ads
މިއަދު ހެނދުނު ރައީސް އޮފީހުގައި ގާފަރު ކައުންސިލުން ރައީސްގެ ނައިބާއި ބައްދަލުކުރެއްވުން
ގާފަރު ކައުންސިލްގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅައިފި
ކ.ގާފަރު ކައުންސިލްގައި ހައްލު ނުކުރެވި ހުރި މައްސަލަތައް ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށް ހުށަހަޅައިފިއެވެ.
Advertisement

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކުރެއްވެވިއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ހިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓުއަރިޒަމް ތަރައްގީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރެވެންހުރިކަންކަން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްގީކުރުމަށް ބޭނުންވާކަންކަންވެސް ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުންވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައިހިންގުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް