
ތާޕްސީ ބުނީ ކަރީނާ ބޭނުން އަގެއް މުސާރައެއްގެ ގޮތުގައި ހޯދުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެގޮތުން ފިރިހެން އެކްޓަރެއް ބޮޑު މުސާރައަކަށް ބުނި ނަމަ އެ ވެގެންދާނީ އޭނާގެ ކާމިޔާބީއަކަށް ކަމަށާއި ކަރީނާ ބޮޑު އަގެއް ހުށަހެޅުޅުމުން ފާޑު ކިޔަނީ އަންހެނަކަށް ވުމުން ކަމަށް ތާޕްސީ ބުނެއެވެ.
ތާޕްސީ ބުނީ ކަރީނާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އަންހެން ތަރި ކަމަށެވެ. އަދި ކަރީނާ ފިލްމު ކުޅޭނެ އަގެއް އިނގޭނީ ކަރީނާއަށް ކަމަށް ތާޕްސީ ބުނެއެވެ. މަހަބާރަތާ ފިލްމުގެ ފިރިހެން ތަރިން އެ ފިލްމު ކުޅެދެނީ ހިލޭތޯ ތާޕްސީ ވަނީ ސުވާލު އުފައްދާފައެވެ.
ހިންދޫ ވާހަކައެއްގެ މައްޗައް އުފައްދާ ފިލްމުގައި ސީތާގެ ރޯލް ކުޅެން ކަރީނާ ވަނީ 12 ކްރޯޑް ދިނުމަށް ޑިމާންޑްކޮއްފައިކަމަށް ދާދި ފަހުން މީޑިއާ ތަކުގައި ވަނީ ރިޕޯޓް ކޮއްފައެެވެ. މި ހަބަރާއެކު ސޯޝަލް މީޑިއާގައި އިންޑިއާގެ އެކި ފަރާތްތަކުން މިވަނީ ނުރުހުން ފާޅުކުރަން ފަށާފައެވެ.
އެ މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ ހަރުކަށި ވިސްނުމުގެ ހިންދޫން ކަރީނާއަކީ ފުރިހަމަ ހިންދޫއެއް ނޫން ކަމަށް ބުނެ އަޑު އުފުލަން ފެށުމުންނެވެ. އަދި ސީތާ ފަދަ ރޯލެއް ކުޅެން ކަރީނާއެއްވެސް ގޮތަކައް ކަމުނުދާކަމަށް އެމީހުން ބުނެއެވެ. ސީތާ އަކީ ހިންދޫ ދީނުގެ މީހުން ގަބޫލުކުރާގޮތުން ވަރަށް މާތް އަންހެނެކެވެ. އެހެންކަމުން އެފަދަ ރޯލަކުން ފެނިގެން ދާންޖެހޭނީ ފުރިހަމަ ހިންދޫ ތަރިއެއް ކަމަށް އެމީހުން ބުނެއެވެ.
ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަރީނާ ބޮއިކޮޓް ކުރުމަށް ގޮވަމުން ދާއިރު ގިނަ ބަޔަކު ބުނަމުން ދަނީ ކަރީނާ އަކީ ހިންދޫ ދީން ދޫކޮށް މިހާރު މުސްލިމް ވެފައިވާ މީހެއްކަމަށެވެ. އެހެނަކަމުން ސީތާގެ ރޯލް ކަރީނާ ކުޅުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޓްވިޓާގައި މީހަކު ކޮއްފައިވާ ޕޯސްޓަކައް ބަލާލާއިރު، އޭނާ ބުނެފައިވަނީ ސީތާގެ ރޯލަށް ކަރީނާ 12 ކްރޯޑް އެބަނަގާ ކަމަށެވެ. އެހެންކަމަށް ވާނަމަ ކަރީނާ އާއެކު ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުވެސް ބޮއިކޮޓް ކުރަން ޖެހޭކަމަށެވެ.