ފޮނުވާފައިވާ އެމްބިއުލެންސަކީ ކުރިން ބޭނުންކޮށްފައިވާ އެމްބިއުލެންސެއް ކަމުން އޭތި އޮތީ ވަރަށް ބޮޑަށް ބާވެފައި ކަމަށާއި އޭގެ އިތުރުން އިތުރު މައްސަލަތައްވެސް އޭގައިހުރިކަމަށް އަންޝައު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރަށުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި ރަށުތެރޭގައި ކޮވިޑްގެ ބަލި މަޑުކަން ފެތުރިވާ ކަމަށާއި އެމްބިއުލެންސެއް ނެތުމުން ވަރަށް ދަތިވާ ކަމުގައެވެ. އަލަށް ގެނައި އެމްބިއުލެންސުވެސް މިހާރު އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ކަމަށާއި އަދިވެސް ބަލި މީހުން އުފުލައި، ސާމްޕަލް ނަގަން ގޮސް ހަދަން ޖެހިފައިވަނީ އެ ރަށުގައި ދުއްވާ ފިކްއަޕެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެމްބިއުލެންސް ގެނައިތާ ހަފްތާއެއް ވެފައިވާ އިރު އޭތި ހަލާކު ވިތާ މިހާރު 2 ދުވަސް ވެފައިވާކަމަށާއި ރަށުގައި އުޅޭ މެކޭނިކުން ވެގެން އޭތި ކިރިޔާވެސް ދުއްވޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށްވެސް އަންޝައު ވިދާޅުވިއެވެ. އަންޝައު ވިދާޅުވީ މިއީ ވަގުތީ އެމްބިއުލެންސެއް ކަމަށާއި މި ފަހަރު އަލަށް ގެންނަން ހަމަޖެހިފައިވާ އެމްބިއުލެންސްތަކުގެ ތެރޭގައި ނަޑެއްލާއަށް ހަމަޖެހިފައިވާ އެމްބިއުލެންސްތަކެއް ވެސް ހިމެނޭކަމަށް ސަރުކާރުން ބުނެފައިވާކަމަށެވެ.
ނަޑެއްލާ ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިގޮތުގައި މިހާރު މިކަމާއި ބެހޭގޮތުން ހެލްތު މިނިސްޓްރީގެ ބޭފުޅުކާއި ވާހަކަ ދެކެވިފައިވާ ކަމަށާއި ނަމަވެސް އެ ކޮޅުން އަދި އެކަމާއި ބެހޭ ގޮތުން ހަބަރެއް ވެފައި ނުވާކަމަށެވެ. މީގެ އިތުރުން މިހާރުވެސް ރަށުގައި އުޅަނދު މަރާމާތު ކުރަން ދަންނަ މީހުން މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދާކަމަށް އޭނާ ފާހަގަ ކުރިއެވެ.
735 މީހުން ދިރިއުޅޭ ރަށުގައި ކޮވިޑު ފެތުރެމުންދާތީ މި މަހު 13 އިން ފެށިގެން ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. ކޮވިޑަށް ޕޮޒިޓިވް 190 މީހުން މިހާރު ވެސް އެ ރަށުގައި އެބަތިއްބެވެ.