ads
ބުރުނީ މީހުން އިއްޔެ ހިފި ރާގޮނޑިތައް ކައްކަނީ… ފޮޓޯ/އިބްރާހިމް މިދުހަތު
ރާގޮނޑިތައް ކެއްކުމުގައި ބުރުނީ މީހުން އަވަދިނެތި!
އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔައީ ތ. ބުރުނީ މީހުން ފޯރީގައި ރާގޮނޑި ހިފި މަންޒަރުތަކަށެވެ. މިއީ އާންމުކޮށް ފެންނަ މަންޒަރުތަކެއް ނޫން ނަމަވެސް ދޭތެރެ ދޭތެރެއިން މިގޮތަށް ރަށްރަށުގެ ފަޅު ތެރެއަށް މަސް އައިން ތިލަ ވެގެން އުޅޭ މަންޒަރު ފެނެއެވެ.
Advertisement

ބުރުނީ އަަށް މީގެ ކުރިން ވެސް އެތައް ފަހަރަކު މިގޮތަށް ރާގޮނޑި ހިފައިފި އެވެ. އެރަަށު މީހުން ބުނަނީ އެއީ އެރަށުގެ ތާރީހާއި ވަރަށް ބޮޑަަށް ގުޅިފައި އޮންނަ ކަމެއްކަމަށެވެ. 

އިއްޔެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމު ވެގެން ދިޔަ ބުރުނީ މީހުން ރާގޮނޑި ހިފާ މަންޒަރު ވަރަށް ޝައުގުވެރި އެވެ. ރަށުގެ ކުދި ބޮޑު ރައްޔިތުން އެކުގައި ދާ ޖަހައިގެން މަސް ހިފީ ފޯރީގައެވެ. ހައްޓަކު ހެޔެއް ނެތި އުޅެގެން އެންމެ ވެގެން އިއްޔެ އެކަނި ވެސް 6400 އަށް ވުރެއް ގިނަ ރާގޮނޑި ހިފިއެވެ. 

ރަށުގައި 418 މީހުން އުޅޭ އިރު ރާގޮނޑިތައް ރަށުގެ ކޮންމެ ބޮލަކަށް ބެހި އެވެ. އެގޮތުން ކޮންމެ ބޮލަކަށް 15 ރާގޮނޑި ލިބުނެވެ.

އެހެން ކަމުން މިއަދު ރަށުގެ ރައްޔިތުން އަވަދިނެތި އުޅެނީ އިއްޔެ އެ ހިފި ރާގޮނޑިތައް ކެއްކުމުގަ އެވެ. އެއް ބަޔަކު ރިހާކުރު ކައްކަނީ އެވެ. އަނެއް ބަޔަކު ވަޅޯމަސް ހަދަން މަސްތައް ކައްކާ ދިލަ ޖައްސަނީ އެވެ. 

ސީއެންއެމް އަށް ވާހަކަ ދައްކަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައްދާމް ވިދާޅުވީ، ބުރުނީގެ ފަޅު ތެރެއަށް ރާގޮނޑި ތިލަ ވެގެން އުޅޭތާ ހަފްތާއެއް ވެއްޖެ ކަމަށެވެ. އެރަަށު މީހުން ރާގޮނޑި ހިފުމުގައި ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް ފަޅުތެރެއަށް ރާގޮނޑި ވަންނަ ވަރަކުން ހިފަމުންދާ ކަމަށް ސައްދާމް ވިދާޅުވިއެވެ.

your imageއިއްޔެ ހިފި ރާގޮނޑިތަކުގައި ރިހާކުރު ކައްކައި ވަޅޯމަަސް ހަދަނީ… ފޮޓޯ/އިބްރާހިމް މިދުހަތު

ސައްދާމް ވިދާޅުވީ ރާގޮނޑި އެންމެ ގިނައިން ހިފުނީ އިއްޔެ ކަމަށާއި އިއްޔެ ދެބުރަށް ދާ ޖެހި ކަމަށެވެ. އޭނާ ވިދާޅުވީ ރަަަށުގެ ކުދި ބޮޑު އެންމެހާ މީހުން ކަހަލަ ގޮތަކަށް އިއްޔެ މެންދުރު ފަހުން ފެށިގެން އިރުއޮއްސެން ދެން މަސް ހިފުމުގައި އުޅުން ކަމަށެވެ. 

"އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ރާގޮނޑި މި ރަށުގެ ފަޅުތެރެއަށް ވަންނަ ކަމަށް އޭރުގެ މީހުން ބުނޭ. އަޅުގަނޑު ހަނދާނުގައި ވެސް 2009 އަކި ފެށިގެން 2016 މެދު ނުކެނޑި ކޮންމެ އަހަރަކު ވެސް ވަރަށް ގިނައިން މިގޮތަށަ ވަން ރާގޮނޑި ހިފައިފި،" ސައްދާމް ވިދާޅުވިއެވެ.

ސައްދާމް ބުނި ގޮތުގައި އެރަށުގެ ރައްޔިތުންނަށް ބެހި ރާގޮނޑިތައް ކެއްކުމުގައި މިއަދު އެރަށު މީހުން އުޅޭ އިރު ރަށުން ބޭރުގައި އުޅޭ އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ވެސް މަސް ފޮނުވިއެވެ.

މިއަދުވެސް އެރަަށުގެ ރައްޔިތުން މިވަނީ ރާގޮނޑި ހިފާފައެވެ. މިއަދު ޖުމްލަ 1500 އަށް ވުރެ ގިނަ ރާގޮނޑި ހިފުން ކަމަށް އެރަށުން މީހަކު މައުލޫމާތު ދިނެވެ. 

your imageމިއަދު ބުރުނީ މީހުން ރާގޮނޑި ހިފަނީ…ފޮޓޯ/ޝިފޫ އެމްވީ

ބުރުނީ މީހުން ގަބޫލު ކުރާ ގޮތުގައި އެއީ ގުދުރަތީ ގޮތުން އެރަށު ފަޅުތެރެ އޮންނަ ގޮތުން އެމީހުންނަށް ދެއްވާ ބޮޑު ރިޒުގެކެވެ. އެރަަށުގެ ފަޅު ތެރޭގައި "ރާގޮނޑި މަގު" ކިޔާ މަގެއް ވެސް އޮވެއެވެ.

އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ، އިއްޔެގެ ރާގޮނޑި ހިފި މަންޒަރަކީ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަން މަންޒަރުތަކެއް ކަމަށެވެ. އޭނާ ބުނީ މަސް ހިފަން އުޅުނު އިރު ވަގުތު ދިޔަ ގޮތް ނޭންގުން ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، މިހާރު ރާގޮނޑިތައް ކެއްކުމުގައި ގިނަ ބަޔަމު މަޝްއޫލުވެގެން އުޅޭއިރު އިއްޔެ ރާގޮނޑި ހިފަން އުޅުނު ގިނަ ބަޔަކު އެއްވެގެން މިއަދު މެންދުރު ކެއުމެއް ވެސް ބާއްވާފައިވާ ކަމަށެވެ. ބޮޑު އެއްވުމެއްގައި ބޭއްވި ކެއުމުގައި ރަަށުގެ ކޮންމެ ގެޔަކުން ކާތަކެތި ތައްޔާރު ކުރި އެވެ. ބޮނޑި ބަތާއި، ފޮނި ފާރޮއްޓާއި ކުޅި ފާރޮށީގެ އިތުރުން ފޮނި މައްސުނި އަދި ވަޅޯ މަހާއި ފޮނި ބިސްކޯދު މޮޑެފައި ވެސް ހުރި ކަމަށް އެރަށުން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.

your imageބުރުނީ މީހުން އެއްވެ ބޭއްވި ކެއުން…ފޮޓޯ/އިބްރާހިމް މިދުހަތު

"ވަރަށަ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު ނަމޫނާ ދައްކާ ބައެއް ބުރުނީ މީހުންނަކީ، ގިނަ ބަޔަކު މިއަދު މެންދުރު ކެއުމުގައި ވެސް ބައިވެރިވި،" އޭނާ ބުންޏެވެ. 

އިއްޔެ ބުރުނީ މީހުން ރާގޮނޑި ހިފައި މިއަދު އެ މަސްތައް ކެއްކުމުގައި ބުރަކޮށް އުޅޭ އިރު އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ އެރަކީ އިޖުތުމާއީ ގުޅުން ވަރުގަދަކަން އޮތްތަނެއްގެ ގޮތުގައެވެ. އެކަން އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި އާންމުވަމުންދާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ވެސް ވަރަށް ރަނގަޅަށް ހާމަވެއެވެ. އެކުވެރިކަމާއި އެއްބައިވަންތަ މިއަދުގެ މުޖުތަމައުން މަޑު މަޑުން ފަނޑުވަމުންދާކަން ފާހަގަކޮށްލެވޭއިރު މި ފެނިގެންދިޔަ މަންޒަރުން ހިތަށް އެތައް ގުނަ އަކުން އުފާވެރިކަން ގެނެސްދީފިއެވެ.

92%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް