މި ރަށް ގުޅުވާލުމަށް އަޅާފައިވާ ކޯޒްވޭ ބުރިކޮށްލާފައިވަނީ މަޑަވެލިއާ ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.
ކޯޒްވޭ ބުރިކޮށްލާފައިވާކަން މަޑަވެލި ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ. ކައުންސިލުން މައުލޫމަތު ދިން ގޮތުގައި ކޯޒްވޭ ބުރކޮށްލި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައެވެ. އަދި މިކަމުގައި ބޭނުންކޮށްފައިވަނީ އުދެލި އާއި ކައްޓި ފަދަ އާލާތް ކަމަށް ކައުންސިލުން ތުހުމަތުކުރެއެވެ.
މިއީ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ބުރިކޮށްލި ދެވަނަ ފަހަރު އެވެ. މީގެ ކުރިން ވެސް މި ކޯޒްވޭ ބުރިކޮށްލާފައެވެ.
ކޯޒްވޭގެ މައްސަލަ ހޫނުވެ ކައުންސިލުން ވަނީ މި ކޯޒްވޭ ނަގައިދިނުމަށް ދާދިފަހުން ސަރުކާރުގައި އެދިފައެވެ. ބެލެވޭ ގޮތުގައި މިފަހަރު ކޯޒްވޭ ބުރިކޮށްލީ ކައުންސިލުގެ މި ނިންމުމުން ހިތްވަރު ލިބިގެން ނިކުތް ރައްޔިތުންތަކެކެވެ.
މަޑަވެލި ކައުންސިލުން ވިދާޅުވީ ކޯޒްވޭ ބުރިކޮށްލި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެފަރާތުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.