ads
ފީވަކުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް…ފޮޓޯ/އެމްޑަބްލިޔުއެސްސީ
49 މިލިއަން ރުފިޔާގެ ފެނުގެ ނިޒާމެއް ފީވަކުގައި ގާއިމްކުރަން ފަށައިފި
ށ. ފީވަކުގައި ފެނުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އަށް  ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ އަގަކީ ޖުމްލަ 49,603,418.19 މިލިއަން ދިވެހި ރުފިޔާ އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ، ފީވަކު ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ.

ފީވަކުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެރަށުގައި 9.17 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ 450 ދުވަހުގެ ތެރޭ އެ މަޝްރޫއުގެ މަސައްކަތް ނިމި ފީވަކުގެ ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް