ads
މެހެކް..މިހާރު އުމުރުން އެއް އަހަރާއި ފަސް މަަސް…
މެހެކް އަޑުއިވުމުން މަހްރޫމްވެފައި، އާއިލާއިން އެދެނީ ދީލަތި އެހީއަކަަށް!
ދެވަނަ ދަރިފުޅު ލިބުނީ ކޮވިޑްގެ ނުރައްކާތެރި ދުވަސްތަކުގެ ތެރޭގައި ނަމަވެސް އެ ލޯބި ލޯބި ދަރިފުޅު ލިބުމާއެކު އެ ދެމަފިރިންގެ ދިރިއުޅުމުގައި އުފާވެރިކަން ކޮޅުންލިއެވެ. ލޯބި ލޯބި ދެ ދަރިންނާއި އެކު ދިރިއުޅުން އުޖާލާ ވެގެން ދިޔައީއެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ އުފާވެރި ދިރިއުޅުން ބަނަކޮށްލީ އެންމެ ހަގު ދަރިފުޅުގެ އުމުރުން މަހެއް ވެސް ނުވަނީސް އެ ތުއްތު ކުއްޖާގެ ކަންފަތަށް އަޑު އިވުމުގެ މައްސަލައެއް އުޅޭކަން އެނގުމާއެކުގަ އެވެ.

ކޮވިޑްގެ ނުރައްކާތެރި ދުވަސްތަކުގެ ތެރޭގައި ގއ. ގެމަނަފުއްޓަށް އުފަން އައިމިނަތު ސަފާ އަދި މުސްތަފީޒު ހަސަން އަށް ލިބުނު ދެ ވަނަ ދަރިފުޅުގެ ބަލި ހާލަތު އެނގުނު ހިސާބުން ދެމަފިރންގެ ހިތްފަޅައިގެންދިޔަ ކަހަލަ އެވެ. ނަމަވެސް ފަހަތަށް އެބުރި ބަލާކަން އެ ދެމަފިރިން ބޭނުމެއް ނުވި އެވެ. އަޒުމު އާ ކުރި އެވެ. ހިތްވަރު ގަދަކުރި އެވެ. ހުރިހާ ވެސް އުއްމީދަކަށްވީ ދަރިފުޅުގެ ކަންފަތުގެ އިވުން ރަނގަޅުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމެވެ.

މެހެކް ބިންތި މުސްތަފީޒުގެ ކަންފަތަށް އަޑު އިވުމުގައި މައްސަލަތަކެއް ހުރިކަން އެ ދެމަފިރިންނަށް ޔަގީންވަމުންދިޔައީ ތަފާތު ކަންކަން ތަޖުރިބާކުރެވުމުންނެވެ. މެހެކް އަށް މަހެއް ފުރިގެންދިޔަ އިރު ދަރިފުޅުގެ ކަންފަތަށް އަޑު އިވުމުގައި މައްސަލަތަކެއް އުޅޭކަމުގެ ޝައްކުތައް ގިނަވަމުންދިޔަ އިރު ބާރު އަޑުތަކަށް ދަރިފުޅު ސިއްސައިގެން ނުދިޔުން ވެގެން ދިޔައީ އެ ދެމަފިރިންގެ ހިތްކުދިކުދިވެގެންދިޔަ ކަމަކަށެވެ. 

"އަޅުގަނޑު މެންނަށް ފާހަގަވި ފުރަތަމަ މަހުގެ ތެރޭގައި ވެސް މެހެކްގެ އަޑު އިވުމުގެ މައްސަލަތަކެއް އުޅޭކަން، ކޮވިޑްގެ ދުވަސް ވަރު ކަމުން އަޅުގަނޑުމެންނަށް މާލެ އަންނަން ދަތިވެފައި އޮތީމައި މާލޭގަ ހުންނަ ކުޑަ ކުދިންގެ ޑޮކްޓަރަކަށް ގުޅާލިން. ޑޮކްޓަރު ދެންނެވީ އަދި ހައެއްކަ މަސް ވަންދެން ބަލައިލަން މަޑު ކޮށްލަން،" މެހެކްގެ މަންމަ ދަރިފުޅަށް ދިމާވި މައްސަލަ ސީއެންެމް އާ ހިއްސާކުރި އެވެ.

ހަ މަސް ފަހުން ވެސް ދަރިފުޅު ބާރު އަޑުތަކަށް ވެސް ނުސިހޭތީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގޮސް ޓެސްޓު ހެދިއެވެ. ސަފާ ބުނީ އެ ހޮސްޕިޓަލުން ބެރާ ޓެސްޓު ހެދެން ނެތް ކަމަށާއި އާދައިގެ ޓެސްޓުތަކެއް ހެދުމަށް ފަހު އަޑު ތަކަށް  މެހެކް ހަރަކާތްތެރިވާ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެކަން ޔަގީން ވާނީ ބެރާ ޓެސްޓު ހެދުމުން ކަމަށާއި  ދެ އަހަރު ވުމުގެ ކުރިން ބެރާ ޓެސްޓު ހަދައި އެކަން ޔަގީންކުރުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށެވެ. ނަމަވެސް އަވަހަށް މާލެ އަންނަން ބޭނުންވި ކަމުގައި ވިޔަސް އެކަމުގެ ހުރަހަކަށްވީ ކޮވިޑްގެ ބަލިމަޑުކަމެވެ.

your imageމެހެކްގެ ސާޖަރީ އަށް ލަފާދެއްވާ ޑޮކްޓަރުން ދެއްވި ލިޔުން…

ހެދި ބޮޑުވަމުން އައިސް އަހަރު ވީއިރުވެސް އެ ތުއްތު ދަރިފުޅުގެ ކަންފަތަށް އަޑުނީވޭ ކަމަށް ޝައްކު ކުރެވޭތީ މާލެ އައިސް ހެދި ޓެސްޓުތަކުން މެހެކް އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުއްޖެއްކަން ދެނެގަނެވުނެވެ. ޓްރީޓޮޕް ހޮސްޕިޓަލް އިން ހެދި ޓެސްޓުގެ ނަތީޖާއާއެކު އެ ދެމަފިރިންގެ ހިތް ކުދިކުދިވި އެވެ. ނަމަވެސް ހިތްވަރާއި އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ސަތާރަ މަސްވެފައިވާ ތުއްތު ދަރިފުޅަށްޓަކައި ދެ މަފިރިން އިތުރު ހިތްވަރާއެކު ދަރިފުޅަށް ފަރުވާ ހޯދުމުގެ މަގުތައް ކޮށަށް ނުކުތެވެ.

"ޓްރީޓޮޕް އިން ބެރާ ޓެސްޓު ހަދާފައި ޑޮކްޓަރުން ލަފާ ދެއްވީ އަވަހަށް ސާޖަރީ ހަދަން. ކޮކްލިއާ އިމްޕްލާންޓް ސާޖަރީ ހެދުމުން ކުއްޖާއަށް އަޑު އިވި ވާހަކަ ވެސް ދެއްކޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ވެސް ދެއްވި، އުންމީދު އެބަ އޮތް އަޅުގަނޑުމެންގެ ދަރިފުޅު ރަނގަޅު ކުރެވޭނެ ކަމުގެ،" އަސަރާއެކު ސަފާ ވާހަކަ ދެއްކިއެވެ.

ސަފާ ބުނީ، މި ސާޖަރީ ކުއްޖާގެ ޅަ އުމުރުގައި އަވަހަށް ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށާއި މިވަގުތު ކޮކްލިއާ އިމްޕްލާންޓް ސާޖަރީއަކަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ސާޖަރީ ހެދުމަށް ދާން ތައްޔާރުވި ނަމަވެސް މިވަގުތު ވަނީ އެ އާއިލާގެ ފުދުންތެރިކަން ކުޑަވެ ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުންވެފައެވެ. 

އާސަންދައިންނާއި އެންސްޕާ އިން ވެސް މެހެކްގެ ސާޖަރީ އަށް އެހީތެރިވެ ދިންކަން ފާހަގަކޮށް ސަފާ ބުނީ ސާޖަރީއަށް ފަހު މެހެކްގެ ސްޕީޗް ތެރަޕީގެ ފަރުވާއަށް އިންޑިއާގައި ފަަސް މަސް ދުވަހުގެ މުއްދަތަކަށް މަޑު ކުރަންޖެހޭ ކަމަށެވެ

ކޮންމެ މަޔަކުވެސް ދަރިފުޅުގެ ބައްޔަށް ފަރުވާ ހޯދާ އިރު ބޭނުންވާނީ އެންމެ ފުރިހަމަ ފަރުވާއެއް ހޯދުން ކަން ފާހަގަކޮށް ސަފާ ބުނީ، ސާޖަރީއަށް ފަހު ކަންފަތުގައި އަޅުވާ ޑިވައިޒް އަށް އެންސްޕާއިން 7000 ޑޮލަރުގެ އެހީތެރިކަމެއް ވެދިން ނަމަވެސް ފަހުގެ ޑިވައިޒްއެއް އެޅުވުމަށް 22000 ޑޮލަރު ހަރަދުވާކަމަށެވެ. އާސަންދަ އިންވެސް ސްޕީޗްތެރަޕީގެ މުއްދަތަކަށް މިހާރު ދީފައި އިންނަނީ ދެ ހަަފްތާ ކަމަށް ސަފާ ފާހަގަކުރިއެވެ. 

"އެންސްޕާގެ އެހީތެރިކަން ފާހަގަކޮށް ޝުކުރުވެރިވަން، ނަމަވެސް އެންމެން ވެސް ބޭނުންވާނީ ފުރިހަމަ ކަމާއެކު ސާޖަރީ ފުރިހަމަކުރުމަށް ދެއްތޯ. އެހެންވެ ސާޖަރީ އަށް ފަހު ސްޕީޗް ތެރަޕީގެ މުއްދަތު ވެސް ފަސް މަސް ދުވަހަށް މަޑުކުރަން ޖެހޭތީ އަޅުގަނޑުމެންނަށް ސަރުކާރުން ދެއްވި އެހީގެ އިތުރުން އެބަ  އަރާ ދެ ލައްކަވަރަކަށް ރުފިޔާ” ސަފާ ކިޔައިދިނެވެ.

your imageމެހެކް ދެއްކި ޓްރީޓޮޕް އިން ދީފައިވާ ލިޔުންތަކެއް…

އިންޑިއާ އަށް ގޮސް އިތުރު ފަރުވާ ކުރުމަށާއި  އިންޑިއާގައި ތިބުމަށާއި ދަަތުރުތަކުގެ އިތުރުން ދަރިފުޅުގެ އެހެނިހެން ހަރަދުތައް ފަރު ޖެއްސުމަށް މިވަގުތު ދީލަތި ފަރާތްތަކުގެ އެހީއަށް ބޭނުންވީ މެހެކްގެ ބައްޕަ އަދި މުޅި އާއިލާގެ ވެސް އަތްމަތި ދަތިވެ، ހުރި ފައިސާ އިން ދެކޮޅު ނުޖެހުމުން ކަމަށް ސަފާ ކިޔައިދިނެވެ.

ސަފާ އިތުރަށް ބުނީ، އޭނާގެ ދަރިފުޅަކީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ބޮޑުވަމުން އަންނަ ކުއްޖެއްގެ ގޮތުގައި ދެކިލަން ބޭނުންވާ ކަމަށާއި ކުއްޖާ ބޮޑުވެ ރަނގަޅު ތަރުބިއްޔަތަކާއި ތައުލީމެއް ވެސް ލިބިގެންދާތަން ފެންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ދެމަފިރިންގެ އުއްމީދުތައް ހަގީގަތަކަށްވާން އަންނަނީ އެހީތެރިކަމުގެ އަތެއް އެ މީޙުންނަށް ދިއްކޮށްލައިފި ނަމަ އެވެ. އެހެންކަމުން އެ މީހުން އެދެނީ  ދެ އަހަރުނުވާ ދަރިފުޅުގެ ކަންފަތަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމެވެ. ސަފާ އެދެނީ އެހީތެރިވެން ނެތް ނަމަ މެހެކް އަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އެހީތެރިވެދިނުމަށް ބޭނުންވާނަމަ ތިރީގައިވާ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދެއްވާ!

ދިވެހި ފައިސާ: 7730000076800 އައިމިނަތު ސަފާ

ޑޮލަރު އެކައުންޓު: 7730000395190 އައިމިނަތު ސަފާ

އިތުރު މައުލޫމާތު:  7698944

44%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް