ads
ރައީސް ށ. ޅައިމަގު ކައުންސިލާ ބައްދަލުކުރެއްވުން
ލާމަރުކަޒީ ގޮތުން ތަރައްގީ ކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވޭ: ރައީސް
ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ށ.ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިހްތިޔާރު ތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްގީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. 

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގުގައި ކައުންސިލު އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ކުރިޔަށްދާ އެރަށުގެ ބަނދަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެދުމާއި، ބަނދަރުގެ ޕްރޮޖެކްޓާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްކުރިޔަށްގެންދިއުމާއި ކަރަންޓުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމާއި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް ހިދުމަތް ފުޅާކުރުމާއި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރިޔަށްގެންދެވޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ހިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި އެރަށަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ވަނީ ޅައިމަގު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި އެރަށުގެ އަންހެންބޭފުޅުންކޮޅަކާއި ބައްދަލުކުރައްވައި ހިޔާލު ބަދަލުކޮށްލައްވާފައެވެ. 

ރައީސްގެ ދެކަނބަލުން މިހާރު ށ. ޅައިމަގަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް