ads
އަބްދުއްރަހީމް އާއި އާދަމް ޝަރީފް އުމަރު، ރައީސް ޔާމީނާއެކު--ފޮޓޯ:ސަން
ޕީޕީއެމްއާ ގުޅުމަށް ރައީސް ނަޝީދަށް ދައުވަތު ދިނުމުން އާދަމް ޝަރީފްގެ ނުރުހުން؟
"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި ޕީޕީއެމުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަތުން އެދޭކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރައީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމާ ގުޅިގެން، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައި، ދެކޮޅަށް ވާހަކަ ދައްކަވައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ކެމްޕޭން ފައްޓަވަމުން، އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ރައީސް ނަޝީދު ހިމަނައި، ބައެއް ސިޔާސީ އިސް ބޭފުޅުންގެ ނަންވިދާޅުވެ، އެކޯލިޝަނާއި ގުޅިވަޑައިގަތުމަށް އެދިފައެވެ. އެގޮތުން އެކޯލިޝަނާ ގުޅިވަޑައިގަތުމަށް އަދުރޭ އެދިވަޑައިގެންނެވި ބައެއް ނަންތަކުގެ ތެރޭގައި ރައީސް މައުމޫނު އަބަދުލް ގައްޔޫމާއި، އުމަރު ނަސީރާއި، ގާސިމް އިބްރާހީމާއި، ޝައިހް އިމްރާން އަބްދުﷲއާއި، ކާނަލް މުހައްމަދު ނާޒިމްގެ ނަން ހިމެނެއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންވެސް އަދުރޭ ވަނީ އެލިސްޓުގައި ހިމަނާފައެވެ. 

މިކަމާ ގުޅިގެން ހަމަ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް އުމަރު ވަނީ ގައުމުގެ މިނިވަން ކަން ވިއްކާލައި، ގައުމަށް ގައްދާރުވި ބަޔަކާއެކު ކުރެވޭނީ ކޮން މަސައްކަތެއްތޯ އަދުރޭ އާ ސުވާލުކުރައްވާފައެވެ. 

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުގައި ތިބި މީހުންނާ އެއްބައިވެގެން، ގައުމުގެ މިނިވަންކަން ދިފާއުކުރަން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ މީހުން ތިބީ އެއަށް ވުރެ ބޮޑަށް ގައްދާރުވެފައި ކަމަށެވެ. އެގޮތުން ދިވެހިންގެ މިނިވަންކަމާ އިސްތިގްލާލު ދިވެހިންގެ އަތުން ގެއްލިގެން ދާން ފަށައިފާވާ ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ވަތުބަތާނަ، ރާއްޖޭގެ ކަނޑު އަޑީގެ ފޮޓޯނަގާ، ކަނޑުގެ އަޑީގެ ޖަވާހިރުތަކާއި މައުދަންތަކާއެކު ވިއްކާލާފައިވާ ކަމަށެވެ. އަދި ދިވެހިން ފަހުރުވެރިވާން އޮތް ހުރިހާ އެއްޗަކާއި ވައިގެ ދޮރޯށިތައް ވެސް ބޭރުގެ ބަޔަކަށް ވިއްކާލާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

"މި ގައުމުގެ މިނިވަންކަން ވިއްކާލި ބަޔަކަށް، މިގައުމަށް ޣައްދާރުވި ބަޔަކު އަނެއްކާވެސް މި ކެންޕެއިންގައި ބައިވެރިވެގެން އަޅުގަނޑުމެން ޖަހާނީ ކޮން ފައްޔެއްތޯ. އަޅުގަނޑަކަށް ހަމައެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ މިސަރުކާރުގައި ތިބި މީހުންނަކާ އަޅުގަނޑުމެންނަކާ ދެނެއް އަރައިގެނެެއް މި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަކަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއިން މި ގައުމު ހިފާށޭ ބުނުމަށްފަހު، ރައްޔިތުން ނިކަމެތި ހާލަކަށް ވައްޓާލުމަށްފަހު އެމްޑީޕީއިން ވެރިކަަމަށް ވަޑައިގެން، ކަންކުރައްވާ ގޮތުން ދެން ގައުމު ސަލާމަތް ކުރަން އޮތީ ޕީޕީއެމް ކަން ސާފުވެގެން ދާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ވަގުތު އައިމާ އެންމެން އެކަތި ގަނޑަކަށް ވާން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރުމުގައި ވެސް މި ގައުމަށް ބޭރުގެ ސިފައިން ގެނެސް، ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނަގާލި މީހުންނާ އެކުވެގެން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް