މެންބަރު އަލީ ނިޔާޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށާއި، ހުޅުމާލެއަކީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ވާ ރަށެއްކަމަށެވެ. އަދިއެއީ އެއްވެސް އޮޅުމެއްނެތްގޮތަށް ގާނޫނޫގައި ލިޔެފައިވާވާހަކައެއްކަމަށެވެ. އެހެންނަމަވެސް މިވަގުތު މާލޭސިޓީކައުންސިލގައި ހުޅުމާލެއަށް ހިދުމަތްދެވޭވަރުގެ ބަޖެޓެއް ނެތްކަމަށެވެ.
"މާލޭ ސިޓީ ކައުންސިލްގައި ހުރީ ހަމައެކަނި މާލެއަށް ހިދުމަތްދިނުމަށް 17 މިލިޔަން ރުފިޔާ. ހަމައެކަނި ހުޅުމާލެއަށް ހިދުމަތް ދިނުމަށް ބޭނުންއެބަވޭ 70 މިލިޔަން ރުފިޔާ" އަލީ ނިޔާޒު ވިދާޅުވިއެވެ.
މިހެން އޮތުމުން ކައުންސިލުން ބޭނުންވީ އެޗްޑީސީގެ ބަޖެޓް މާލޭ ސިޓީ ކައުންސިލަށް ޓްރާންސްފާ ކުރުމަށް ކަމަށެވެ. މައްސަލަ ހުއްޓުން އަރާފައިވަނީ މިހިސާބުންނެވެ. އަލީނިޔާޒުވިދާޅުވީ މިވަގުތަށް މައްސަލައަށް ހައްލެއް ލިޞެނެ ގޮތަކީ އެޗްޑީސީއާއި މާލޭ ސިޓީކައުންސިލާ ދެމެދު ވެވޭ އެއްބަސް ވުމެއްގެދަށުން ހިދުމަތް ދިނުމެވެ. އަދި އެއީ ދާއިމީ ހައްލެއް ނޫންކަމަށާއި ދާއިމީ ހައްލަކަށް ވާނީ މިއަންނައަހަރު ބަޖެއްޓެއް ހަމަޖެހިގެން ދިއުންކަމަށެވެ. އެހެންނަމަވެސް އެއީ މިއަހަރު ނިމެންދެންވެސް ހިދުމަތް ކުރިއަށް ގެންދެވިދާނެ ވަގުތީ ހައްލެއް ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި މިމަހުގެ 21 ވަނަދުވަހުގެރޭ ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންނާ ބައްދަލު ކުރުމަށް އެރޭ ބޭއްވި ބައްދަލު ވުމުގައެވެ.
ޕެޓިޝަން ހަވާލުކުރުމަށް ފުރުސަތު ހޯދުމަށް ވާހަކަ ދައްވަމުން ހުޅުމާލޭ ރައްޔިތަކު ބުނީ އެ ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ފުރުސަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށެވެ.
މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމައު މުޢިއްޒުއެވެ.
އެރޭގެ ބައްދަލުވުމުގައި ގިނަބަޔަކު ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ. ބައްދަލުވުމުގައި ގިނަ ބަޔަކުވަނީ އެޗްޑީސީއަށް ފާޑު ކިޔާފައެވެ. އެގޮތުން ފޯނަށް ޖަވާބުދާރީ ނުވުމާއި، ބައެއް މީހުންނަށް ތަކުލީފްތައް ދިމާވާ ގޮތަށް އެޗްޑީސީން ކަންކަން ކުރަމުން ގެންދާ ކަމަށް ހިޔާލު ފާޅުކޮށްފައިވެއެވެ.
ގިނަ ފަރާތްތަކުން ފާހަގަކުރީ އެޗް.ޑީސީގެ ދަށުން މުނިސިޕަލް ހިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ހަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ހިދުމަތް ބަދަލުވާންޖެހޭނެއެވެ.
މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުސަތުތަށް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަން ރައްޔިތުން ފާހަގަކުރިއެވެ. އަދި ޢާއްމު ދިރިއުޅުމުގައި އާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސްއިންދުންފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗް.ޑީ،ސީގެ ފަރާތުން އެކަން މަނާކުރާކަމާ، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއްކުރިނަމަވެސް އެކަން މަނާކުރަމުން ނުދާކަމަށްވެސް ބައްދަލުވުމުގައި ބައިވެރިވި ބައެއްމީހުން ބުނެފައިވެއެވެ. އެހެންކަމުން ކައުންސިލެއްގެ ދަށަށް ގޮސްގެން ނޫނީ ރައްޔިތުންނަށް ރަނގަޅުގޮތްތައް ނެތްކަން ފާހަގަކުރިއެވެ.