
ތާޕްސީ ވަނީ ދާދި ފަހުން އޭނާ ކައިވެނިކުރާ ފިރިހެނެއްގެ ހުންނަން ޖެހޭ ސިފަތައް ކިޔާދީފަ އެވެ. މިވަގުތު ކުރީގެ ބެޑްމިންޓަން ކުޅުންތެރިއެއް ކަމަށް މެތިއަސް ބޮއި އާއި ރައްޓެހިވެގެން އުޅޭ ތާޕްސީ ނިއުސް ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާތަނަށް އޭނާ ރައްޓެހިވި ކޮންމެ މީހަކާވެސް ރައްޓެހިވެފައިވާނީ ކައިވެނިކުރުމުގެ ނިޔަތުގައި ކަމަށެވެ.
ތާޕްސީ ބުނީ އޭނާ ވަގުތު ހޭދަ ކުރާނީވެސް މުސްތަގުބަލެއް އޮންނަ ގުޅުމަކަށް އެކަނި ކަމަށާއި މުސްތަގުބަލެއް ނެތް ގުޅުމަކަށް “ޓައިމް ޕާސް” ކުރަން ޝައުގުވެެރިކަމެއް ނުހުންނަ ކަމަށެވެ.
މައިންބަފައިން ބޭނުންވަނީ އަވަހަށް ކައިވެނިކުރަން ކަމަށާއި މައިންބަފައިން ތިބެނީ އޭނާ ކައިވެނި ނުކޮށް ހުރެދާނެތީ ބިރުން ކަމަށް ތާޕްސީ ބުނެއެވެ.
ނަމަވެސް ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ނުވަނީސް ކައިވެންޏަކާ ހިސާބަށް ނުދާނެ ކަމަށް ތާޕްސީ ބުނެ އެވެ.
ތާޕްސީ ބުނީއަހަރަކު ހަ ފިލްމު ކުޅުމުގެ ބަދަލުގައި ދޭއް ނުވަތަ ތިން ފިލްމު ކުޅެން ޖެހޭ ދުވަހަކު އަމިއްލަ ދިރިއުޅުމާމެދު ވިސްނާނެ ކަމަށާއި އަދި އެ ދުވަސް ނާންނަ ކަމަށެވެ.
ތާޕްސީގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި “ލޫޕް ލަޕީތާ”، “ރާޝްމީ ރޮކެޓް”، ޝާބާޝް މިއްތޫ”، “ދޮބާރާ” އަދި “ވޯ ލަޑްކީ ހޭ ކަހާން” ހިމެނެއެވެ.