ads
ކުރީގެ ނައިބު ރައީސް ޖަމީލް އަހުމަދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ނާގާބިލްކަމުގެ ރަން މެޑަލް ރައީސް ސޯލިހް އަށް ލިބިއްޖެ: ޖަމީލް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަށް ނާގާބިލްކަމުގެ ރަން މެޑަލް ލިބިއްޖެ ކަމަށް ކުރީގެ ނައީބް ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހް އަށް ރިލްވާންއަށް އިންސާފް ހޯދައި ދެވުނުތޯ އާއި އަދި ސިޔާސީ ތަހްގީގު ހިންގުމާއި "ޕްރޮޕެގެންޑާ ލިޔުންތަކުން އެ އާއިލާއަށް ތަސައްލީ ލިބޭތޯ" ސުވާލު އުފައްދާފައެވެ.

އޭގެ އިތުރުން ޖަމީލް ވަނީ ރިލްވާން މައްސަލައިގައި ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް ސޯލިހް ކައިރީގައި ނެތްތޯ އުފައްދާފައެވެ. އިތުރު ސުވާލެއް އުފައްދަމުން ޖަމީލް ވަނީ "24 ގަޑިއިރުން ކުރަން ވައުދުވި ކަންތަކަށް 3 އަހަރާ ކައިރި ނުވޭތޯ؟" ވިދާޅުވެ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވީ ނާގާބިލްކަމުގެ ރަންވަނަ ރައީސް ސޯލިހް އަށް ލިބިއްޖެ ކަމަށެވެ. 

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ސުވާލުތަކެއް ކުރަން ބޭނުންވާތީ އޮގަސްޓް ތިންވަނަ ދުވަހު ރައީސް ޔާމީން އެކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. ފަހަކަށް އައިސް ޖަމީލް އަންނަނީ ރައީސް ޔާމީންގެ މައްސަލަތަކާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.  

މިއަދު މެންދުރު ވެސް ރައީސް ޔާމީން ވަނީ ވ.އާރަށް މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. 

އޭގެ އިތުރުން ރައީސް ޔާމީން މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 22ވާ ހޮނިހިރު ދުވަހު ވަނީ ތާވަލްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް