ads
ބަލިމީހާ ސަތަރިގަނޑުގައި އުފުލާ މަންޒަރު ފެންނަ ފޮޓޯ----
ސަތަރިގަނޑެއްގައި ބަލިމީހަކު އުފުލާ ފޮޓޯ: 2 އަަހަރުވީ އެމްބިއުލާންސް މައްސަލައަށް ހައްލެއް
ގދ. ނަޑެއްލާގައި ހާލުދެރެ ބަލި މީހަކު ސަތަރިގަނޑެއްގައި ލޯންޗަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ އާއްމުވުމާއި ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއިއެކު، ދެއަހަރުވެފައިވާ އެމްބިއުލާންސް މައްސަލަ ހައްލު ވެއްޖެ އެވެ.

އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އަންޝާއު މިއަދު "ސީއެންއެމްް" އަށް ވިދާޅުވީ، މާލެ ކޮޅުން އެމްބިއުލާންސެއް ގެނެއުމަށްޓަަކައި މިއަދު މެންދުރު ދަތުރުފަށާފައިވާ ކަމަށާއި، މޫސުން ގޯސްވުމާއި ގުޅިގެން ރަށާއި ހަމަޔަށް އެމްބިއުލާންސް އައުން ލަސްވި ނަމަވެސް އެންމެ ލަސްވެގެން ދެ ދުވަސްތެރޭ ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. 

ނަޑެއްލާގައި ހާލުދެރެ ބަލި މީހުން އުފުލާނެ އެމްބިއުލާންސެއް ނެތްތާ މިހާރުވަނީ ދެ އަހަރުވެފައެވެ. އެކަން ހައްލުކޮށްދިނުމަށް ސަރުކާރުގައި މީގެ ކުރިންވެސް ކައުންސިލުން އެދިފައިވެއެވެ. 

" ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، އެންމެ އަވަހަށް އަންނަ ޝިޕްމެންޓްގައި ނަޑެއްލާއަށްވެސް ލިބޭނެކަމަށް. އަނެއްކާ މިކޮޅުގައި ހަލާކުވެފައިވާ އެމްބިއުލާންސްވެސް ހަދާދޭނެ ކަމަށް ބުނެފައިވަނީ، އެހެންނަމަވެސް އަދި އެކަން ނުވެ ވަނީ، ދެން މިހާރު މާލެ ކޮޅުން އެއްޗެއް ހަމަޖެހިގެން އޭތި ގެނެއުމުގެ މަސައްކަތް އެކުރަނީ" ކައުންސިލުގެ ރައީސް އަންޝާއު ވިދާޅުވިއެވެ. 

އަދި މިދިޔަ މަހުގެ ތެރޭގައިވެސް އެމައްސަަަލައިގެ ހައްލަކަށް ކައުންސިލުން އެދިފައިވެއެވެ. އެފަހަރު ސަރުކާރުން ވަނީ ނަޑެއްލާގައި ބޭނުންކުރަމުންދަނިކޮށް ހަލާކުވި އެމްބިއުލާންސް މަރާމާތުކޮށްދޭނެކަމަށް ބުނެފައެވެ. އެެހެންނަމަވެސް މިއަދާއި ހަމަޔަށް މަރާމާތުވެސް ކޮށްދެވިފައިނުވާއިރު، އެމްބިއުލާންސް ނެތް މައްސަލަ ހައްލުވެފައެއްވެސް ނުވެއެވެ. އެހެންކަމުން މިއަދާއި ހަމަޔަށްވެސް ނަޑެއްލާގައި ބަލި މީހުން އުފުލަމުންދިޔައީ "ރަށު ޕިކަޕެއް" ގައެވެ. 

އޭގެ ދެއަހަރު ފަހުން މިމައްސަލައަށް ހައްލެއް ލިބި އެމްބިއުލާންސެއް ލިބޭގޮތް ވެފައި މިވަނީ، ހާލު ދެރަ ބަލި މީހަކު ސަތަރިގަނޑެއްގައި ލޯންޗަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

ކައުންސިލުގެ ރައީސް އަންޝާއު ސީއެންްއެމްއަށް ވިދާޅުވީ، އެކަން ހިނގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށާއި، އެއީ ނަޑެއްލާއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނު ދުވަސް ކަމަށެވެ. އެމީހާއަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމަށާއި، އެ ފޮޓޯއިން ފެންނަނީ އޭނާ ހާލު ދެރަވެގެން ގދ. ތިނަދޫއަށް ފޮނުވުމަށް ލޯންޗަށް އަރުވާ މަންޒަރު ކަމަށެވެ. އެހެންނަމަވެސް އެފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ ހެލްތު މިނިސްޓްރީއަށާއި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ އިއްުޔެއެވެ. 

" ވާގޮތަކީ މިކޮޅުގައި އެމްބިއުލާންސެއް ނެތީމަ، އާއްމުކޮށް މިކޮޅުގައި ގެންގުޅެނީ ރަށު ޕިކަޕް. ރަށު ޕިކަޕަކަށް ލައިގެން އެމީހާ ގެންދިޔައީ ލޯންޗާއި ހަމައަށް، ދެން އެތަނުން ލޯންޗަށް އަރުވާ މަންޒަރު އެ ފުނުނީ" ކައުންސިލުގެ ރައީސް އަންޝާއު ވިދާޅުވިއެވެ. 

އެދުވަހު އެމީހާ ގެންގޮސް ޓެސްޓުކުރިއިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށްކަމުގައިވާ ނަޑެއްލާ މިވަގުތު އޮތީ މޮނިޓަރިންގައެވެ. ބުދަ ދުވަހު އެކަނިވެސް 50އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މިއަދުވެސް 14 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. 

ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.

ނަޑެއްލާގައި އެމްބިއުލާންސެއް ނެތި ދެ އަހަރު ދުވަހު ރަށު ޕިކަޕެއްގައި މީހުން އުފުލަމުންދިޔަ މައްސަލައަަށް ހައްލު ލިބިގެންދިޔުމުން ކައުންސިލް ރައީސް އަންޝާއު ވިދާޅުވީ، ކޮވިޑްގެ ހާލަތު ރަށުގައި ގޯސްވެފައިވާ ދަނޑިވަޅަކަށްވެސް ވުމުން އެމްބިއުލާންސެއް މިވަގުތައް ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، ސާމްޕަލް ނެގުމަށްވެސް އެމްބިއުލާންސެއް ނެތުމުން ވަރަށް އުނދަގޫ ވާކަމަށެވެ. 

އަންޝާއު ވިދާޅުވީ، މިހާރު އެމްބިއުލާންސެއް ލިބޭތީ ރަށުގެ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. ސަރުކާރުން ހަދިޔާ ކުރާ އެ އެމްބިއުލާންސް ރަށަށް ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ ރަށުގެ ރައްޔިތެއްކަން ފާހަގަކުރަމުން އަންޝާއު ވިދާޅުވީ، އެކަމަށްޓަކައި އެފަރާތަށާއި، އެމްބިއުލާންސް ހޯދުމަށް މަސައްކަތްކުރި އެންމެންނަށް އަދި ސަރުކާރަށްވެސް ޝުކުރުދަންނަވާ ކަމަށެވެ. 

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން ވަނީ މިދޔަ ޖޫން މަހުގެ 10ވަނަ ދުވަހު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ހިގުމުންނެވެ. އެހެންނަމަވެސް އެ އެމްބިއުލާންސްތައް އަދި ރާއްޖެއަށް އައިސްފައެއް ނުވެއެވެ. 

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ. އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް