ތާލިބާންގެ ތަރުޖަމާނު ސްކައި ނިއުސް އާ ވާހަކަދައްކަމުން ބުނީ މިހާރުވެސް އެމެރިކާ ސިފައިން ފައިބަން ދީފައިވާ އޮގަސްޓް 31 އަށް ފަހު ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކަށް އަފްގާނިސްތާންގައި ތިބުމުގެ މުއްދަތެއް އިތުރުނުކުރާނެ ކަމަށެވެ.
އަދި އޮގަސްޓް 31 އަށް ފަހު ބޭރުގެ ގައުމުގެ ސިފައިން އަފްގާނިސްތާންގައި ތިބުމުކީ އިތުރު މުއްދަތަކަށް އެގައުމަށް ގަދަކަމުން ވެރިވެގަނެން ތިބުން ކަމަށާއި އެއީ "ރަތް ރޮނގު" ކަމަށް ގަތަރުގެ ތިބޭ ތާލިބާނުންގެ ވަފްދުގައި ހިމެނޭ މެމްބަރެއް ކަމަށްވާ ސުހައިލް ޝަހީމް ބުނެފައިވެއެވެ.
ތާލިބާންގެ އޮފިޝަލު މިހެން ބުނެފައިމިވަނީ އާދިއްތަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން "އުދަނގޫ އަދި ހިތްދަތި" ނަމަވެސް އެމެރިކާ ރައްޔިތުންނާ އަފްގާން ރައްޔިތުން އެގައުމުން ބޭރުކުރުމުގެ މަސައްކަތުގެ ދުވެލި އަވަސް ވަމުން އަންނަ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. ބައިޑެން ވަނީ އޮގަސްޓް 31 އަށް ފަހުވެސް އެގައުމުން މީހުން ބޭރުކުރުމުގެ މަސައްކަތް އިތުރު ކުރުން އެއީ ވެސް ވެދާނެ ކަމަށް ކަން ވިދާޅުވެފައެވެ.
އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާ ބޮޑު ކުރިމަތިލުމާކާ ނުލައި އަފްގާނިސްތާންގެ ވެރިރަށް ކަބުލް ތާލިބާނުންގެ އަތްދަށަށް ދިޔުމުން އެގައުމުގެ ގިނަ ރައްޔިތުން ވަނީ ކަބުލް އެއާޕޯޓަށް ޖަމާވެފައެވެ. އެއާޕޯޓަށް މީހުން ޖަމާވެ ހިނގި ހާދިސާތަކުގައި މިހާތަނަށް 20 މީހުން މަރުވެފައިވާކަމަށް ނޭޓޯއިން ބުނެއެވެ.
މިއަދުވެސް ކަބުލް އެއާޕޯޓްގައި އަފްގާންގެ ސަލާމަތީ ބާރުތަކާއި ބަޑިއެއް ހިފައިގެން ހުރި މީހަކާދެމެދު ކުރިއަށްގެންދިޔަ ހަމަލާބަދަލުކުރެވުންތަކެއްގައި އަފްގާން ސެކިއުރިޓީ ގާޑެއް ވަނީ މަރުވެފައެވެ. ޖަރުމަނުގެ ސިފައިންނާއި އެމެރިކާ ސިފައިންނާ ދެކޮޅަށް މީހަކު ދިން ހަމަލާގައި އިތުރު ތިން މީހަކު ޒަހަމްވެފައިވެއެވެ.
ޖަރުމަރުމަނުގެ އަސްކަރިއްޔާއިން ބުނީ ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށް އެތައް ހާސް އަފްގާން ރައްޔިތުންނެއް އެއާޕޯޓް ކައިރިއަށް ޖަމާވެފައިވާ ކަމަށެވެ.
ގިނައަަދަދެއްގެ ބަޔަކު އަފްގާނިސްތާނު ދޫކޮށް ދާއިރު، އަފްގާނިސްތާނު ހިފާފައިވާ ތާލިބާނުންގެ އިސްލީޑަރުން އަންނަނީ ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ އަފްގާނިސްތާނަކީ ބިރުވެރި ތަނެއްގެ ގޮތުގައި ސިފަކުރަން ކަމަށް ބުނަމުންނެވެ.
އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ.
މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ.
އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ.