފާގު ވިދާޅުވެއެވެ.

"ހުރިހާ ހަރަދެއް ކުރާނީ އެޑިއުކޭޝަން މިނިސްޓްރީން. ރަށަށް ބަދަލުވާ ކުދިންނަށް ޓެބްލެޓް ވެސް ދެނީ ސަރުކާރުން. ސްކޫލް ކުދިންގެ ޔުނިފޯމް ދޭނީ ކައުންސިލުން. މިހާރު އަށް ކުދިން ސްކޫލްގައި ކިޔެވުމަށް ކައުންސިލްގައި ރަޖިސްޓްރީ ކޮށްފި،" ޝިފާގު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ބުނީ ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން މާލޭގައި ތިބި އާއިލާތައް މިހާރު ރަށަށް ބަދަލު ވަމުން އަންނަ ކަމަށެވެ. ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އެރަށުގެ ތިން ޓީޗަރުން އެހީތެރިވާގޮތަށެވެ. ކިޔަވައިދޭނީ މާލޭގެ ޓީޗަރުން ކަމަށާއި ކިޔަވައިދިނުން މިއަހަރުގެ ދިރާސީ އާ އަހަރާއެކު މިއަންނަ އޯގަސްޓް މަހު ފެށޭނެ ކަމަށްވެސް ޝިފާގު ވިދާޅުވެއެވެ.

your imageކުދިންތަކެއް މަހެއް ހިފައިގެން

ޓޫރިޒަމާއި އާމްދަނީ

ރަށުގައި ޓޫރިޒަމްގެ ހަރަކާތްތައް ފެށިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުއެވެ. އޭރު އެކަމަށް ވަކި ގަވާއިދެއް ހެދިފައި ނެތަސް ރަށުގެ މީހަކު އެކަން ކުރީ އާމްދަނީ ހޯދުމަށެވެ. ފަހުން ރައީސް ނަޝީދު އެރަށަށް ވަޑައިގެން އެކަން ގަވައިދެއްގެ ތެރެއިން ކުރެވޭނެ ކަމުގެ ހިތްވަރު ދެއްވިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެ އުންމީދުގައި މިއަދު ކުލަޖެހިފައިވާތީ ރަށުގެ އެންމެންހެން ތިބީ އުފަލުންނެވެ.

ނިސްބަތުން މީރާއަށް އެންމެ ބޮޑު އަދަދެއް ވައްދާ އެއްރަށަކަށް އެރަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެރަށާމެދު ސަރުކާރުން މާބޮޑު އަހައްމިއްޔަތެއް ނުދޭކަމަށް ޝިފާގު ވިދާޅުވިއެވެ. ޝިފާގު އެހެން ވިދާޅުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކައުންސިލް ބަޖެޓް އެންމެ ކުޑަކޮށް އޮންނަ ރަށަކަށް އެރަށް ވެއެވެ.

"ސަރުކާރުތަކުން ވަރަށް އަޅާލުން ކުޑަކޮށް ނިމިދިޔަތަން ގޮސްފައި ހުރީ. އަޅުގަނޑުމެންގެ ބަޖެއްޓުވެސް ވަރަށް ކުޑަ. ކުރިން ގެސްޓުން އަތުން އަޅުގަނޑުމެން ކައުންސިލުން ނަގަމުން އައިން އެއްޑޮލަރު ބޮލަކަށް. ސަރުކާރުން ބުނީ އެގޮތަށް ނުނެގޭނެއޭ. އެހެންވެ އެކަންވެސް ހުއްޓާލާފައި އޮތީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެކަމަކު ޝިފާގު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު މިހާރު ގެސްޓްހައުސް ހިންގާ ފަރާތްތަކުން ކޮންމެވެސް މިންވަރެއް ނަގަން ނިމިފައިވާކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މި ސަރުކާރުން އެރަށަށް ކަންކަން ކޮށްދެއްވަމުން ގެންދާކަމަށެވެ. އެގޮތުން އެރަށުގެ ސިއްހީ ހިދުމަތް ލިބޭގޮތް ހަމަޖެއްސީ މިސަރުކާރުން ކަން ފާހަގަ ކުރިއެވެ.

ހަމައެއާއެކު އޭނާ ފާހަގަ ކުރެއްވިގޮތުގައި ސަރުކާރުން ބޮޑެތި ކަންކަން ކޮންމެހެން ކޮށްދިނުމަށް އެރަށަކުން ނޭދެއެވެ. އެރަށަށް މާބޮޑު ހަރަދުތަކެއް ނުކުރިއަސް މެނޭޖް ކުރެވޭނެއެވެ. ރަށަށް އެވަރުގެ އާމްދަނީއެއްލިބެއެވެ.

"10 ވަރަކަށް 15 ވަރަކަށް މިލިޔަން ރުފިޔާ ކޮންމެ އަހަރަކު މިރަށުގެ ވިޔަފާރިވެރިން މީރާ އަށް ދައްކާ. މިފަދަ ކުޑައާބާދީ އަކަށް ބަލާފައި ނިސްބަތުން އެންމެ ގިނަ އަދަދަކަށް މީރާއަށް ފައިސާ ދައްކާ އެއް ބަޔަކަށް އަޅުގަނޑުމެންވާނެ،" ޝިފާގު ވިދާޅުވިއެވެ.

ރަށުގައި ހުރި ހަ ގެސްޓު ހައުސްގައި 450 މީހުންނަށް ބަރާބަރަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވެއެވެ.

ތިމާވެއްޓާ އޮންނަ ރައްޓެހިކަން 

ރަށުގައި އެއްތަނުން އަނެއްތަނަށް ދިއުމަށްޓަކައި ބޭނުންކުރަނީ ބައިސްކަލެވެ. ތަކެތި އުފުލަން ބޭނުން ކުރަނީ ގާޑިޔަލެވެ. އިންޖީނުލީ އެއްވެސް އުޅަނދެއް ބޭނުމެއް ނުކުރެއެވެ. ބެޓެރި ވެހިކަލެއްވެސް ބޭނުމެއް ނުކުރެއެވެ. 

ޝިފާގު ވިދާޅުވީ އެންމެންވެސް ބޭނުންވަނީ އެގޮތަށް އެރަށް އޮތުމެވެ. ރަށް ސާފުކޮށް ބޭއްވުމަށް އެންމެންވެސް އިސްކަމެއް ދެއެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ބައެއް އުސޫލުތައް ކައުންސިލުން ހަދާފައިވއެވެ. އެގޮތުން ގެސްޓް ހައުސްތައްވެސް ތިންބުރިއަށް ވުރެ މައްޗަށް އެރަށުގައި ނުނެގޭނެއެވެ.  

ރަށަށް އަރާ ކޮންމެ ގެސްޓަކަށް އެރަށުން މަރުހަބާ ކިޔަނީ އުފަލާ ހިނިތުންވުމާއެކުއެވެ. ގެސްޓުން އެރަށަށް އަންނަނީ އެހެންވެގެންނެވެ. ރަށުގައި ގާއިމް ކުރެވިފައިވާ އުސޫލުތައް ގެސްޓުން ހިފަހައްޓައެވެ. އެހެންކަމުން ތިނަދޫ ވެފައިވަނީ މިނިވަން، ރީތި ދިވެހި މާހައުލަކަށެވެ. ފަތިހުގޮވާލާ ކޮވެލީގެ އަޑާއެކު މަސައްކަތުގައި އެންމެން ޝާމިލުވާ ރަށަކަށެވެ. ހާސްކަމެއް ނެތި ދިރިއުޅެވޭ ރަށަކަށެވެ. މާލޭގައި ތިބި އެރަށުގެ މީހުންވެސް ވިސްނުން ބަދަލުކޮށް ރަށަށް އެނބުރި އެދަނީ އެހެންވެގެންނެވެ.  

76%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް