ރައީސް މައުމޫން ދިރިއުޅުއްވާ މ. ކިނބިގަސްދޮށުގެ އަށް ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ގެއްލުން ދެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން އަންނާތީ، ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ އެ މައްސަލަ ބަލަން ރަނގަޅު ކަމަށެވެ.
އެ މައްސަލަ ބަލަމުން ގެންދާއިރު، ޖާބިރަށް ރައީސް މައުމޫން ދެއްވި ގެއްލުމުގެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާއިރު މައްސަލަ ބެލިފައިނުވާ ކަން ފާހަގަކުރައްވާ ދިޔާނާ ވަނީ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ދިޔާނާ ވިދާޅުވީ ރައީސް މައުމޫނަށް ގެއްލުމެއް ވިއްޔާ ބެލިފައި، އެމަނިކުފާނު އެހެން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއްކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ކިނބިގަސްދޮށުގެ ސަރަހައްދުގައި އިހުތިޖާޖު ކުރެއްވީ ރައީސް މައުމޫން ފަހުން ދައްކަވާ ގޮތަށް ޖާބިރު އަތުން ނެގިކަމަށް އޭނާ ބުނާ ފައިސާ އަނބުރާ ދެއްކުމަށް ގޮވާލަމުންނެވެ. ޖާބިރު ވިދާޅުވީ އޭނާ އެތަނަށް ވަޑައިގަތީ އެގެއާ ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޖާބިރު ވަނީ ކިނބިގަސްދޮށުގޭ ބޭރު ފާރުގައި ހުރި ވެޔޮތަކެއް ނޮޅައި، އެގޭ ނަން ފެންނަ ގޮތަށް ހަދާފައެވެ. އަދި ޖާބިރު ވަނީ އެތަނުގައި ހުންނަވާ ބަޔާނެއް ދެއްވާފައެވެ. ފުލުހުން އަންނަނީ ޖާބިރު ކިނބިގަސްދޮށުގެ އަށް ގެއްލުން ދިން ކަމަށް ބުނާ މައްސަލަ ބަލަމުންނެވެ.
ޖާބިރު އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލާގައި ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާ ވެސް ކުރައްވާފައިވެއެވެ.