ސީއެންއެމް އަށް އިސްލާމިކް މިނިސްޓަރު، މިއަދު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް މިހާރު ބައްޓަން ކޮށްފައިވެސް ވާނީ ދީނުގެ ނަމުގައި ، އަދި ދީނަށް ފުރައްސާރަކޮށް ހަރުކަށިވާ މީހުންނަކީވެސް "ހަރުކަށި ފިކުރު"ގެ މީހުންގެ ގޮތުގައި ބަލައިގެން ކަމަށެވެ.
"ދެކޮޅަށް އެޑްރެސްވާގޮތަށް އަޅުގަނޑުމެން ހަރުކަށިމާނަކުރަނީ. ދީނަށް ފުރައްސާރަކުރާމީހުންނާއި، ދީނުގެ ނަމުގައި ހަރުކަށިވާ މީހުންނާ މިދެބައި މީހުންނަކީވެސް ހަރުކަށި މީހުންގެ ގޮތުގައި ސަރުކާރުން ބަލާނީ. އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ވެސް ބައްޓަން ކޮށްފައި ހުންނާނީ " މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނަފްރަތުގެ ބިލަށްވެސް މިނިސްޓްރީން ހުށަހަޅާފައިވާ އިސްލާހުތަކުގައި ހުންނާނީ ދެކޮޅަށްވެސް އެޑްރެސްކޮށްފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މި ދެފިކުރު އާލާވެފައިވާ ގޮތާމެދު ދިރާސާއެއް ހެދިފައި އަދި ނެތް ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ދެކެވަޑިއިގަންނަވާ ގޮތުގައި ދިވެހި ރާއްޖެއަކީ ދުނިޔެއަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މާހައުލަކަށް ވުމުން ކޮންމެފަދަ މައުލޫމާތެއްވެސް އިންޓަނެޓްގެ ޒަރީއާއިން ލިބެން ހުރެއެވެ.
"އެކަމަކު ހޯދޭ މައުލޫމާތަކީ އޮތެންޓިކް މައުލޫމާތަށް ނުވެދޭ ގިނަފަހަރު. ބައެއްފަހަރު ދީނަށް ލޯބި ކުރާތީ މައުލޫމާތު ހޯދާއިރު އެންމެ ސައްހަ ނޫން މައުލޫމާތު ހޯދޭ" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
އޭގެއިތުރުން ބައެއްޒުވާ ކުދިން އެތައްދުވަހެއް ވަންދެން މަސްތުގައި އުޅުމަށްފަހު އެކުދިންނަށް ރަނގަޅުވާން ބޭނުންވާ ދަނޑިވަޅު ބައެއްމީހުން އެކުދިން ގޯޅިއަޅުވާލާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އިސްލާމީ ހެޔޮ ތަރުބިއްޔަތެއްގައި، ރަނގަޅު ބިންގަލެއްގެ މަތީގައި ތުއްތު އިރުއްސުރެ ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން ބޮޑުކަމަށެވެ.