ads
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު --
މަޖިލީހުގެ މަސައްކަތް ލަސްވަނީ ކޮމިޓީތަކުގެ މަސައްކަތް ލަސްވާތީ: އަފީފް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ލަސްވަނީ އެމަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވާތީ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފު ސީއެންއެމްއަށް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާކަމަށާއި އެހެންނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތް ކުރާއިރު، ވަރަށް ބޮޑަށް އެކިއެކި ދާއިރާތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ތަފާތު ދިރާސާތައް ކުރުމަށްވެސް ތަޖްރިބާކާރުން ބޭނުންވާކަމަށެވެ. 

"ދުނިޔޭގެ ހުރިހާ ތަނެއްގަވެސް މިވާގޮތަކީ އަދި މެންބަރުންނަށް އިންތިހާބުވާ މީހުންނަކީ ސިޔާސީ ގޮތުން މީހުންގެ މެދުގަ މަގްބޫލު ބޭފުޅުން . އެބޭފުޅުންނަކީ މިސާލަކަށް މިކަހަލަ ހުރިހާ ޕްރޮފެޝަނަލް ކަންތަކުގާ ނުވެދާނެ ފުންނާބު އުސް ބޭފުޅުންނަށް. އެހެންވީމަ އެބޭފުޅުންނަށް އެހީތެރި ވުމުގެ ގޮތުން މިދިރާސާތައް ކޮށް، އެބޭފުޅުންނަށް އެ މައުލޫމާތުދީ އެކަންތައްތައް ކުރެވޭނެ އިންތިޒާމްތަކެއް ހަމޖެހިފަ އޮތިއްޔާ މަޖިލީހުގެ މަސައްކަތް ހަލުއި ވެގެންދާނެ" މެންބަރު އަފީފް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ދެ ވަނަ ދައުރުގެ 60 އިންސައްތަ މަސައްކަތް ނުނިމެއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު މަޖިލީހުން ޖުމްލަ 41 ބިލެއްގެ މަސައްކަތް ވަނީ ކުރެވިފައެވެ. އެއީ މަޖިލީހުގެ ކުރީ ދައުރުގެ ނުނިމި ހުރި 25 ބިލާއި މަޖިލީހަށް ހުށަހެޅުނު 16 ބިލެވެ. 41 ބިލުގެ ތެރެއިން މަޖިލީހުން އެ ދައުރުގައި ނިންމާފައިވަނީ އެންމެ 9 ބިލުގެ މަސައްކަތެވެ. 32 ބިލު އޮތީ އަދި ވެސް ނުނިމިއެވެ.

ފުރަތަމަ ދައުރުގައި ނުނިމި ހުރި 9 ގަރާރެއްގެ މަސައްކަތް ދެވަނަ ދައުރުގައި ކުރެވުނުއިރު، އަލަށް ހުށަހެޅުނީ 2 ބިލެވެ. ޖުމްލަ 11 ބިލުގެ ތެރެއިން މަޖިލީހުން ނިންމާފައިވަނީ އެންމެ ބިލެކެވެ.

ސަރުކާރުން ހުށަހެޅި 7 މައްސަލައާއި ފުރަތަމަ ދައުރުގެ 3 މައްސަލައިގެ ތެރެއިން ދައުރު ނިމުނުއިރު ނުނިމި އޮތީ ދެ މައްސަލައެވެ. އަދި ރިޔާސަތުން ހުށަހެޅި 6 މައްސަލައާއި ކުރީ ދައުރުގެ 2 މައްސަލައިގެ ތެރެއިން 5 މައްސަލަ ވަނީ ނިންމާފައެވެ. 

މަޖިލީހުގެ ދެވަނަ ދައުރުގައި ތިން ކުއްލި މައްސަލައެއް ހުށަހެޅުނުއިރު ތިން މައްސަލަ ވެސް މަޖިލީހުންވަނީ ބަލައި ނިންމާފައެވެ. ފުރަތަމަ ދައުރުގައި މެންބަރުން ހުށަހެޅި 4 މައްސަލައާއި ދެވަނަ ދައުރުގައި ހުށަހެޅި 4 މައްސަލައިގެ ތެރެއިން 5 މައްސަލައެއް ނިންމިއިރު 3 މައްސަލަ އޮތީ ނުނިމިއެވެ. އެހެނިހެން މައްސަލަތަކުގެ 4 މައްސަލައެއް ހުށަހެޅިއިރު ކުރީ ދައުރުން 5 މައްސަލަ ނުބެލި އޮތެވެ. ދެވަނަ ދައުރުން ތިން ވަނަ ދައުރަށް ވެސް އެހެނިހެން 5 މައްސަލަ ނުބެލި އޮތް ކަމަށް މަޖިލީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކުރީ ދައުރުން 6 ސުވާލެއް ލިބި މަޖިލީހަށް ދެ ވަނަ ދައުރުގައި 8 ސުވާލެއް ހުށަހެޅުނުއިރު ނިންމާފައިވަނީ 6 ސުވާލެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ތަފާސް ހިސާބަށް ބަލާއިރު ނިމިފައިވަނީ އެންމެ 39.4 އިންސައްތަ މައްސަލައެވެ. 60.6 އިންސައްތަ މައްސަލަ ހުރީ ނުނިމިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް