އަފްގާނިސްތާން ހަނގުރާމައިގައި މަރުވި އިނގިރޭސި ސިފައިންގެ ގުރުބާނީތައް ބޭކާރަށް ނުދޭކަމަށް ބްލެއާ ވިދާޅުވިއިރު 20 އަހަރުވަންދެން އިނގިރޭސިވިލާތް ހިމެނޭހެން ނޭޓޯގެ ގައުމުތަކުން އަފްގާނިސްްތާންގައި ހަނގުރާމަކުރުމަށް ފަހު ނުފޭބެނީސް ތާލިބާނުން ވަނީ އަފްގާނިސްތާންގެ ވެރިރަށް ކަބުލް ހިފާފައެވެ.
ބްލެއާ ވަނީ އެމެރިކާާއިން އަފްގާނިސްތާނުން ސިފައިން ބާލަން ނިންނި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ބްލްއާ ވިދާޅުވީ އެމެރިކާއިން އަފްގާނިސްތާނުން ފޭބުން ގެއްލުނީ ހަމައެކަނި އަފްގާން ރައްޔިތުންގެ ރައްކާތެރިކަން ނޫންކަމަށާއި ހުޅަނގުގެ ގައުމުތަކުގެ ރައްކާތެރިކަން ވެސް އެއާ ގުޅިފައިވާ ކަމަށެވެ.
އޭގެ އިތުރުން ތާލިބާނުން އަނެއްކާވެސް އަފްގާނިސްތާންގައި އަލްގައިދާއަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މިހާރުވެސް އައިއެސް ޖަމާއަތުން އެގައުމުގައި ހަރަކާތްތެރިވާން މަަސައްކަތް ކުރާކަމަށް ބްލެއާ ވިދާޅުވިއެވެ.
ދުނިޔޭގެ ގިނަ ދިމާތަކުން ސިފައިން ބޭލުމަށް ތާއިދުކޮށް ވާހަކަ ދައްކާ ގިނަ މީހުންނަކީ ހުޅަނގާއި ދެކޮޅު ވިސްނުން ގެންގުޅޭ މީހުންކަމަށް ބްލެއާ ވިދާޅުވިއެވެ.
2001 ވަނަ އަހަރު އަފްގާނިސްތާނަށް އެމެރިކާ އާ އިނގިރޭސި ވިލާތުގެ ސިފައިން އެރި އިރަށްވުރެ މިހާރު އެގައުމުގެ އިގްތިސާދު ތިން ގުނަ ބޮޑު ވާނެ ކަމަށާއި މިއަހަރުވެސް 200،000 އަފްގާން މީހުން ޔުނިވާސިޓީ ތައުލީމް ހާސިލް ކުރިއިރު އޭގެ ތެރޭގައި 50،000 އަންހެނުން ހިމެނޭކަމަށް ބްލެއާ ވިދާޅުވިއެވެ.
އަފްގާނިސްތާންގައި ކުށް ކުރެވުނު ނަމަވެސް އެ ކުށްތައް ފަހުން ތަކުރާރު ކުރުމުގެ ނަތީޖާއަކީ 20 އަހަރަށް ފަހު ހަނގުރާމައިން ބަލިވުންކަމަށް ބްލެއާ ވިދާޅުވިއެވެ.
އަފްގާނުން ސިފައިން ބޭލުމުން ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ހަރުކަށި ފިކުރުގެ މީހުން އެކަމާ އުފާ ފާޅުކުރާ ކަމަށާއި އޭގެ ސަބަބުން އިރާން، ޗައިނާ އަދި ރަޝިޔާއިން ވެސް ފައިދާ ނަގާނެ ކަމަށް ބްލެއާ ވިދާޅުވިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ތާލިބާނުން ކަބުލް ހިފުމާއެކު ކަބުލްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގައުމު ދޫކޮށްދާން އެއާޕޯޓަށް ގޮސްފައެވެ. ބައެއް މީހުން އެއާޕޯޓް ރަންވޭއަށް އަރާފައިވާއިރު ބައެއް މީހުން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ނައްޓާލި ވަގުތު އޭގައި ހިފަހައްޓައިގެން ތިބެފައެވެ. މަތިންދާ ބޯޓު ނައްޓާލި ވަގުތު ހިފަހައްޓައިގެން ތިބިތަނުން ބަޔަކު ވަނީ ބޯޓު ނަައްޓާލިތަނާ ކުޑައިރުކޮޅެއް ނުވަނީސް ވެއްޓިފައެވެ.
އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ.
މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ.
އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ.