ނޯވެއިއަން ސެންޓާ ފޯ ގްލޯބަލް އެނަލައިސިސްގެ ވެރިޔާ ކްރިސްޓެން ނެލެމެން ބީބީސީއަށް ބުނީ ތާލިބާނުން ހިފާފައިވާ އަފްގާނިސްތާންގެ ބޮޑެތި ސިޓީތަކުގައި 20 އަހަރުވަންދެން ކުރި ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކަށް އެހީތެރިވި މީހުން ހޯދުމުގެ މަސައްކަތް ވަރަށް ރާވައިގެން ކުރިއަށް ގެންދާ ކަމަށެވެ.
އޭނާ ބުނީ ތާލިބާނުން އަތުގައި ކަބުލްއަށް އެރުމުގެ ކުރިން ވެސް ހޯދަން ޖެހޭ މީހުންގެ ލިސްޓެއް އޮތް ކަމަށެވެ. އެ ލިސްޓުގައި ކުރީ ސަރުކާރުގެ މުވައްޒަފަނުން ހިމެނޭއިރު އެ ލިސްޓުގައި އެންމެ މުހިއްމުބައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންޓެލިޖެންސް ސާވިސްގައި މަސައްކަތްކުރި މީހުންނާއި އަފްގާން ސެޕެޝަލް ފޯސެސް ޔުނިޓްގައި ހަރަކާތްތެރިވި މީހުންނެވެ.
ނެލެމެން އިތުރަށް ބުނީ ތާލިބާނުން އުޅެނީ ބޮޑު ގަތުލުއާންމެއް ހިންގަން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހުޅަނގުން ފޯރުކޮށްދިން މުހިއްމު އެތައް ޖާސޫސީ އުކުޅުތައް ތާލިބާނުންނަށް އެނގިގެން ގޮސްދާނެ ކަމުގެ ބިރުއެބައޮތް ކަމަށާއި އޭގެ ސަަބަބުން ހުޅަނގުގެ ޖާސޫސީ އިދާރާތަކަށް ބޮޑެތި ގެއްލުން ވާނެކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނީ އދ. ރިޕޯޓަކާއި ހަވާލާދީ ތާލިބާނުން އެމީހުންގެ ސަރުކާރާއެކު މަސައްކަތް ކުރަން އިންފޯމާ ނެޓްވޯކެއް ގާއިމްކުރަން އުޅޭ ކަމަށެވެ.