
2020 ވަނަ އަހަރުގެ ކުރީކޮޅު ނީތޫގެ ފިރިމީހާ ކުރީގެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު (ޗިންޓޫޖީ) ކެންސަރު ބަލީގައި ނިޔާވުމާ ގުޅިގެން ނީތޫ މި ވޭތުވި އަހަރެއްހާ ދުވަސް ހޭދަކުރަމުން އަންނަނީ ވަރަށްވެސް ހިތްދަތިކަމާއެކުގައެވެ. އެހެންނަމަވެސް ނީތޫ މިހާރު ދަނީ މަޑުމަޑުން ކުރީގެ ދިރިއުޅުމަށް އެނބުރި ދިޔުމަށް މަސައްކަތްކުރަމުންނެވެ. ނީތޫގެ އަންހެން ދަރިފުޅު ރިދީމާ ކަޕޫރުގެ ވެސް ގިނަ ވަގުތު ތަކެއް ހޭދަކުރަމުން ދަނީ ނީތޫ އާއި އެކުގައެވެ. ހަމަ އެޔާއެކު ނީތޫގެ ފިރިހެން ދަރިފުޅު، ބޮލީވޫޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރުގެ ލޯބިވެރިޔާ އާލިޔާ ބަޓްވެސް ގިނަ ވަގުތުތަކެއް ނީތޫގެ އެކަނިވެރިކަން ފިލުވަިދިނުމަށް ނީތޫއާއިއެކު ހޭދަކުރާކަން ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ހާމަވެއެވެ.
މި ނިމުނު ހަފްތާގެ "ސްޕަ ޑާންސާ" ރިއަލިޓީ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ނީތޫ ބައިވެރިވެފައިވާއިރު، ނީތޫ ވަނީ ޖޫން 28 ވަނަ ދުވަހު އާއިލާ އާއިއެކުވެސް ވަގުތު ހޭދަކޮއްފައެވެ. އާއިލާ އާއިއެކު ވަގުތު ހޭދަކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ނީތޫގެ އިންސްޓަގްރާމުގައި ވަނީ ހިއްސާ ކޮއްފައެވެ. މި ފޮޓޯގެ ކެޕްޝަންގައި "މައި ވޯލްޑް" (އަހަރެންގެ ދުނިޔޭ) މިހެން ޖަހާފައިވެއެވެ. މި ފެމިލީ ފޮޓޯގައި އާލިއާ ބަޓް ވެސް ވަނީ ހިމެނިގެން ގޮސްފައެވެ.
މި ނިމުނު އަހަރު ފަހުކޮޅު އާލިއާ އަދި ރަންބީރުގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ރަންބީރުގެ ބައްޕަ ރިޝީ ނިޔާވުމާ ގުޅިގެން މި ކައިވެނި ވަނީ ލަސްކުރެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ނީތޫގެ މި ފެމެލީ ފޮޓޯގައި އާލިއާ ހިމެނިގެން ދިއުމަކީ މި ދެ ތަރިންގެ ކައިވެނި ވަރަށް އަވަސް މުސްތަގުބަލެއްގައި ކުރެވިގެން ދާނެ ކަމުގެ ކޮންމެސް ކަހަލަ ސިގްނަލަކަށް ވުންވެސް އެކަށީގެން ވެއެވެ.