ads
މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން
ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް: ސާބިތުވެއްޖެނަމަ 100އަހަރަށް ޖަލަށް
ރަހީނު ކުރުމަށްފަހު މަރާލާ، ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ބޮޑެތި ޒަހަމުތަކާއެކު 13 އަހަރުގެ ކުއްޖަކު ފޮއްޓަކަށްލާ މޫދަށް އެއްލާލާފައި ވަނިކޮށް ފުލުހުންނަށް ފެނިފައިވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރުއެވެ.

ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ މިކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން ހެކި ނެއްތާލުމަށް މަސައްކަތްކުރިއިރު، އެކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއިއެކު އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން ވަނީ ހައްޔަރުކޮށްފައިވެއެވެ.

ކުއްޖާ މަރާލި މައްސަލައަށް ދެމަސް ވެފައިވާއިރު މިއަދު އެމައްސަލާގެ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ޕީޖީ އޮފީހުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ އެ ދެމީހުންގެ މައްޗަށް ކުރާ ދައުވާތައް ހާމަކުރައްވާފައެވެ. 

އޭގެ ތެރެއިން ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކުރާއިރު، ގާނޫނުލް އުގޫބާތުގެ 110ވަނަ މާއްދާގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ވަނީ އުފުލާފައެވެ. މި ދައުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށްވެސް ކުރެއެވެ. 

ޒިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ބާވަތްތައް

  1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތް ލުމުގެ ފަސް ދައުވާ
  2. ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެކުއްޖާއާއިއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  3. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަަކައި އެކުއްޖާ ގްރޫމް ކުރުމުގެ ދައުވާ
  4. ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
  5. މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ
  6. ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދައުވާ
  7. ގަސްތުގައި މީހަކު މެރުމުގެ ދައުވާ

މިހަތް ބާވަތުގެ ކުށަށް ޖުމުލަ 13 ދައުވާއެއް ޒީހާންގެ މައްޗަށް ހުށަހަޅާފައިވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެެވެ. ނަމަވެސް އެ 13 ދައުވާއަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެ ހުރިހާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް ޒިހާންގެ މައްޗަށް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ޝަމީމް ވިދާޅުވީ ޒީހާންގެ މައްޗަށް ކުރަނީ ހަމައެކަނި 13 އަހަރުގެ ކުއްޖާގެ މައްސަލައާއި ގުޅޭ ކަންތައްތަކުގައި އެކަނި ނޫންކަމަށާއި، ޖިންސީ ގޯނާ ކުރުމުގެ އެހެން ތުުހުމަތުތަކެއްވެސް މިމައްސަލާއާއި ގުޅިގެން ފެނިފައިވާތީ އެކަމާއި ގުޅޭ ދައުވާތަކެއް ވެސް ކުރާ ކަމަށެވެ. 

"މިމައްސަލާގައި އިބްރާހިމް ޒިހާންގެ މައްޗަށް މި ދައުވާ ކުރަނީކީ ހަމައެކަނި މިމައްސަލައާއި ގުޅޭ ކަންތައްތަކުގައެއް ނޫން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެހެން ތުުހުމަތުތަކެއްވެސް މިމައްސަލާއާއި ގުޅިގެން ފެނިފައި އެބަވޭ. ދެން އަނެއްކާވެސް މީގެ ތަފްސީލްތަކަަކަށް ދެވޭކަށް ނެތް ގާނޫނު އޮތް ގޮތުން" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވަނީ މީގެ ކުރިން އިބްތިހާލުގެ މަރުގެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތަށް މަސައްކަތް ކޮށްފައެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ، އިބްތިހާލުގެ މައްސަލައިގެ ބަޔާން ދިން ދުވަހުވެސް ކުރެވުނީ ވަރަށް އުނދަގޫ އިހްސާސްތަކެއް ކަމަށާއި މިއަދުވެސް ކުރެވެނީ ހަމަ އެ އިހްސާސްތައް ކަމަށެވެ. 

އެއުނދަގޫ އިހްސާސްތައް އޭރު ކުރެވުނީ އެމައްސަލައިގެ ތަފްސީލްތައް އެނގިހުރެ ގާނޫނުން އެވާހަކަތައް ދެއްކުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ. 13 އަހަރުގެ ކުއްޖާގެ މަރުގެ ތަފްސީލީ ބަޔާން ކިޔާލުމުންވެސް ހަމަ އެއިހްސާސްތައް ކުރެވުނުކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ މިއީ އެއްގޮތަކަށްވެސް މިރާއްޖޭގައި ހިނގައިގެން ވާނެ ކަމަށް ގަބޫލުނުކުރެވޭ ގޮތަށް ހިނގާފައިވާ ހާނދިސާއެއް ކަމަށެވެ. 

ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ، ކުޑަކުދިން ބޭނުންކޮށްގެން އެކުށްތައް ކުރުވާން މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތު އޭނާ ޕީޖީގެ މަގާމުގައި ހުއްޓާ ނުދޭނަކަމަށާއި، ކިރިޔާވެސް ދައުވާއެއް ކުރެވެން އޮތިއްޔާ އެކަހަލަ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަަމަށެވެ. ގާނޫނުގައި ހިފެހެއްޓުން އޮތީ ކުޑަކުދިންގެ މައްސަލަތަކުގައި ނަމަވެސް ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށްކުރާ މީހުންނަށް ދައުވާ ކުރުމަށް އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށެވެ. 

ޒިހާންއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށާއި އަދި މިފަދަ މައްސަލައެއްގައި މިފަހުން އޭނާ ޖަލުގައި ހުކުމެއް ތަންފީޒުކޮށްފައިވާކަމަށް ވެ އެވެ. އިތުބާރު ހުރި މަސްދަރަކުން ސީއެންއެމްއަށް ބުނީ ޒިހާން އޭރު ހައްޔަރުކޮށްފައިވަނީ ގެސްޓު ހައުސްއެއްގެ ތެރެއިން ކަމަށާއި އެ ގެސްޓު ހައުސްއަކީ ކުޑަ ކުއްޖާ ރަހީނުކޮށްގެން ގެންގުޅުނު ގެސްޓު ހައުސްކަމަށެވެ. 

ކުޑަކުއްޖާ މަރާލުމަށް ފަހު، ލަގެޖު ފޮށްޓަކަށް ލައިގެން ހުޅުމާލެ ފޭސް 2 ސަރަހައްދަށް އެދުވަހު މެންދުރު ގޮސް އުޅުނު ކަމަށާއި އަދި ފުލުހުންނަށް އެމީހުން ފެނުމުން ފޮށި މޫދަށް ގަންބާލުމަށް ފަހު މޫދުން އެރީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާގެ މަންމަ "ސީއެންއެމް" އާއި ވާހަކަދައްކަމުން ބުނީ، އެކުއްޖާ ގެއްލުނު ދުވަހަކީ "ޔޫރޯ 2020" މެޗު ބޮޑު ސްކްރީންގައި އަޅުވައިގެން މެޗު ބަލަން ގޭ ދޮށުގައި ރައްޓެހިންތަކަކާއެކު ކުއްޖާ އުޅުނު ރެއެއްކަަމަށެވެ. އެއީ ޖޫން މަހުގެ 18 ވީ ހުކުރު ދުވަހެވެ. ކުއްޖާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. 

ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަމާއި، ކިޑްނެޕް ކުރިކަމުގެ މައުލޫމާތު ލިބުނީ ޖޫންމަހުގެ 20 ވީ އާދިއްތަ ދުވަހުގެ ފަތިހު ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހެޅީ އެދުވަހު ހެނދުނު ކަމަށް މަންމަ ބުންޏެވެ.

މައްސަލަ ހުށަހެޅުމާ އެކު ފުލުހުން ކުއްޖާ ހޯދަންފެށިއިރު، ތަހުގީގަށް ފުރަތަމަ ކުރިއެރުމެއް ލިބުނީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އާންމުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކުރަމުންދާ ކަމަށް އާންމު މީހަކު ރިޕޯޓް ކުރުމާއި ގުޅިގެންގެނެވެ. 

އެމައުލޫމާތާ އެކު ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ ކުއްޖާ ފެނިފައިވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ 02:38 ހާއިރު، ބޮޑެތި އަނިޔާކޮށް ފޮއްޓަކަށްލާ އެއްލާލާފަ ވަނިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު މޫދުން ނެވެ.

އެ ކުއްޖާ ފެނުނުއިރު އެ ކުޑަކުޑަ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. ގިނަ އިރު ފެނު ތެރޭގައި އޮތުމުން މުޅި މޫނު ވަނީ ކަޅުވެފައެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު، ހަށިގަނޑަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމުގެ ނިޝާންތަކެއް ހުރިއިރު، ފަހުން މައުލޫމާތު ލިބުނުގޮތުން ކުއްޖާވަނީ ރޭޕްވެސް ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް