އިބުރާގެ ޓްވީޓުގައި އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ތައުލީމީ ސިޔާސަތު ބައްޓަންކުރުމުގައި އޭނާގެ ބަސް ކިރިޔާވެސް ވިކޭނަމަ އިމްތިހާނުތަކުގެ ގަދަ 10 އެއް ހޮވުމާއި ބެލެނިވެރިންގެ ވައިބަރ ގްރޫޕުތައް ވަގުތުން އުވާލާނެ ކަމަށެވެ.
"މި ދެ ކަންތަކަކީ ދަރިވަރުންގެ އުނގެނުމަށާއި ޒިންމާދާރުވާނެ ދަރީން ތަރުބިއްޔަތު ކުރުމަށް އޮތް އެންމެ ބޮޑު ދެ ހުރަސް" އިބުރާގެ ޓްވީޓުގައި އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބުރާ މިހެން ވިދާޅުވީ މިދިޔަ މޭ މަހު ރާއްޖޭގައި ހެދި އޯލެވެލް އިމްތިހާނުގެ ނަތިޖާ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިއަހަރުގެ އިމްތިހާންގައި ޖުމްލަ 5،955 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަައި މިފަހަރުގެ އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.