
"ސީއެންއެމްއަށް" އެނގިފައިވާ ގޮތުގައި ރޭ ޗެނަލް 13 އިން ގެނައި ޕްރޮގްރާމެއްގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އާ ގުޅޭ ގޮތުން ދެކެވުނު ވާހަކައެއްގެ މައްސަލަ މިހާރު ބްރޯޑްކޮމް އިން އަންނަނީ ބަލަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހަކު ވަނީ ޕީޖީ ޝަމީމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
ޓޯކް ޝޯއެއްގައި މީހަކު ދެއްކި ވާހަކަތަކާއި ގުޅިގެން ބްރޯޑްކޮމް އިން ޗެނަލް 13ގެ މައްސަލަ ބަލަމުން އަންނައިރު ސަރުކާރަށް ތާއީދުކުރާ މީހުންނާއި ކޯލިޝަންގެ ބައެއް މީހުން އަންނަނީ އެކަންތަކާއި ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ބްރޯޯޑްކޮމްއަށް ފާޑު ކިޔަމުންނެވެ.
މީގެ ކުރިންވެސް ބްރޯޑްކާސްޓިން ގަވާއިދާއި ހިލާފްވެގެން ޗެނަލް 13 ގެ މައްސަލަ ބްރޯޑްކޮމް އިން ބަލައިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތެރޭ ލައިވް ޕްރޮގްރާމެއްގައި ފޯނުން ވާހަކަދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި، މައާފަށް އެދި ބަޔާނެއް ނެރުމަށް ބްރޯޑްކޮއިން ޗެނަލް13 އަށް އަންގައިފައިވެއެވެ.