
އިޒްރޭލުގެ އެތުލީޓަކާ ވާދަކުރަން ޖެހޭތީ އޮލިމްޕިކްސް ގައި މިހާތަނަށް ދެ އެތުލީޓަކު ވަނީ 2020 އޮލިމްޕިކްސް ދޫކޮށްލާފައެވެ. މީގެ ކުރިން އިޒްރޭލުގެ އެތުލީޓަކާ ވާދަކުރަން ޖެހޭތީ އަލްޖީރިއާގެ ޖުޑޯ ފައިޓަރެއް ކަމަށްވާ ފެތީ ނޫރިން ވަނީ އޮލިމްޕިކްސް އިން ވަކިވެފައެވެ.
އޭގެ އިތުރުން ސޫދާންގެ ޖޫޑޯ ފައިޓަރެއް ކަމަށްވާ މުހައްމަދު އަބްދަލްރަސޫލް ވެސް ވަނީ އިޒްރޭލުގެ އެތުލީޓަކާއި ވާދަކުރަންޖެހޭތީ ޓޮކިއޯ އޮލިމްޕިކްސް އިން ވަކިވެގެންފައެވެ.
ސައުދީ އަލްތަހާނީ އިޒްރޭލުގެ ރަޒް ހަޝްކޯ އާއި ވާދަކުރި މެޗުން ބަލިވެ، އެ ފަހުން ޖަޕާނުގެ ކުޅުންތެރިއަކާއި ވާދަކޮށް އަލްތަހާނީއަށް ޓޯކިއޯ އޮލިމްޕިކްސް ނިމި އެނބުރިދާން ޖެހިފައެވެ. މެޗަށް ފަހު އަލްތަހާނީ ވަނީ އަތާއި އަތް ގުޅާލައިފައެވެ.
ސައުދީއާއި އިޒްރޭލް އާއި ރަސްމީ ސިފައެއްގައި ޑިޕްލޮމެޓިކް ގުޅުމެއް ނޯންނައިރު މި ފައިޓް އާ ގުޅިގެން ސައުދީ އޮލިމްޕިކް ކޮމިޓީން ވަނީ އިޒްރޭލުގެ އެތުލީޓާ ދެކޮޅަށް ސައުދީ އެތުލީޓުން ވާދަކުރާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
މީގެ ކުރިން 2016 ވަނަ އަހަރު އޮތް ރިއޯ އޮލިމްޕިކްސްގައި އިޒްރޭލުގެ އެތުލީޓަކާއި ސަލާން ކުރަން ދެކޮޅު ހެދި މިސްރުގެ އެތުލީޓަކުވެސް ގައުމަށް ފޮނުވާލެވުނެވެ.
އިޒްރޭލުގެ އެތުލީޓުންނާއި ވާދަކުރަން ޖެހޭތީ މުބާރަތް ދޫކޮށްލާ ގިނަ އެތުލީޓުން ބުނަނީ އިޒްރޭލް ކަހަލަ ލާއިންސާނީ ގައުމެއްގެ އެތުލީޓުންނާއި ވާދަކޮށް އަތް ހަޑި ކުރާކަށް ބޭނުން ނުވާ ކަމަށެވެ.