ރޭ ދިވެހި ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި އަމުދުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށެވެ.
އޭގެ އިތުރުން އަދުރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި ރައްޔިތުންނަށް އެކަން ސާފު ވާނެ ކަމަށެވެ.
ރޭ ޕްރޮގްރާމެއްގައި އުމަރު ވިދާޅުވީ މިހާރުވެސް ރައީސް ޔާމީން އާއި ރައީސް ނަޝީދު އަޑިން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދާކަން ޔަގީން ކަމަށެވެ. އަދި ޑީލެއް ހައްދަވާފާނެ ކަމަށް 100 ޕަސެންޓް ޔަގީންކަމަށް އުމަރު ވިދާޅުވި އެވެ. ޑީލެއް ހެއްދެވި ނަމަވެސް އެ ޑީލް ފެންމައްޗާއި ހަމައަށް ނުގެންނާނެ ކަމަށާއި އެ ޑީލް އޮންނާނީ ފެނުގެ އަޑީގައި ކަމަށް އުމަރު ވިދާޅުވި އެވެ.
އެ ޑީލްގައި ރައީސް ޔާމީން އަށް ވާ ފައިދާ އަކީ އެމަނިކުފާނު މިނިވަންވުން ކަމަށާއި އެކަން އޮންނާނީވެސް އެގޮތަށް ކަމަށް "އަންޑަސްޓޭންޑް" ވާ ކަަމަށް އުމަރު ވިދާޅުވި އެވެ. އަދި އެކަން ރައީސް ނަޝީދު އެމަނިކުފާނަށް ކޮށްދީފިއްޔާ ބަދަލުގައި ކޮށްދޭނެ ކަމެއްވެސް ކަނޑައަޅާފައިވާނެ ކަމަށާއި "ޕޮލިޓިކްސް"ގައި އޮންނާނީ އެކަހަލަ ސިއްރު ޑީލްތައް ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް ފެންމައްޗާއި ހިސާބަށް ރައީސް ޔާމިން ނަޝީދާއެކު ސިޔާސީ މަސައްކަތްކުރުން ތިލަކޮށްލައިފިއްޔާ ޔާމިނުގެ ކެރިއަރު ހަލާކުވާނެ ކަމަށާއި "ރައީސް މައުމޫނުގެ ކެރިއަރު ހަލާކުވީ ނަޝީދާއެކު މަސައްކަތްކޮށްގެން ކަމަށް އުމަރު ވިދާޅުވިއެވެ.