ކްރިމިނަލްކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅީ މިދިޔަ ހަފްތާގައެވެ. ހައި ކޯޓުން ބައެއް މީޑިއާ ތަކަށް ބުނީ، އެ މައްސަލަ މިހާރު އެ ކޯޓުން ބަލައިގަނެ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމައި އެގޮތަށް މިހާރު ވަނީ އެއް އަޑުއެހުން ބާއްވައިފަ އެވެ. ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން އަލީ ވަހީދަށް ވަނީ ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީފައިވެ އެވެ.
ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވަނީ އޮންލައިންކޮށް ޝަރީއަތް ބާއްވަން ގާޒީ ހަސަން ސައީދު ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުން ކަމަށެވެ.
ޕީޖީން އެމައްސަލަ އިސްތިއުނާފު ކުރީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭ ކަމަށް ބުނެއެވެ.
ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ފެށުމާއިއެކު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭކަމަށް ބުނެ ކޯޓުން ޕާސްޕޯޓް ދޫކޮށްލައިދިނުމަށް އެދިފައިއެވެ.
ކޯޓުން ޕާސްޕޯޓް ދޫކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ. އެޖާމިނުގައި ވާގޮތުން އޭނާ ހަތަރު މަސް ތެރޭ އެނބުރި އަންނަން ޖެހޭނެއެވެ. ނަމަވެސް އޭނާ އެނބުރި އައިސްފަ އެއް ނުވެއެވެ.
އަލީ ވަހީދަށް ކުރެވޭ ދައުވާގެ ފުރަތަމަ އޮންލައިން އަޑު އެހުން ބޭއްވީ ނިމުނު މޭމަހު 21 ވަނަ ދުވަހުއެވެ. އޮންލައިން އަޑުއެހުމަކަށް ފަހު ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދިއުން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީއަށް ފުރާފައިވަނީ ފެބްރުއަރީ މަހުގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކޮށްފައި ވަނީ އަލީ ވަހީދުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ.