އެމްއެންޑީއެފްއިން ބުނީ އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިން ރެކޯޑަށް ބެެއްލެވުމަށްފަހު، ޓްރެފިކިން ވޮޗްލިސްޓުގައި ހިމަނާފައި ކަމަށާއި 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއަރ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑު ވިޔަ ނުދީ ސަލާމަތްކޮށްފައި ކަމަށެވެ.
ޓިއާ ތިނަކަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާ ކަން ކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވާ ކަމަށެވެ.
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވަނީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަމާއި ޚާއްޞަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރުއަދާކުރައްވާފައެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ރާއްޖެއިން ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނެސްފައެވެ.