ads
ސީއެމްބިއުލާންސް
ދުވާފަރަށް ސީއެމްބިއުލާންސް އައުން ލަސް: އާއިލާ
ރ.ދުވާފަރު އުމުރުން 52 އަހަރުގެ ފާތިމަތު މޫސާ ހާލުދެރަވެ، އެމްބިއުލާންސަށް ބޭނުންވި ހިނދު އެމްބިއުލާންސް އައުން ލަސްވިކަމަށް ގަބޫލު ކުރައްވާ ކަމަށް ދުވާފަރު ކައުންސިލާއި، މަރުވި މީހާގެ އާއިލާއިން ބުނެފިއެވެ.

އާއިލާއިން ސީއެމްއެންއާއި ވާހަކަ ދެއްކި ފާތިމަތު މޫސާގެ ދަރިފުޅު އަބްދުﷲ އިބްރާހީމް ބުނީ މުޒާހަރާ ފެށުމާއެކު ފުލުހުންނަށް ވަގުތުން އާދެވިއްޖެ ކަމަށާއި، ސީ އެމްބިއުލާންސް އައުން އެހާލަސްވެގެން ދިއުން ގަބޫލު ނުކުރެވޭ ކަމަށެވެ. 

" މުޒާހަރާއެއް ފެށީމަ ވަގުތުން ފުލުހުންނަށް އާދެވިއްޖެ. އެކަމަކު މީހަކު މިހާ ހާލު ބޮޑުވެގެން ދިޔައިރު ސީއެމްބިއުލާންސަށް އާދެވުނު ކަމަކަށް ނުވި،" އަބްދުﷲ ބުންޏެވެ. 

ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައިވެސް ސީ އެމްބުލާންސް އައުން ލަސްކަމަށެވެ. 

"އަޅުގަނޑު އަމިއްލައަށްވެސް ގުޅިން. އަޅުގަނޑު ގުޅިފަހުން ވެސް ގަޑިއެއްހާއިރު ނެގި ސީ އެމްބިއުލާންސް އަންނަން. އެހެންވީމާ ދެންނެވޭނީ އެމްބިއުލާންސް އައުން ލަސްކަމަށް،" ކައުންސިލް ރައީސް ހަސަން ވިދާޅުވިއެވެ. 

އެހެންނަމަވެސް ސިއްހީ އިދާރާތަކުން ބުނަނީ އިންތިޒާމްތައް ހަމަޖެހިފައި ހުންނަގޮތުން ބައެއް ފަހަރު ސީއެމްބިއުލާންސް ދިއުމުގައި ވަގުތުކޮޅެއް ހޭދަވާކަމަށެވެ. ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި މޮނިޓަރިންގައި އޮންނަ ރަށަކަށް ދިއުމަށް ވާންޖެހޭ ތައްޔާރީތަކާއި، ގެންނަން ޖެހޭ އާލާތްތަކުގެ ސަބަބުންވެސް ލަސްވާކަމަށެވެ. މީގެ އިތުރުން ސީ އެމްބިއުލާންސް އެމްއެންޑީއެފުން ހަމަޖައްސައިގެން ލިޔެކިޔުންތައް ނިންމައިގެން ކުރިއަށް ގެންދަން ވުމުންވެސް ވަގުތު ހޭދަވާކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.

ދުވާފަރުގައި މިހާރުވެސް 155 އެކްޓިވް ކޭސް އެބައޮތެވެ. އެރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ހަލުއި ކަމާއެކު ކުރިއަށް ގެންދާއިރު، މިމަހުގެ ނިޔަލަށް ރަށުގައި ވެކްސިން ފުރިހަމަކުރަންޖެހޭ އެންމެހާ ފަރާތްތަކަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް