ads
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ނައިބު ރައީސް ކަމުން ޖަމީލް ވަކި ކުރި މައްސަލަ ބެލޭނެ: ސުޕްރީމް ކޯޓް
ނައިބު ރައީސް ކަމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރި މައްސަލަ ބެލޭނެކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
Advertisement

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ގޮތް ނިންމަން ޖެހޭނެ މައްސަލައެއް ނޫނެވެ. އަދި މަޖިލީހުން ނިންމާ ކަމެއް ސުޕްރީމް ކޯޓުން ބެލޭނީ ގާނޫނު އަސާސީއާ ހިލާފު ކަމެއް އެ ނިންމުމެއްގައި އޮތް ނަމަ، ނުވަތަ އެ ނިންމުމުގެ ނަތީޖާތަކުގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފު ކަމެއް އުފެދިގެން އަންނަ ހާލަތްތަކުގައި ކަމަށް ވެސް ބުނެފައިވެއެވެ.

ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން 21 ޖުލައި 2015 ގައި ވަކި ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުން ވޯޓާއެކު އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމާފައެވެ. އެގޮތުން އެމަނިކުފާނު މައްޗަށް އިތުބާރު ނުކުރެވޭކަމަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ ކުރަމުން ނުގެންދާކަމަށާއި، ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން ނުހިފާކަމަށާއި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތު ތަކާއި ދެކޮޅަށް ވާހަކަ ދައްކާފައި ނުވާތީ އެއިރުގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އެ މައްސަލަ ޖަމީލު ސުޕްރީމު ކޯޓަށް ހުށަހަޅާފައިވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ދުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނުގައި އިމްޕްރީޗްމަންޓް ޕްރޮސެސް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އޭނާ ނައިބު ރައީސްގެ މަގާމުން ވަކިކުރެވުނީ އެ ހަމަތަކާއި ހިލާފަށް ކަމަށް ބުނެއެވެ.

މީގެ ދެ އަހަރުރިން 2019 ވަނަ އަހަރު ހުށަހެޅުނު އެ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މި މައްސަލަ ބަލާފައިވަނީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް