ads
ޖީހާން - ފޮޓޯ: މަޖްލީސް
އަންހެނުން ހިތާނުކުރުމާއި ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދަނީ
އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކަމާއިބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
Advertisement

އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ޑރ. އިޔާޒް ހިތްވަރު ދީފައިވާ ކަމަށް ބުނެ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. 

އެމައްސަލައާއި ގުޅިގެން ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އަންހެނުން ހިތާނުކުރުމާއި ބެހޭގޮތުން އެކި ޕްލެޓްފޯމުތަކުގައި އެކި ގޮތްގޮތަށް ގިނަ ވާހަކަތަކެއް ދެކެވެމުންދާތީ އެ ފުރުސަތު ދިނުމަކީ އެންމެ އެދެވޭކަމެއްގެ ގޮތުގައި ނުބެލެވޭކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ބަދަލުގައި އެމައްސަލައަށް ހައްލެއް ގެނެސް އެކަން ނިންމަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ. 

އެހެންކަމުން އިއްޔެ ކޮމެޓީގައި ނިންމާފައިވަނީ އަންހެނުން ހިތާނުކުރުމަށް ޑރ. އިޔާޒް ހިތްވަރު ދީފައިވާ ކަމަށް ބުނެ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލާގައި، އިސްލާމިކް މިނިސްޓްރީ އާއި އެމްއެންޔޫއިން އެމައްސަލަ ބަލަމުންދާގޮތް ސާފުކުރުމަށްފަހު، އިސްލާމިކް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީ އަދި އެޗްއާރްސީއެމްގެ އިތުރުން އެޓަނީ ޖެނަރަލް ގެ ވިސްނުންފުޅު އެކަމުގައި ހުރިގޮތް ސާފުކުރުމަށް ބައްދަލުވުމެއް ބޭއްވުމަށެވެ. 

ކުރި ޓްވީޓަކާ ގުޅުވައިގެން މަދު ބަޔަކު އެމަނިކުފާނާއިމެދު ނަފްރަތު އުފައްދަމުންދާތީ ކަމަށް ވިދާޅުވެ ނެރެފައިވާ ބަޔާނެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ، 

އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އެކަމަށް ވަކާލާތުކުރާ އަދި ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ރާއްޖެއިން ނެތިގޮސްފައިވާ އާދައެއްކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަކުރުމަށް އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރާކަން ފާހަގަކުރައްވަމުން ޑރ. އިޔާޒް ވަނީ، އަންހެނުން ހިތާނުކުރުމުގެ މައްސަލައިގައި އެމަނިކުފާނު ޓްވީޓު ކުރެއްވި ސަބަބު އޮޅުން ފިލުވާދީފައެވެ.

އެ މައްސަލާގައި ޓްވީޓްކުރި ސަބަބެއް ކަމަށް ޑރ. އިޔާޒް ވިދާޅުވީ، އެކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރަށްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި އެކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށެވެ.


އެގޮތުން އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފުއޮތް ފަރުޢީ މައްސަލައް ކަމަށާއި، ފަހުގެ ބައެއް އިލްމުވެރިން އެއީ ހަރާމް ކަމެއްކަމުގައި ވެސް ވިދާޅުވާ ކަަމަށެވެ. ނަމަވެސް ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރަޢުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރަޢުޔަކީ ނެތް ރަޢުޔުތަކެއްކަމުގައި ހެދުމީ ޢިލްމީ އަމާނާތްތެރިގޮތެއް ނޫން ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ، އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިއްތިފާގުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ޑރ. އިޔާޒް ދެއްކިވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އިސްލާމީ ޝަރީޢަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި އިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅުއޮތްކަން ބަޔާންކޮށްގެން އެމަނިކުފާނަށް ނުވަތަ އެހެންފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެކަމަށާއި އެފަދަ ކޮންމެ އަދަބެއް އެއީ ބޭއިންސާފުން ދެވޭ އަދަބެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.  

މީގެ އިތުރުން އެމައްސަލާގައި އެމަނުކުފާނާއިދު ނަފްރަތު އުފައްދައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަވައްދައި، އިލްމީ މުއައްސަސާއަކުން އެމަނިކުފާނަށް ވަޒީފާގެ ބިރުވެސް ދައްކަމުންދާ ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

އަދި އެމަނުކުފާނާއި ދެކޮޅަށް ދޮގު ބުހުތާނު ހަދައި، ކާޓޫނުކުރަހާ، ގަނާކޮށް، އަބުރަށް އަރައިގަންނަމުންދާކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމަކަށްފަހުވެސް ރާއްޖޭގެ ދީނީ އިލްމުވެރިން ހަނުތިއްބަވާތީ ހިތާމަކުރައްވާކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް