ހިންމަފުށި އަދި ދިއްފުށީގައި ގާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މި ދެރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިސާދަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލެ ފިޔަވައި ކ. އަތޮޅުގެ 6 ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްދެވިފައި. އަދި މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުންވެސް މިދަނީ ހިދުމަތް ފޯރުކޮށްދެމުން."
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސާވިސް ބޭންކިން ސެންޓާ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި އެކުންފުނިން ބުންޏެވެ.