ކުރިން ގަވާއިދާ ހިލާފަށް ޕާކް ކުރުމުން، ހަމައެކަނި ޖޫރިމަނާ ކުރިނަމަވެސް ލައިސަންސް ހިފެހެއްޓުމާއި ބާތިލް ކުރުން ފަދަ ފިޔަވަޅުތައް އަޅަނީ ނުރައްކާތެރިކޮށް ދުއްވުން ފަދަ ކަންކަމާ ގުޅިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ އެވެ. އަދިި ގަވާއިދާ ހިލާފްވާ ކޮންމެ ފަހަރަކު ލައިސަންސުން ޕޮއިންޓް އުނި ކުރެވޭނެ ކަމަށާއި އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުބުނެއެވެ.
މީގެ އިތުރުން ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ހިލާފަށް ދެފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ލައިސަންސުން ޕޮއިންޓް ހުސްވުމުން އެ ލައިސަންސެއް ބާތިލްވާނެ އެވެ. އެގޮތަށް ލައިސަންސް ބާތިލްވެއްޖެ ނަމަ އެމީހަކަށް އާ ލައިސަންސެއް ލިބޭނީ 180 ދުވަސް ފަހުން ކަމަށާއި އަދި އާ ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.
ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް އެގަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެއެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެއުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެ އެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.