އިގްތިސާދީ އަދި ސިނާއަތްތަކުގެ ފަންނީ މާހިރެއް ކަމުގައިވާ އަންޑޭ މިހެން ވިދާޅުވާއިރު، އެދޭ ރާއްޖެ ހަރަކާތުން ވަނީ، ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގު ރާސްތާ ޕްލޭނާ ނުލައި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ކުރާ މަސައްކަތްތައް ހުއްޓާލައި، ތަންދޮރުދަންނަ މީހުންނާއި ކަމާ ގުޅޭ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ބައިވެރިވުމާއެކު ގައުމީ ތަރައްގީގެ ޕްލޭނަކަށް ނޫނީ ރާއްޖެ ތަރައްގީ ނުކުރަން "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލާފައެވެ.
"އެދޭ ރާއްޖޭގެ" ހުށަހެޅުން
1. ކަމާ ގުޅޭ އިލްމާއި ތަޖުރިބާ ހުރި މީހުންނާއި ކައުންސިލްތަކާއި، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު މުޅި ރާއްޖެ ހިއްސާވާ، ގައުމީ ތަރައްގީގެ ތަސައްވުރާއި ޕްލޭނެއް އެކުލަވާލައި، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
2. ގާނޫނު އަސާސީ އިން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަަރއްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީކުރުން ލާޒިމް ކުރުން
3. މިގޮތަށް އެކުލަވާލާ ޕްލޭނަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސއްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީކުރުން ލާޒިމްވެ، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޠާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުަގައި ބޭނުންކުރުމުގެ ފުރުސަތު ހަނިކުރެވިގެންދާނެއެވެ.
ރާއްޖެއަށް އާ ސިނާއަތްތައް ތައާރަފްކުރުމާއި ގުޅޭގޮތުން "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން އަންޑޭ ވިދާޅުވީ، އިގްތިސާދު ސިންދަފާތުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަށާއި، އެކަމަށްޓަކައި އާ ސިނާއަތްތައް އުފެއްދުން ނުވަތަ ތައާރަފްކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ، ތަންދޮރު ދަންނަ ސިނާއަތުގެ ފަންނީ މީހުންނާއި ވިޔަފާރިވެރިން މައުނަހުރި ގޮތެއްގައި ބައިވެރިކޮށްގެން ކަމަށާއި، އަދި މިކަމަށްޓަކައި މަގުފަހިކޮށްދޭ ސަރުކާރެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އަންޑޭ ވިދާޅުވިއެވެ.
މީގެ ބޭނުމަކީ އިގްތިސާދީ މަންފާގައި އެންމެން ޝާމިލުކޮށް، ސިނާއަތުން ލިބޭ ފައިދާ ފުޅާ ދާއިރާއެއްގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަންޑޭ ވިދާޅުވީ، މީހުންގެ ބައިވެރިވުން މާނަކުރަންޖެހޭނީ، ދިވެހި ރައްޔިތުންނަށް އަމަލީގޮތުން ހިއްސާވެ، ހުނަރާއި ގާބިލުކަން އިތުރުކޮށް، އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެން ކަމަށާއި، އަދި އޭގެ މިލްކުވެރިކަން ހޯދައި، އިގްތިސާދީ މަންފާ ލިބޭނެ ހަގީގީ މަގުތައް ރައްޔިތުންނަށް ފަހިވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަންޑޭ މިހެން ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރަން އާ ސިނާއަތްތައް ބޭނުންވާ ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ގާނޫނުން އެފުރުސަތު ހުޅުވާލެވި، މުޅިން އައު ސިނާއަތެއް އުފެދިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، ރިއަލް އެސްޓޭޓް ގާނުނުގެ ދަށުން ރަސްމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ވޯޓަ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް އާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އާ ސިނާއަތެއް އުފަން ކުރުން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. ނަމަވެސް ލަސްވި ނަމަވެސް ދެން އުފަން ކުރާ އާ ސިނާއަތަކީ، މަދު ބަޔަކު އަދި އެއް ފިކުރެއްގެ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާކަމަކަން ނުހަދައި، ތަންދޮރުދަންނަ މީހުންނާއި ފަންނުތަކުގެ ތަޖުރިބާކާރުންނާއި އާންމުންގެ އިތުރުން ސިވިލް ސޮސައިޓީގެ ބއިވެރިވުމާ އެކު ކަނޑައަޅާކަމަކަށް ވެއްޖެ ނަމަ އެކަމުން ލިބޭނެ މަންފާ ބޮޑުވެ، ލިބޭ ގެއްލުން ކުޑަ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.