ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ ދަށުން މަންމައާއިއެކު ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި ހަތް އަހަރުގެ ޖިއާން މަރުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު އެވެ
ޖިއާންގެ މަރުގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން ބުނީ ޖިއާން މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ އިހުމާލުގެ ސަބަބުން ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެ ކުންފުނީގެ މައްޗަށް ރައްދުވާގޮތަށް މައިންބަފައިންގެ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅި މައްސަލާގައި ހުކުމް އިއްޔެ ހުކުމް ކޮށްފައިވާ ކަމަށެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާތަކެއްގެ ތެރެއިން ދުވާރުމައްޗަށް ވާގޮތަށް ތިރިއަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އެވަގުތު ދުވާރުމަތިން ހިނގާފައިދިޔަ ޖިއާންއަށް އެކަމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާތީއާއި، ޖިއާން މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެކުންފުނީގެ ރަސްމީ މަސައްކަތެއްގެ ތެރެއިން ކުޅަ ފަރުވާކުޑަ އަމަލުތަކެއްގެ ނަތީޖާއެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، އެ އަމަލު ކުރިފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަންޖެހޭކަން މަދަނީ މިންގަނޑުންވެސް ސާބިތުވާކަމަށެވެ.
އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި އެ ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާ އިއްޔެ ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.
އާއިލާގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުނީ ގެއްލުމުގެ ބަދަލުގެ މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި ބައެއް އަދަދު ނަގާދޭން ނުފެންނަކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އެ ހުކުމުގެ އެ ބައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް މައިންބަފައިންގެ ފަރާތުން އެދޭނަމަ އެޖަމްއިއްޔާގެ ފަރާތުން އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ
އެހެން ނަމަވެސް، މި ވަގުތު އެ ހުކުމް އިސްތިއުނާފުކުރުމާމެދު ވަކި ގޮތެއް މައިންބަފައިންގެ ފަރާތުން ނިންމާފައިނުވާތީ މިވަގުތަށް އެ ހުކުމްގެ އެބައި އިސްތިއުނާފުކުރުމަށް އަަދި ނިންމާފައެއް ނުވެއެވެ.
ޖިއާން މަރުވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ހިމެނޭގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެއީ އިންޑިއާގެ ހަތަރު މީހަކާއި އެ ކުންފުނީގެ ސުޕަވައިޒަރު މޫސާ ހަސަން އާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށެވެ. އެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތު ނުވީ އެ ކުންފުނީގެ އެމްޑީ ޝަފީގްގެ މައްޗަށް އެކަންޏެވެ.
ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ. ދެން ތިބި މީހުންގެ ތެރެއިން މޫސަގެ މައްޗަށް 115،200ރުފިޔާގެ ގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200ރުފިޔާގެ ގެ ޖޫރިމަނާގެ އަދަބެކެވެ.
ޖަލަށްލާން ހުކުމްކުރީ ސިމެންތި ބަސްތާ މައްޗަށް ނަގަމުން ދިޔައިރު، ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވް އަލީ އާއި އޭނާ އަށް އެހީތެރިވާން ހުރި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ސާބިތުވާތީ އޭނާ ހަ އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު، މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާތީ މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އެ ހާދިސާ ހިނގިއިރު މަތީގައި ހުރެގެން ރައްޖާވް ވިންޗް އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭނާއާ އެ މަސައްކަތް ހަވާލު ނުކުރަނީސް އަމިއްލަ އަށް ކަން ސާބިތުވާ ކަމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތުން، މަގުމަތިން ހިނގާ މީހެއްގެ ގަޔަށް އެއިން ބަސްތާއެއް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށާއި އަދި އެފަދަ ނުރައްކަލެއް އޮތްކަން އެނގި ހުރެ އޭނާ އެ މަސައްކަތް ކުރި ކުރުމަކީ އޭނާ ކުރި ފަރުވާ ކުޑަ އަމަލެއް ކަމަށް ގާޒީ ވިދާޅުވި އެވެ.