
ނީތޫ އާއި އެ ދެމަފިރިންގެ އަންހެން ދަރި ރިއްދިމާ ކަޕޫރު ބައިވެރިވެގެން ކުރިއަށްދިޔަ ޝޯގައި ނީތޫ ވަނީ އެމީހުންގެ ދިރިއުޅުމުގައި ދިމާވި ހެއްވާ މަޖާ ކަންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.
އެގޮތުން ޝޯގެ ތެރެއިން ފެންނަ ކޮންމެ ފަހަރަކުވެސް ނީތޫ ކުރިއަށްވުރެ ފިޓްވާ ކަން ކަޕިލް ފާހަގަ ކުރި ހިސާބުން ނީތޫ ވަނީ އޭނާ ފިޓްކޮށް ހުންނަ ލޯބިކުރާ މިންވަރު ކިޔާދީފައެވެ.
އެގޮތުން ރިޝީ ވެސް ފިޓްކޮށް ހުރުމަށް ވަކި ޑައިޓެއް ފޮލޯ ކުރަން އަންގާކަން ނީތޫ ވަނީ ބުނެފައެެވެ.
"ހިކުނީމަ ނޫނީ ވާހަކަ ނުދައްކާނަމޭ" ބުނެ ހަ މަސް ވަންދެން ހުރުމުން އެންމެ ފަހުން ރިޝީ އައިސް "އާން ދެން ކޯއްޗެއް ހޭ ކާންވީ" ބުނަންދެން ވާހަކަ ނުދައްކާ ހުރިކަމަށް ނީތޫ ބުނެއެވެ. ނަމަވެސް އެހެން ކިޔާފަވެސް އެނބުރި ގޮސް ހިތު ހުރިއެއްޗެއް ރިޝީ ކާ ކަމަށް ނީތޫ އެ ޝޯގައި ބުނެފައި ވެއެވެ.
ނީތޫ ވަނީ މީގެ ކުރިން އެހެން ޝޯއެއްގައި އޭނާ އާއި ރިޝީ ލޯބީގެ ވާހަކަވެސް ކިޔާދީފައެވެ.
ނީތޫ ބުނީ ފުރަތަމަ ރިޝީ އާ ބައްދަލުވެފައި ވަނީ 1974 ވަނަ އަހަރު ކުޅުނު ފިލްމު “ޒެހްރީލާ އިންސާން”ގެ ސެޓުންނެވެ. ފުރަތަމަ ބައްދަލުވުމުން ރަހުމަތްތެރިކަން އުފެދުނެވެ.
ރިޝީ އާ ރައްޓެހި ވެގެން އުޅުމުގެ ކުރިން ރިޝީ އަށް އެހެން އަންހެނުން "އިމްޕްރެސް" ކުރަން އެހީވެދިން ގޮތް ވެސް ނީތޫ ވަނީ ކިޔާދީފައެވެ.
އަދި މަޑުމަޑުން ރިޝީ އަށް އޭނާ ކަމުދާން ފެށިކަމަށް ނީތޫ ބުނެއެވެ. އަދި ރިޝީ އޭނާ އަށް ލޯބި ހުށަހެޅީ ސިޓީ އަކުން ކަމަށް ވެސް ނީތޫ ބުނެފައި ވެއެވެ.
ނީތޫ ބުނީ ރިޝީ އެދުވަސްވަރު އުޅުނީ ފިލްމެއްގެ މަސައްކަތުގައި ޕެރިހުގައި ކަމަށެވެ. އަދި ނިތޫ އުޅުނީ ކަޝްމީރުގައި ކުރިއަށް ދިޔަ ފިލްމު ޝޫޓްއެއްގަ އެވެ. އެއް ދުވަހު ރިޝީގެ ސިޓީއެއް ލިބުމުން ހުޅުވާ ކިޔާލި އިރު އޭގައި އޮތީ ވަރަށް ނީތޫ މަތިން ހަނދާންވާކަމަށާއި އަދި ވަރަށް ލޯބި ވެސް ވާކަމަށެވެ.